މަޒުމޫނު: ޙުސައިން ނަޖާޙް އާދަމް – ހދ. ހިރިމަރަދޫ ސްކޫލް


މިނިވަން ވަރުގަދަ ޤައުމެއް ބިނާކުރުމުގައި ޤައުމިއްޔަތާއި އޭގެ ދައުރު

ލިޔުނީ: ޙުސައިން ނަޖާޙް އާދަމް – ހދ. ހިރިމަރަދޫ ސްކޫލް


މިނިވަންކަމޭ ބުނެވެނީ އެއްވެސް ބައެއްގެ އަޅުވެތިކަމުގެ ދަށުގައިނުވާ ނަމައެވެ. މިނިވަން ވަރުގަދަ ޤައުމެއް ބިނާކުރުމުގައި ޤައުމިއްޔަތާއި އޭގެ ދައުރު ވަރަށްވެސް ބޮޑެވެ. ޤައުމެއް ބިނާކުރެވޭނީ އެ ޤައުމެއްގެ ދީނާއި، ސަގާފަތް އެނގި ދަސްވެގެންނެވެ. އެހެންކަމުން އަޅުގަނޑު މި މަޒުމޫނުގައި އަލިއަޅުވައިލާނީ މިނިވަން ވަރުގަދަ ޤައުމެއް ބިނާކުރުމުގައި ޤައުމިއްޔަތާއި  އޭގެ ދައުރުގެ ބޮޑުކަމާ ބެހޭގޮތުންނެވެ.

ޤައުމެއް ބިނާކުރެވޭނީ އެ ޤައުމަށް ހެޔޮއެދޭ ރަނގަޅު ދަރީންތަކެއް ތިބެގެންނެވެ. ޤައުމުދެކެ ލޯބިވާ ދަރީންތަކެއް ތިބެގެންނެވެ. ޤައުމުދެކެ ހަޤީޤީ ލޯބި ވެވޭނީ އެ ޤައުމަކުން ބޭނުންވާ ބޭނުންތައް ބޭނުންވެ އެނގުމުންނެވެ. އަމިއްލަ އެދުންތަކުގެ ބަދަލުގައި ޤައުމު އިސްކުރާންވާނެއެވެ. ޤައުމައްޓަކައި ކޮންމެ ޤުރުބާނީއެއްވެސް ވާން ތައްޔާރަށް ތިބޭނަމަ އެ ޤައުމެއް ކުރިއަރައި ދާނެކަން ޔަޤީނެވެ.  މިނިވަން ވަރުގަދަ ޤައުމެއް ބިނާކުރުމުގައި އެންމެން އެކަތިގަނޑަކަށްވެ، އެކުގައި މަސައްކަތް ކޮށްފިނަމަ އެ ޤައުމަކީ ވަރުގަދަ މިނިވަން ޤައުމަކަށް ވާނެކަމީ ޝައްކެއްވެސް އޮތްކަމެއް ނޫނެވެ.  އެހެންކަމުން ޤައުމިއްޔަތަކީ މިނިވަން ވަރުގަދަ ޤައުމެއް ބިނާކުރުމުގައި ވަރަށްވެސް މުހިންމު ރޯލެއް އަދާކުރާ ކަމެކެވެ.

ޤައުމެއް ޤައުމެއްގެ ގޮތުގައި އޮންނާނީ އެ ޤައުމެއްގެ ތަރުބިއްޔަތު އެ ޤައުމަކާމެދު އޮންނަ ގޮތަކަށެވެ. އެ ޤައުމުގެ ދަރިންނަކީ ދީނުގެ މިންގަނޑު ތަކުގައި ހިފާ ހެޔޮލަފާ ދަރީންތަކަކަށް ވާންޖެހޭނެއެވެ. ޤައުމަށް ފުށުއަރާ އެންމެހާ ކަންކަމުން ދުރުވެ ތިބޭ ބަޔަކަށް ވާން ޖެހެއެވެ. އެހެންނޫންނަމަ އެ ޤައުމެއް ދާނީ ހަލާކުވެގެންނެވެ. ޤައުމުގެ ފަރުދުންގެ މެދުގައި އޮންނާނީ ފިތުނަ ފަސާދައެވެ. ޤައުމުގެ ތެރޭގައި އެއްވެސް އަމަން އޮމާން ކަމެއް ނޯންނާނެއެވެ. އެހެންކަމުން ޤައުމެއް ބިނާކުރުމަށްޓަކައި އެ ޤައުމެއްގެ ދަރީންނަށް ރަނގަޅު ތަރުބިއްޔަތެއް ދޭންޖެހެއެވެ.

