172 ބައިވެރިންނާއެކު، ތިލަދެކުނު ޤުރްއާން މުބާރާތް މަކުނުދޫގައި ފަށައިފި

ހދ. އަތޮޅުގެ ރަށްރަށަށް ޚާއްސަކޮށްގެން ބާއްވާ ތިލަދެކުނު ޤުރުއާން މުބާރާތް، 172 ބައިވެރިންނާއެކު ހދ. މަކުނުދޫގައި ފަށައިފިއެވެ.

މި މުބާރާތުގައި އަތޮޅުގެ 15 ސްކޫލުން 164 ދަރިވަރުން ބައިވެރިވާއިރު، އަމިއްލަގޮތުން އަށް މީހަކު ބައިވެރިވިއެވެ. މި މުބާރާތުގައި 90 ކުއްޖަކު ބަލައިގެން ކިޔަވާއިރު 74 ކުދިން ކިޔަވަނީ ނުބަލާ ކިޔެވުމުގެ ބައިންނެވެ. އަދި އަމިއްލަގޮތުން ވާދަކުރާ 8 ބައިވެރިންވެސް ކިޔެވުމަށް ހަމަޖެހިފައިވަނީ ބަލައިގެން ކިޔެވުމުގެ ގޮފީގައެވެ.

މި މުބާރާތް ބޭއްވުމުގެ މައިގަނޑު މަގުސަދަކީ ދަރިވަރުންގެ ހިތްތަކުގައި ޤުރުއާނަށް ލޯބި ޖެއްސުމާއި، ތަޖުވީދުމަގުން ރީތިކޮށް ޤުރުއާން ކިޔެވުމަށް ކުދިންނަށް ހިތްވަރު ދިނުމެވެ..

މި މުބާރާތުން މި އަހަރު އެއްވަނައަށް ދާ ދަރިވަރަށާއި ބެލެނިވެރިޔާއަށް އަތޮޅު ކައުންސިލްގެ ފަރާތުން އުމްރާ ދަތުރެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ. އަދި އަމިއްލަގޮތުން ވާދަކުރާ ބައިވެރިންގެ ތެރެއިން އެއްވަނަ ހޯދާ ފަރާތަށް، ފަރީ ހައްޖު އުމްރާ ގްރޫޕުގެ ފަރާތުން އުމްރާ ދަތުރެއް ވަނީ ދެއްވާފައެވެ.

މުބާރާތުގެ ކިޔެވުން ކުރިޔަށް ދާނީ 2025 އޯގަސްޓް 12-13 އަށް ހދ. މަކުނުދޫ ކާނި މާލަމުގައެވެ. ނަތީޖާ ފާޅުކޮށް އިނާމު ދިނުމުގެ ރަސްމިއްޔާތު އޮންނާނީ 14 އޯގަސްޓް 2025 ދުވަހުގެ ރެއެވެ.