ތިލަދެކުނު ޤުރްއާން މުބާރާތުގެ އެއްވަނައަށް، އަތޮޅު މަދަރުސާގެ ދަރިވަރު އަލްޠާފް

ތިލަދެކުނު ޤުރްއާން މުބާރާތް 2025 ގެ ދަރިވަރުންގެ ބައިން އެއްވަނަ، ހދ. އަތޮޅު މަދަރުސާގެ ދަރިވަރު އަލްޠާފް މުޙައްމަދު ޝަފީޤު ހޯދައިފިއެވެ.

ހދ. މަކުނުދޫގައި ކުރިއަށް ގެންދިޔަ މި މުބާރާތުގެ ނިންމުމުގެ ރަސްމިއްޔާތު އޮތީ 14 އޯގަސްޓް 2025 ވީ ބުރާސްފަތި ދުވަހުގެރޭ މަކުނުދޫ ކާނި މާލަމުގައެވެ. މިރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވައި، މުބާރާތުގެ ޚާއްޞަ ވަނަތަކަށް އިނާމު ޙަވާލުކޮށްދެއްވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް، އޮނަރަބަލް ޢަބްދުއްރަޙީމް ޢަބްދުﷲ އެވެ.

މުޅިމުބާރާތުން ދެގޮފި އެއްކޮށް، 2 ވަނަ ޙާޞިލު ކޮށްފައިވަނީ ހދ. އަތޮޅު ތަޢުލީމީ މަރުކަޒުގެ ދަރިވަރު އާމިނަތު އަޙްލާ ޤާސިމް އަދި އަފީފުއްދީން ސްކޫލުގެ ދަރިވަރު އަލްސަން ޢަލީ އެވެ. އަދި 3 ވަނަ ޙާޞިލު ކުރީ އަފީފުއްދީން ސްކޫލުގެ ދަރިވަރު އަލްޔަސް އަނަސް ޙުސައިނެވެ.

މުބާރާތުގެ 1 ވަނަ ސްކޫލަކަށް ހޮވިފައިވަނީ ޖަލާލުއްދީން ސްކޫލެވެ. 2 ވަނައަށް، ހދ. އަތޮޅު ތަޢުލީމީ މަރުކަޒު ހޮވުނުއިރު، 3 ވަނަ ލިބިފައިވަނީ އަފީފުއްދީން ސްކޫލަށެވެ.

މުބާރާތުގައި އަމިއްލަގޮތުން ވާދަކުރި ބައިވެރިންގެ ތެރެއިން 1 ވަނަ ޙާޞިލުކުރީ، ހދ. ވައިކަރަދޫ ނޫވިލާ، އާއިޝަތު އާލިފާ އެވެ. 2 ވަނަ، ހދ. ނޮޅިވަރަމު އަތަމާވިލާ، ރައުހާ ޙުސައިން ހޯދި އިރު، 3 ވަނަ ލިބިފައިވަނީ ހދ. ނެއްލައިދޫ ވާދީ، އާއިޝަތު މަލްދާ އަށެވެ.

މި މުބާރާތުގެ 1 ވަނަ ޙާޞިލުކުރި އަލްޠާފް މުޙައްމަދު ޝަފީޤު އަދި ބެލެނިވެރިޔާއަށް ހދ. އަތޮޅު ކައުންސިލުން ޢުމްރާ ދަތުރެއް ވަނީ ދެއްވާފައެވެ. އަދި އަމިއްލަ ބައިން 1 ވަނަ ޙާޞިލު ކުރި އާއިޝަތު އާލިފާ އަށް، ފަރީ ޙައްޖު އެންޑް ޢުމްރާ ގްރޫޕުން ޢުމްރާ ދަތުރެއް ވަނީ ހަދިޔާ ކުރައްވާފައެވެ.

މި މުބާރާތުގައި ހދ. އަތޮޅުގެ 13 ރަށަގެ 15 ސްކޫލަކުން ވާދަކުރިއެވެ. ސްކޫލްބައިގައި ޖުމްލަ 164 ދަރިވަރުން ވަނީ ބައިވެރިވެފައެވެ. އަމިއްލަ ގޮތުން ބައިވެރިވުމަށް ހުޅުވާލި ފުރުސަތުގެ ދަށުން މި މުބާރާތުގައި، އަތޮޅުގެ 8 ކައުންސިލަކުން 8 ބައިވެރިން ވަނީ ވާދަކޮށްފައެވެ.


ތިލަދެކުނު ޤުރްއާން މުބާރާތް 2025 ގެ ނަތީޖާ