މިނިވަން ވަރުގަދަ ޤައުމެއް ބިނާކުރެވޭނީ އެ ޤައުމެއްގެ ދަރީންގެ ހިތްތަކުގައި ޤައުމިއްޔަތާއި ޤައުމީ ލޯބި އަދި ރޫހު އާލާވެގެންނެވެ. ޤައުމަށް ކާބަފައިން ކޮށްދީފާ ހުރި ޖިހާދުތަކުގެ ވާހަކަ ކިޔައިދީގެންނެވެ. އަދި އެ ޤައުމުގެ ކާބަފައިން ކޮށްފައިވާ މިންނެތް މަސައްކަތް ތަކުގެ ވާހަކަ ކިޔައިދީގެންނެވެ. އޭރުން އެކުދިންނަށް އެކަން އެނގި ވިސްނި ޤައުމީ ރޫހު ހިތުގައި އާލާވެ، ހިތްތަކުގައި ޤައުމިއްޔަތަށް އޮންނަ ލޯބި އިތުރުވެގެންދާނެއެވެ. އެހެންކަމުން މިނިވަން ޤައުމެއް ބިނާކުރުމަށް ޤައުމިއްޔަތުގެ ރޫހު އެ ޤައުމެއްގެ ދަރިންގެ ހިތްތަކުގައި އާލާ ކުރުން މުހިންމެވެ.

ޤައުމު ކުރިއެރުވުމުގައި އެ ޤައުމެއްގެ މީހުންގެ ފަރުދީ ޒިންމާ ވަރަށްވެސް ބޮޑެވެ. ޤައުމަށްޓަކައި ކުރަންޖެހޭ ކަންކަން ނުހަނު ގިނައެވެ. މިގޮތުން ޤައުމު ދެކެ ލޯބިވާނަމަ އެ ޒިންމާ އަދާކުރާނެއެވެ. ޤައުމަށް ކޮށްދޭންޖެހޭ ކޮންމެ ކަމެއް ކޮށްދޭން ހުންނާނީ ތައްޔާރަށެވެ. ޤައުމަށްޓަކައި ކުރަންޖެހޭ އެއްވެސް ކަމެއްގައި ފަހަތަކަށް ނުޖެހޭނެއެވެ. ޤައުމަކަށް ބޭނުން ވާނީ މި ފަދަ ދަރީންނެވެ. ޤައުމަށްޓަކާ ޖާނުން ފިދާވާ ދަރިންތަކެކެވެ. އެހެންކަމުން ވަރުގަދަ މިނިވަން ޤައުމެއް ބިނާކުރުމަށްޓަކައި ޤައުމިއްޔަތު ވަރުގަދަ ވާންޖެހޭނެއެވެ.

އެހެންކަމުން މިނިވަން ވަރުގަދަ ޤައުމެއް ބިނާކުރުމުގައި ޤައުމިއްޔަތާ އޭގެ ދައުރު ވަރަށް މުހިންމެވެ. އެހެނީ ޤައުމެއް ވަރުގަދަ މިނިވަން ކަމެއްގެ މަތީ އޮންނާނީ އެ ޤައުމެއްގައި ހެޔޮލަފާ ދަރިންތަކެއް ތިބެ، އެދަރިންނަކީ ރަނގަޅު ތަރުބިއްޔަތެއް ލިބިފައިވާ ދަރިންތަކަކަށް ވެގެންނެވެ. އަދި އެ ދަރީންގެ ކާބަފައިން ވެފައިވާ ޖިހާދުތައް އެ ދަރިންނަށް އެނގި އެދަރީންނަކީ ފަރުދީ ޒިންމާތައް އަދާކުރާ ބަޔަކަށް ވެގެންނެވެ. އޭރުން އެ ޤައުމެއް އޮންނާނީ ވަރުގަދަ މިނިވަންކަމުގެ މަތީގައެވެ. މިހެން ކަމުން ޤައުމިއްޔަތާއި އޭގެ ދައުރަކީ މިނިވަން ވަރުގަދަ ޤައުމެއް ބިނާކުރުމުގައި ވަރަށްވެސް މުހިންމު ދައުރެއް އަދާކޮށްދޭ އެއްޗެކެވެ.

*****

Loading