ކުރިއަށް އޮތް އަހަރުގެ ރައީސަކަށް ޙުސައިން ޙަސަން، އަދި ނާއިބު ރައީސަކަށް އިބްރާހީމް ޢަލީ އިންތިޚާބު ކުރައްވައިފި

03 ޖޫން 2018 އިން ފެށިގެން ކުރިއަށް އޮތް އަހަރުގެ އަތޮޅު ކައުންސިލްގެ ރައީސަކަށް، ނޮޅިވަރަމު ދާއިރާގެ މެމްބަރު އަލްފާޟިލް ޙުސައިން ޙަސަން، އަދި ނާއިބު ރައީސަކަށް މަކުނުދޫ ދާއިރާގެ މެމްބަރު އަލްފާޟިލް އިބްރާހީމް ޢަލީ އިންތިޚަބު ކުރައްވައިފިއެވެ.

މިއަދު 11:00 ގައި ބޭއްވުނު ހދ. އަތޮޅު ކައުންސިގެ 3 ވަނަ ދައުރުގެ 48 ވަނަ ޖަލްސާގައި، ރައީސްކަމުގެ މަޤާމަށް ކުރިމަތި ލެއްވުމަށް ހުޅުވާލެއްވުމުން އަލްފާޟިލް ޙުސައިން ޙަސަންގެ އިތުރުން އެމަޤާމަށް ކުރިމަތި ލެއްވީ ކުޅުދުއްފުށީ ދެކުނުދާއިރާގެ މެމްބަރު އަލްފާޟިލް އަޙްމަދު އާޠިފެވެ. މިމަޤާމަށް ޙުސައިން ޙަސަންގެ އިންތިޚާބު ވެފައިވަނީ ވޯޓުގައި ބައިވެރިވި 6 މެންބަރުންގެ ތެރެއިން 4 މެމްބަރުންގެ ވޯޓު ލިބިވަޑައިގެންނެވެ.

ނާއިބުރައީސްގެ މަޤާމަށް ކުރިމަތިލެއްވީ މަކުނުދޫ ދާއިރާގެ މެމްބަރު އަލްފާޟިލް އިބްރާހީމް ޢަލީ އެކަންޏެވެ. އިބްރާހީމް ޢަލީވެސް އިންތިޚާބު ވެފައިވަނީ 6 މެންބަރުންގެ ތެރެއިން 4 މެމްބަރުންގެ ވޯޓު ލިބިވަޑައިގެންނެވެ.

ހދ.އަތޮޅުކައުންސިލްގެ ހިންގާ ޤަވާޢިދުގައިވާ ގޮތުގެ މަތިން ކައުންސިލްގެ ރައީސާއި ނާއިބު ރައީސްގެ މުއްދަތަކީ 1 އަހަރެވެ. އެހެން ކަމުން ކޮންމެ އަހަރަކުވެސް އިންތިޚާބު ބާއްވައި، ރައީސާއި ނާއިބު ރައީސްގެ މަޤާމަށް މެމްބަރުން އިންތިޚާބު ކުރެވެއެވެ. 3 ވަނަ ދައުރުގެ އަތޮޅު ކައުންސިލްގެ މެމްބަރުން މަޤާމާ ޙަވާލުވެވަޑައިގެންފައިވަނީ 3 ޖޫން 2017 ގައެވެ.