އަތޮޅުގެ ތާރީޚު

ރާއްޖޭގެ އެންމެ އުތުރުގައިވާ އަތޮޅު، ތިލަދުންމަތީގެ ނަން ނެގިފައިވަނީ ތިލަދޫ ކިޔުނު ރަށުންނެވެ. ތިލަދުއަކީ ތިލަދުންމަތީގައި އިހުއޮތް ރަށެކެވެ. ނަމަވެސް މިހާރު މިރަށްވީ ދިއްދޫއާ އެކުވެ، ދިއްދޫގެ ބައެއްގެ ގޮތުގައެވެ. ތިލަދުންމަތީގެ ބައެއްގެ ގޮތުގައި އިހަވަންދިއްޕޮޅުވެސް ހިމެނިފައިވެއެވެ.

ތިލަދުންމަތި ހިމެނޭ ސަރަޙައްދުގެ ބޮޑުކަމުން ރައްޔިތުންނަށް ދިމާވާ ދަތިތަކަށް ޙައްލެއް ގެނައުމުގެ ގޮތުން ސަރުކާރުން ތިލަދުންމަތި ދެބަޔަކަށް ބައިކުރުމަށް ނިންމެވިއެވެ. ތިލަދުންމަތި ދެބަޔަކަށް ބައިކުރެވުނީ 21 މެއި 1958 ވީ ބުދަދުވަހުގައެވެ. އެއްބަޔަށް ކިޔަނީ ތިލަދުންމަތީ އުތުރުބުރި (ހއ. އަތޮޅު) އެވެ. އަނެއްބަޔަށް ކިޔަނީ ތިލަދުންމަތީ ދެކުނުބުރި (ހދ. އަތޮޅު) އެވެ. ހއ. އަތޮޅުގައި ވެރިކަން ކުރަނީ ދިއްދޫގައެވެ. ހދ. އަތޮޅުގައި އޭރު ވެރިކަން ކުރަނީ ނޮޅިވަރަންފަރުގައެވެ. ތިލަދުންމަތި ދެބައިކުރުމަށްފަހު ތިލަދުންމަތީ އުތުރުބުރީގެ އަތޮޅުވެރިކަމަށް އަލްމުޙްތަރަމް މުޙައްމަދު ޙަސަން އަދި ތިލަދުންމަތީ ދެކުނުބުރީގެ އަތޮޅުވެރިކަމަށް އަލްމުޙްތަރަމް ޢަލީކަލޭފާނު ކުޑަތުއްތު ހަމަޖެއްސެވިއެވެ.

ތިލަދުންމަތީ ދެކުނުބުރި ނުވަތަ ހދ. އަތޮޅުގެ ވެރިކަންކުރާ ރަށަކީ ހދ. ކުޅުދުއްފުށި ކަމަށް ސަރުކާރުން ހަމަޖެއްސުމާ ގުޅިގެން 6 މެއި 1992 ބުދަދުވަހު ހދ. އަތޮޅުގެ ވެރިކަންކުރާ ރަށް ހދ. ނޮޅިވަރަންފަރުން ހދ. ކުޅުދުއްފުށްޓަށް ބަދަލުކުރެވުނެވެ. އަތޮޅުއޮފީސް ކުޅުދުއްފުށީގައި ހުޅުވުނީ 7 މެއި 1992 ވީ ބުރާސްފަތި ދުވަހުގައެވެ. ހދ. އަތޮޅުގެ ވެރިކަންކުރާ ރަށަކީ ހދ. ކުޅުދުއްފުށި ކަމަށް ސަރުކާރުން ހަމަޖެއްސެވިއިރު ހދ. އަތޮޅުވެރިޔަކީ އަލްފާޟިލް އަޙުމަދު ސަމީރު، މ.އަސަރީއާގެ އެވެ.

އޭރު، ހދ. އަތޮޅުގައި އޮންނަނީ މުޅިއެކު 30 ރަށެވެ. މީގެ ތެރެއިން މީހުން އުޅެނީ 16 ރަށުގައެވެ. ހއ. އަތޮޅަށާއި ހދ. އަތޮޅަށް ތިލަދުންމަތި ބައިކުރެވިފައިވަނީ ބާރަށު ކަނޑުއޮޅިން ރުއްފުށީ ކަނޑުއޮޅިއަށެވެ.

Loading