މަޒުމޫނު: އަޝްފާ އަސްލަމް – ހދ. ކުމުންދޫ ސްކޫލް


މިނިވަން ވަރުގަދަ ޤައުމެއް ބިނާކުރުމުގައި ޤައުމިއްޔަތާއި އޭގެ ދައުރު

ލިޔުނީ: އަޝްފާ އަސްލަމް – ހދ. ކުމުންދޫ ސްކޫލް


މިނިވަން ކަމަކީ ކޮންމެ ޤައުމެއްގެވެސް ބިންގަލެވެ. މިނިވަންކަން ވަރުގަދަ ކުރުމަށްޓަކައި ކޮންމެ ޤައުމަކުންވެސް ގިނަގުނަ މަސައްކަތްތައް ކުރާނެކަމީ ޝައްކެއްވެސް ނެތް ގޮތުގައި ޔަޤީންވާކަމެކެވެ. މިނިވަންކަން ވަރުގަދަ ކުރުމަށްޓަކައި ޤައުމިއްޔަތަކީ އޭގެ ޒާތުގައި އެންމެ މުހިންމު ދައުރެއް އަދާކުރާ އެއްޗެވެ. އަދުގެ ކުދިންގެ ހިތްތަކުގައި ޤައުމީ ރޫހު އާލާކުރުމާއި، ބަސް ކުރިއަރުވަން މަސައްކަތްކުރުމާއި,  ސަޤާފަތް ދިރުވަން މަސައްކަތް ކުރުމުގެ އިތުރުން ޤައުމު މިނިވަންވުމަށްޓަކައި ކުރިމަތިލި ގޮންޖެހުންތަކާއި ހުރަސްތައް އަދުގެ ޤައުމުގެ އަހުލުވެރިންނަށް ކިޔައިދިނުމަކީ ޤައުމިއްޔަތާއި ގުޅުންހުރި ކުރިއަށް އޮތް ޖީލުތަކުގައި މިނިވަންކަން ވަރުގަދަ ކުރުމަށްޓަކައި ކުރެވިދާނޭ ކަންކަމެވެ.

ކިޔަވާ ކުދިންގެ ހިތްތަކުގައި ޤައުމީ ރޫހު އާލާކުރުމަކީ މިނިވަންކަން ވަރުގަދަ ކުރުމަށް އެޅޭ މުހިއްމު ފިޔަވަޅެކެވެ. ސަބަބަކީ އެކުދިންގެ ހިތްތަކުގައި ޤައުމީ ރޫހު އާލާވުމުން ޤައުމާއި ގުޅޭ ގިނަ ކަންތައްތަކެއް އަމިއްލައަށް ހޯދައި މަޢުލޫމާތު އިތުރުކުރަން އެކުދިން ބޭނުންވާނެއެވެ. މިފަދަ ކުދިންނަކީ ކުރިއަށް އޮތް ޖީލުތަކަށް ޤައުމު މިނިވަން ޤައުމެއްގެ ގޮތުގައި ގެންދިއުމަށް އެހީވެދޭނެ ކުދިބައެކެވެ. އަދުގެ ކިޔަވާ ކުދިންނަކީ މާދަމާ ޤައުމާއި ހަވާލުވާން ތިބޭ އިސް ލީޑަރުން ކަމުގައިވާއިރު އެކުދިންގެ ހިތްތަކުގައި ޤައުމީ ރޫހު އާލާކުރުމީ މިނިވަންކަން ވަރުގަދަ ކުރުމަށްޓަކައި އެޅޭ ނުހަނު ވަރުގަދަ ފިޔަވަޅެކެވެ.

އެ ޤައުމެއްގެ އަމިއްލަ ބަސް ކުރިއަރުވައި އާލާކުރުމަކީ އެޤައުމެއްގެ ޤައުމިއްޔަތާއި ގުޅި ލާމެހިފައިވާ ކަމެކެވެ. ކޮންމެ ޤައުމެއްގެވެސް އެބައެއްގެ އަމިއްލަ ބަސް ރަމްޒުކޮށްދެނީ އެމީހުންގެ އަމިއްލަވަންތަކަމާއި މިނިވަންކަމެވެ. ބަހަށް އޮންނަ ލޯތްބާއި ޤަދަރެވެ. ބަސް ކުރިއެރުވުމަށްޓަކައި ބަހުގެ ޤަވާއިދުތަކާއި އަކުރުތަކުގެ އަޑުތައް ކުރިއަށްއޮތް ޖީލުތަކަށް ޤައުމު ގެންދަން ހުރި ކުދިންނަށް ކިޔައިދިނުމަކީ ކުރެވިދާނެ މުހިއްމު ކަންކަމެވެ. ވުމާއެކު މިނިވަންކަން ވަރުގަދަ ޤައުމެއް ބިނާކުރުމަށްޓަކައި ބަސް ކުރިއެރުވުމަކީ ބޭނުންތެރި ކަމެކެވެ.

