ނޭކުރެންދޫގައި ޢިމާރާތްކުރި އެޕާރޓްމަންޓް ހުޅުވައިފި
ހދ.އަތޮޅު ކައުންސިލާއި ނޭކުރެންދޫ ކައުންސިލް ގުޅިގެން އެރަށުގައި ޢިމާރާތްކުރި އެޕާރޓްމަންޓް ހުޅުވައިފިއެވެ.
މިކަމަށްޓަކައި، މިއަދު އެރަށުގައި ބޭއްވި ރަސްމިއްޔާތުގައި މިޢިމާރާތް ހުޅުއްވައިދެއްވީ ހދ.އަތޮޅު ކައުންސިލްގެ ރައީސް އަލްފާޟިލް ޙުސައިން ޙަސަނާއި، މަކުނުދޫ ދާއިރާގެ މަޖިލިސް މެމްބަރު އުސްތާޛާ އަނާރާ ނަޢީމެވެ.
މިރަސްމިއްޔާތުގަ އުސްތާޛާ އަނާރާ ނަޢީމް ދެއްކެވި ވާހަކަފުޅުގައި މިފަދަ މަޝްރޫއެއް ފައްޓަވައިގެން ކުރިއަށް ގެންދަވާކަމަށްޓަކައި އަތޮޅު ކައުންސިލަށް ޝުކުރު އަދާކުރެއްވިއެވެ. އަދި އަކަމަނާ މަސައްކަތް ކުރައްވާނީ، އަލަށް އިންތިޚާބުވި ސަރުކަރާ ގުޅިގެން ކައުންސިލްތައް ބާރުވެރިކުރުމަށާއި، ރަށްރަށަށް ތަރައްޤީ ހޯއްދަވައި ދެއްވުމަށްކަމުގައި ވިދާޅުވިއެވެ. އަދި ރަށުން މިފެންނަ ޢިމާރާތްތަކާއި، ތަރައްޤީއަށް ކުރެވޭ މަސައްކަތް ތަކުން ރަމްޒުކޮށްދެނީ އެކުވެރިކަން ކަމަށާއި، ނޭކުރެންދޫއަށް ލިބޭ ކުރިއެރުމުގެ އަސްލަކީ ރައްޔިތުންގެ ބުރަ މަސައްކަތް ކަމުގައި ވިދާޅުވިއެވެ.
އަނާރާގެ ވާހަކަފުޅު ކުރިއަށް ގެންދަވަމުން އިތުރަށް ވިދާޅުވީ، އަޅުގަނޑުމެން އެންމެންވެސް އަމާޒު ކުރަންވާނީ ރަށަށް ލިބެން ހުރި ކުރިއެރުންތަކަކީ ކޮބައިތޯ ރަށަށް ގެނެވިދާނެ މަޝްރޫޢުތަކަކީ ކޮބައިތޯ އަދި ރަށް އާބާދު ކުރެވޭނީ ކިހިނެތް ހަދައިގެންތޯ ކަމަށާއި، ހިޖުރަ ކުރުމުގެ މައްސަލަ ނޭކުރެންދޫއަށް ދިމާވެފައިވާތީ، މިރަށް އާބާދުކުރުމަށް މުހިއްމު މަޝްރޫއެއް 2019 ވަނަ އަހަރުގެ ބަޖެޓްގައި ހިމަނައިދެއްވުމަށް ސަރުކާރުގައި އެދިވަޑައިގެންފައިވާނޭ ކަމަށްވެސް އަނަރާ ނަޢީމު ވިދާޅުވިއެވެ.
މިރަސްމިއްޔާތުގައި ވާހަކަދައްކަވަމުން، އަތޮޅު ކައުންސިލްގެ ނާއިބު ރައީސް އަލްފާޟިލް އިބްރާހީމް ޢަލީ ވިދާޅުވީ އަތޮޅު ކައުންސިލްގެ މަޤްޞަދަކީ، މިދައުރުގައި ކައުންސިލްތަކަށް މަޝްރޫޢުތައް ހިންގުމަށް އެހީތެރިކަން ދިނުމަށްފަހު އަންނަ ދައުރުގައި އެހެން މުވައްސަސާތަކަށްވެސް އެހީތެރިކަން ފޯރުކޮށްދެވޭނެ ގޮތްތަކެއް ހޯދުން ކަމަށެވެ. އަޅުގަނޑުމެންގެ ވިސްނުމުގައި ފިކުރީ ތަފާތުތަކެއް ހުރިކަމުގައިވީ ނަމަވެސް މަސައްކަތަކާ ހަމައަށް އައިސް، ރަށުގެ ތަރައްޤީއާ ހަމައަށް އައީމާ އަޅުގަނޑުމެންގެ ވިސްނުން ބަދަލުކޮށް އެއްވިސްނުމެއްގައި އެއް އަމާޒެއްގައި މަސައްކަތް އެބަ ކުރެވޭ ކަމަށާއި، އަޅުގަނޑުމެން މިދެކޭ ތަރައްޤީ އަކީ މިއީ ކަމުގައި އިބްރާހީމް ޢަލީ ވިދާޅުވިއެވެ. މީގެ އިތުރުން، ރައްޔިތުންގެ ފަރާތުން ރަށުގައި މިފަދަ ކޮންމެވެސް ކަމެއް ކުރުމަކީ، ލިބިގެންދާނެ ވަރަށްބޮޑު ތަރައްޤީއެއް ކަމުގައި އަލްފާޟިލް އިބްރާހީމް ޢަލީ ވިދާޅުވިއެވެ.
ނޭކުރެންދޫގައި ޢިމާރާތްކުރި އެއް ކޮޓްރީގެ އެޕާޓްމަންޓަކީވެސް ރަށުކައުންސިލްގެ މާލިއްޔަތު އިތުރު ކުރުމަށް، އަތޮޅު ކައުންސިލުން 175،000 ޚަރަދު ކުރެވިގެން ޢިމާރާތް ކުރެވުނު ތަނެކެވެ.