ނެއްލައިދޫގައި ޢިމާރާތްކުރި ރަށްވެހިހިޔާ ހުޅުވައިފި

ހދ.އަތޮޅު ކައުންސިލާއި ނެއްލައިދޫ ކައުންސިލް ގުޅިގެން ނެއްލައިދޫގައި ޢިމާރާތްކުރި ދެކޮޓަރީގެ އެޕާރޓްމަންޓް، ރަށްވެހިހިޔާ ހުޅުވައިފިއެވެ.

ނެއްލައިދޫ ކައުންސިލްގެ މާލިއްޔަތު އިތުރު ކުރުމަށް ޢިމާރާތްކުރި ރަށްވެހިހިޔާ ހުޅުއްވައިދެއްވީ، ހދ.އަތޮޅު ކައުންސިލްގެ ރައީސް އަލްފާޟިލް ޙުސައިން ޙަސަނާއި، ނެއްލައިދޫ ކައުންސިލްގެ ރައީސް އަލްފާޟިލް އިބްރާހީމް ނާޒިމެވެ. މިޢިމާރާތަކީ އަތޮޅު ކައުންސިލުން 175000 ރުފިޔާ އަދި ނެއްލައިދޫ ކައުންސިލުން 224000 ރުފިޔާ ޚަރަދުކޮށްގެން ހަދާފައިވާ ޢިމާރާތެކެވެ.

މިކަމަށްޓަކައި، 22 އޮކްޓޫބަރ 2018 ވީ ހޯމަދުވަހު ނެއްލައިދޫ ސްކޫލުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން، އަތޮޅު ކައުންސިލްގެ ރައީސް އަލްފާޟިލް ޙުސައިން ޙަސަން ވިދާޅުވީ، ކައުންސިލްތަކާ ގުޅިގެން، އަތޮޅު ކައުންސިލުން ހިންގާ މި މަޝްރޫއަކީ، ވަރަށް ބޮޑު މަޝްރޫޢެއް ކަމަށާއި، ރަށުކައުންސިލްތަކުން ރަށުލެވެލްގައި ހިންގުމަށް ބޭނުންވާ މަޝްރޫޢުތަކަށް ފައިސާ ހޯދުމަށް ހުޅުވޭ ދޮރެއް ކަމަށެވެ. މީގެ ފައިދާ ކައިރި މުސްތަގުބަލެއްގައި ރަށުގެ ރައްޔިތުންނަށް ލިބިގެންދިޔުމަށް އުއްމީދުކުރައްވާ ކަމުގައި ރައީސް ވިދާޅުވިއެވެ. މީގެ އިތުރުން، ކައުންސިލްގެ މިދައުރުގައި ކޮންމެ ރަށެއްގައިވެސް އިޖުތިމާޢީ، ނުވަތަ އިޤްތިޞާދީ މަޝްރޫއެއް ހިންގަވާނެ ކަމަށް ރައީސްގެ ވާހަކާގައި ފާހަގަ ކުރެއްވިއެވެ.

މިރަސްމިއްޔާތުގައި ވާހަކަދައްކަވަމުން، އަތޮޅު ކައުންސިލްގެ މެމްބަރ އަލްފާޟިލް މުޙައްމަދު ވަސީމް ވިދާޅުވީ ލާމަރުކަޒީ ނިޒާމު، ޤާނޫނުގައި ކިތަންމެ ފަށުވިކޮށް ލިޔެވިފައިވީ ނަމަވެސް، މިނިޒާމު ހިންގަމުން މިއައީ، ކައުންސިލްތަކަށް ލިބެންޖެހޭ ބާރުތައް ލިބިގެން ނޫންކަމަށާއި، ނަތީޖާއެއްގެ ގޮތުން، ކައުންސިލްތައް މަސައްކަތް ކުރަންޖެހިފައިވަނީ ވަރަށްބޮޑު ދަތިތަކާ ގޮންޖެހުންތަކަކާއެކު ކަމަށެވެ. އެހެންކަމުން، ކައުންސިލަށް ލިބޭ ކުޑަކުޑަ އަމްދަނީން، ރައްޔިތުން އެދޭކަންކަން ކޮށްދިނުމަށް ކައުންސިލުން ވަނީ ނުކުޅެދިފައިކަން މުޙައްމަދު ވަސީމް ފާހަގަ ކުރެއްވިއެވެ. ކައުންސިލުން މިދައުރުގައި ނިންމަވާފައިވަނީ، އެހެން މުވައްސަސާތަކުން ހިންގުމަށް ލާޒިމުކުރެވިފައިވާ ކަންކަމަށް ފަންޑުކުރުމުގެ ބަދަލުގައި، ރަށުކައުންސިލްތައް ބާރުވެރި ކުރުވުމަށް އެހީތެރިވުން ކަމުގައި ވަސީމް ވިދާޅުވިއެވެ.

މިރަސްމިއްޔާތުގައި ނެއްލައިދޫ ކައުންސިލްގެ ރައީސް އަލްފާޟިލް އިބްރާހީމް ނާޒިމްވެސް ވާހަކަ ދެއްކެވިއެވެ. އިބްރާހީމް ނާޒިމުގެ ވާހަކާގައިވެސް ލާމަރުކަޒީ ނިޒާމު ބައްޓަންވެފައިވާ ގޮތުން ކައުންސިލްތައް ހިންގުމަށް ދަތިވެފައިވާ މިންވަރު ފާހަގަ ކުރެއްވިއެވެ.

ނެއްލައިދޫގައި ޢިމާރާތްކުރި ރަށްވެހިހިޔާގެ މަސައްކަތް ކޮށްފައިވަނީ އެރަށު ޖޭ.ޖޭ. އިންވެސްޓްމަންޓާ ޙަވާލު ކޮށްގެންނެވެ. ނެއްލައިދޫގެ އިތުރުން، ކުޅުދުއްފުށީ، ނޮޅިވަރަން، ކުމުންދޫ، އަދި ނޭކުރެންދޫގައިވަނީ އަތޮޅު ކައުންސިލުން 175000 ޚަރަދުކޮށް، ދެކޮޓަރީގެ އެޕާރޓްމަންޓެއް ޢިމާރާތް ކުރެވިފައެވެ.