ނަޞްރުގެ ދުވަހުގެ މުނާސަބަތުގައި، ޤައުމީ ދިދަ ނެގުމުގެ ޚާއްޞަ ރަސްމިއްޔާތު ބާއްވައިފި

މިއަހަރުގެ ނަޞްރުގެ ދުވަހުގެ މުނާސަބަތުގައި، ޤައުމީ ދިދަ ނެގުމުގެ ޚާއްޞަ ރަސްމިއްޔާތެއް ބާއްވައިފިއެވެ.

މިރޭ 12 ޖެހިއިރު، ހދ. އަތޮޅު ކައުންސިލްގެ އިދާރާގައި ބޭއްވި މި ރަސްމިއްޔާތުގައި ޤައުމީ ދިދަ ނަންގަވައިދެއްވީ، ކައުންސިލްގެ ރައީސް އަލްއުސްތާޛު އަޙްމަދު އިބްރާހީމެވެ.

މިރަސްމިިއްޔާތު ފެށުމުގެ ގޮތުން، ކީރިތި ޤުރުއާން ކިޔަވައިދެއްވީ، ޖަލާލުއްދީން ސްކޫލުގެ އިސްލާމް މުދައްރިސް، އަލްފާޟިލް ޙަސަން ޞަބާޙެވެ. އަދި ރަސްމިއްޔާތު ތަޢާރަފްކޮށްދެއްވީ ކައުންސިލް އިދާރާގެ ޑެޕިއުޓީ ޑިރެކްޓަރ އަލްފާޟިލް އަޙްމަދު ޢިމާދެވެ.

މިރަސްމިއްޔާތުގައި ކައުންސިލްގެ ރައީސް ދެއްކެވި ވާހަކަފުޅުގައި ނަޞްރުގެ ދުވަހުގެ ބަޠަލުން ކަމުގައިވާ ޝަހީދުންގެ ޒިކުރާ އާކުރެއްވިއެވެ. އަދި ކުޅުުދުއްފުށީގެ ދަރިއެއްކަމުގައިވާ މާވާގެ ޝަހީދު ޙުސައިން އާދަމްގެ ޖިހާދުން ޢިބްރަތް ޙާޞިލު ކުރެއްވުމަށް އެދިވަޑައިގެންނެވިއެވެ. މިރަސްމިއްޔާތުގައި، ގޮތްނޭނގޭ ބައްޔެއް ތަހައްމަލް ކުރަމުން ގެންދާ، ނެއްލައިދޫގެ 17 އަހަރުގެ ކުއްޖެއްކަމަށްވާ އިބްރާހީމް ޒާހިލްގެ ފަރުވާއަށް ބޭނުންވާ ފައިސާ އެއްކުރުމަށް ޚާއްޞަ ފަންޑު ފޮއްޓެއް އިފްތިތާޙު ކުރެވުނެވެ.

މިރަސްމިއްޔާތުގައި އަތޮޅު ކައުންސިލާއި ރަށު ކައުންސިލްގެ ބައެއް މެމްބަރުންނާއި، ކުޅުދުއްފުށީގައި ހުރި ސަރުކާރުގެ އިދާރާތަކުގެ ވެރީންނާއި ގިނަ ޢަދަދެއްގެ މުވައްޒަފުން ބައިވެރިވެލެއްވިއެވެ.