ހަނިމާދޫގައި ޢިމާރާތް ކުރާ ހިނަވާގޭގެ ބިންގާ އަޅައިފި

ހދ.އަތޮޅު ކައުންސިލުން އެހީދީގެން، ހަނިމާދޫގައި އަލަށް ޢިމާރާތްކުރާ ހިނަވާގޭގެ ބިންގާ އަޅައިފިއެވެ.

މިހިނަވާގޭގެ ބިންގާ އަޅުއްވައިދެއްވީ، މިކަމަށްޓަކައި އިއްޔެ އެރަށުގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައި ހދ.އަތޮޅު ކައުންސިލްގެ ރައީސް އަލްފާޟިލް އާދަމް ޢަލީ އާއި ހަނިމާދޫ ކައުންސިލްގެ ރައީސް އަލްފާޟިލް ޢަބްދުއްސަލާމް ޢަލީއެވެ.

މިރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ހދ.އަތޮޅު ކައުންސިލްގެ ރައީސް އަލްފާޟިލް އާދަމް ވިދާޅުވީ، ހިނަވާގެ ނެތް ރަށްރަށްރަށުގައި ސަރުކާރުން މިސްކިތްތައް އަޅުއްވާއިރު ހިނަވާގެއަކާއެކު ޢިމާރާތް ކުރުމަކީ ވަރަށް މުހިންމު ކަމެއް ކަމުގައެވެ. އަދި ހަނިމާދޫއަކީ ޒަމާނީ ފެންވަރުގެ ހިނަވާގެއެއް ހުރުން މުހިއްމު ރަށެއް ކަމުގައި ވިދާޅުވިއެވެ.
ރައީސް އިތުރަށް ވިދާޅުވީ، ކައުންސިލްގެ މިދައުރުގައި ހަމަހަމަކަމާއެކު ރަށްރަށުގައި މިފަދަ ތަރައްޤީގެ މަޝްރޫއުތައް ހިންގުމަށް އިސްކަން ދެއްވަ ކަމުގެވެ.

މިމަޝްރޫޢަކީ އަތޮޅު ކައުންސިލުން އެހީދީގެން މިދައުރުގައި އަތޮޅުގެ ކޮންމެ ރަށެއްގައި ތަރައްޤީގެ މަޝްރޫއެއް ހިންގުމަށް ފުރުޞަތު ހުޅުވާލުމުން ހަނިމާދޫ ކައުންސިލުން ހުށަހަޅާފައިވާ މަޝްރޫއެކެވެ. މިމަޝްރޫއަށް އަތޮޅު ކައުންސިލުން 175،000 ރުފިޔާ ޚަރަދު ކުރެއެވެ. ތިންލައްކަ އައްޑިހަދެހާސް ޚަރަދުކޮށްގެން ޢިމާރާތްކުރާ މިހިނަވާގެ ޢިމާރާތްކުރުމުގެ 51 އިންސައްތަ ހަނިމާދޫ ކައުންސިލުން ހިއްސާވެއެވެ. މިޢިމާރާތުގެ މަސައްކަތް ކުރުމަށް ހަމަޖެހިފައިވަނީ އެރަށު ބީ ތްރީ ކޮންސްޓްރަކްޝަންއާ ޙަވާލުކޮށްގެންނެވެ.

އަތޮޅު ކައުންސިލުން ޚަރަދުކޮށްގެން އިތުރު ދެރަށެއްގައި މިއަހަރު މަޝްރޫޢުތައް ހިންގުމަށް ހަމަޖެހިފައެވެ.