ޤައުމުގެ އަމިއްލަވަންތަކަމާއި އެހެން ޤައުމުތަކާއި ހުރި ތަފާތު ފާޅުކަންބޮޑު ގޮތެއްގައި ރަމްޒުކޮށްދެނީ އެބައެއްގެ ޤައުމިއްޔަތާއި ގުޅިފައިވާ އެބައެއްގެ ސަގާފަތެވެ. ސަގާފަތް ގިނަ ގޮތްތަކަކަށް މާނަކުރެވޭ އިރު ސަގާފަތުގެ ތެރޭގައި އެބައެއްގެ ދީނާއި، ހެދުން އެޅުމުގެ ވައްޓަފާޅިއާއި، ކުޅިވަރާއި މީގެ އިތުރުންވެސް ގިނަ ކަންތައްތަކެއް އެކުލެވިގެންވެއެވެ. އެޤައުމެއްގެ ސަގާފަތް ކުރިއަރުވައި އާލާކުރުމަށްޓަކައި ތަފާތު މުނާސަބަތު ތަކުގައި ސަގާފީ ކުޅިވަރުތައް ކުޅެވިދާނެއެވެ. އެ ކުޅިވަރުތަކުގައި ހުންނަ ގަވައިދުތަކާއި އެހެން ޤައުމުތަކުގައި ކުޅޭ ކުޅިވަރުތަކުގެ ގަވައިދާއި މަސްހުނި ނުވާފަދަ ގޮތަކަށް ކުޅުމަކީ ސަގާފީ ކުޅިވަރުތައް މުޖުތަމައުގައި ދިރުވިދާނެ ގޮތެކެވެ. އެހެންކަމުން މިނިވަންކަން ވަރުގަދަ ޤައުމެއް ބިނާ ކުރުމަށްޓަކައި ސަގާފަތް ކުރިއެރުވުމަކީ ނުހަނު މުހިއްމުކަމެކެވެ.

މިނިވަންކަން ވަރުގަދަ ޤައުމެއް ބިނާކުރުމަށްޓަކައި އެ ޤައުމު މިނިވަން ކުރުމަށްޓަކައި ޤައުމުގެ ބަޠަލުން ކުރިމަތިލި ދަތިތަކާއި ހުރަސްތަކަކީ ގައުމުގެ ތާރީހެވެ. ގިނަ ކުދިންނަކީ މިކަންކަމަށް ބީރަށްޓެހި ކުދިންކަމުގައި ވީނަމަވެސް ޤައުމުގެ ތާރީހާއި ބެހޭގޮތުން އެ ޤައުމެއްގެ މީހުންނަށް އެނގުމަކީ މުހިއްމުކަމެކެވެ. ސަބަބަކީ މިހާރުގެ ކުދިންނަށް މިކަންކަން ނޭނގިއްޖެނަމަ މާދަމާގެ ކުދިންނަށް މިކަންކަން އެނގެން އޮންނަ މަގު ބަންދުވެގެންދާތީއެވެ. އޭރުން ދެން އިވިގެން ދާނީ ޤައުމާއި ގުޅިގެން ދެކެވޭ ތޯތޯ ވާހަކަތަކެވެ. ވީމާ އެ ޤައުމެއްގެ މިނިވަންކަން ވަރުގަދަ ކުރުމަށް އެބައެއްގެ ތާރީހް އެ ޤައުމެއްގެ އަހުލުވެރިންނަށް ކިޔައިދިނުމަކީ ބޭނުންތެރިކަމެކެވެ.

މިނިވަންކަން ވަރުގަދަ ޤައުމެއް ބިނާކުރުމުގައި ގައުމިއްޔަތަކީ އިސް ދައުރެއް އަދާކުރާ އެއްޗެކެވެ. އެ ޤައުމެއްގެ މިނިވަންކަން ވަރުގަދަ ކުރުމަށްޓަކައި ކިޔަވާކުދިންގެ ހިތްތަކުގައި ޤައުމީ ރޫހް އާލާކުރުމާއި، ބަސް ކުރިއަރުވަން މަސައްކަތް ކުރުމާއި، ސަގާފަތް ދިރުވުމަށް މަސައްކަތް ކުރުމުގެ އިތުރުން އެ ޤައުމެއްގެ ތާރީހް އެ ޤައުމެއްގެ އަހުލުވެރިންނަށް ކިޔައިދިނުމަކީ ކުރެވިދާނެ ބައެއް މުހިއްމު ޤައުމިއްޔަތާއި ގުޅިފައިވާ ކަންކަމެވެ. ވުމާއެކު، މިނިވަން ވަރުގަދަ ޤައުމެއް ބިނާކުރުމުގައި ޤައުމިއްޔަތަކީ އެތައް ގޮތަކުން އިސްދައުރެއް އަންނަ އެއްޗެކެވެ.

*****

Loading