މަޒުމޫނު: މުޙައްމަދު ޒިޔާޢު – ހދ. ނެއްލައިދޫ ސްކޫލް


މިނިވަން ވަރުގަދަ ޤައުމެއް ބިނާކުރުމުގައި ޤައުމިއްޔަތާއި އޭގެ ދައުރު

ލިޔުނީ: މުޙައްމަދު ޒިޔާޢު – ހދ. ނެއްލައިދޫ ސްކޫލް


ދިވެހި ރާއްޖެއަކީ ޖަޒީރާވަންތަ ކުޑަ ޤައުމެކެވެ. ދިވެހި ރާއްޖެ ފަދަ ކުޑަ ޤައުމަކަށް މިނިވަންކަން ލިބިފައި އޮތުމަކީ ވަރަށްވެސް އުފާކޮށް އަދި ޝުކުރުވެރިވާން ޖެހޭ ކަމެކެވެ. ސަބަބަކީ ދިވެހި ރާއްޖެއަށް މިއަދު ލިބިފައި މިވާ މިނިވަން ކަމަކީ އެތަކެއް ބައެއްގެ ބުރަ މަސައްކަތުން ލިބިފައިވާ މިނިވަން ކަމަކަށް ވާތީއެވެ. އެހެން ކަމުން މިނިވަން ވަރުގަދަ ޤައުމެއް ބިނާ ކުރުމަކީ މުޙިއްމުކަމެކެވެ. އެގޮތުން މިނިވަން ވަރުގަދަ ޤައުމެއް ބިނާކުރުމުގައި ޤައުމިއްޔަތާއި އޭގެ ދައުރު ވަރަށްބޮޑެވެ. މިނިވަން ވަރުގަދަ ޤައުމެއް ބިނާކުރުމުގައި އިސްލާމް ދީނާއި، ދިވެހިބަހާއި، ރާއްޖޭގެ ސަޤާފަތް އަދި އަމިއްލަ މިނިވަންކަމަށް ލޯބިކޮށް ދިރުވާ އާލާ ކުރުމަކީ ޤައުމިއްޔަތުގެ ތެރޭގައި ހިމެނޭ ކަންކަމެވެ.

މިނިވަން ވަރުގަދަ ޤައުމެއް ބިނާކުރުމުގައި އިސްލާމްދީނަށް ލޯބިކުރުމާއި ތަބާވުމަކީ ވަރަށްމުޙިއްމު ކަމެކެވެ. ރާއްޖެއަށް މީގެ އެތަކެއް އަހަރުތަކެއްކުރިން ވަނީ އިސްލާމްދީން ފެތުރިފައެވެ. އަދިއަދާ ހިސާބަށްވެސް ރާއްޖެއަކީ ސައްތައިންސައްތަ މުސްލިމު ޤައުމެކޭ ބުނިކަމުގައި ވިއަސް، މިއަދު ފެންނަ ހިތާމަވެރި މަންޒަރަކީ ނަމުން މުސްލިމު މީހުން ގިނަކަމެވެ. ކޮންމެ މީހަކު ކައިރީގައިވެސް އަހާލުމުން އޭނާއަކީ މުސްލިމެކޭ ބުނާނެއެވެ. ނަމަވެސް އިސްލާމްދީން ބާރުއަޅުއްވާފައިވާ އަޅުކަންތައް އަދާކުރަނީ އޭގެތެރެއިން މަދު ބައެކެވެ. މިއަކީ އަދުގެ ހަޤީޤަތެވެ. ރާއްޖޭގައި އަޅުކަންތަކަށް އޮންނަ ލޯބި ގެއްލެން މެދުވެރިވާ އެންމެ ބޮޑު އެއް ސަބަބަކީ އެހެން ޤައުމުތަކުގެ ނުވަތަ އެހެން ދީންތަކުގެ މީހުންގެ އުޅުމަށް ލޯބިޖެހުމެވެ. ރާއްޖެއަށް އަންނަ ފަތުރުވެރިންނާއި ފޯނުން އަދި ޓީ.ވީ އިން ފެންނަ މީހުން އުޅޭ އުޅުމަށް ލޯބިޖެހުމުންނެވެ. އިސްލާމީ މިނިވަންކަން ޤައުމުން ނެތިއްޖެނަމަ ޤައުމުގެ މިނިވަންކަން ވަރުގަދައެއް ނުވާނެއެވެ. އެހެން ކަމުން މިނިވަން ވަރުގަދަ ޤައުމެއް ބިނާކުރުމަށް އިސްލާމްދީނަށް ލޯބިކުރަން ޖެހެއެވެ.

ރާއްޖެއަކީ އެހެން ޤައުމުތަކާ ޚިލާފަށް ތަފާތު އަމިއްލަ ބަހެއް ލިބިފައިވާ ޤައުމެކެވެ. ރާއްޖޭގެ މާދަރީބަސް ނުވަތަ ދިވެހި ބަހަކީ ރާއްޖޭގެ މިނިވަންކަން ރަމްޒުކޮށްދޭ ކަމެކެވެ. ނަމަވެސް މިހާރަކަށް އައިސް ރާއްޖޭގެ ގިނަ ހިސާބުތަކެއްގައި އަދި ޚާއްޞަކޮށް މާލޭގައި ދިވެހި ބަހަށްވުރެ އިނގިރޭސި ބަހަށް މާ ލޯބިކުރެއެވެ. އަޅުގަނޑުމެންގެ ކާބަފައިން އަޅުގަނޑުމެންނާއި ހިސާބަށް ގެނެސްދިން ރީތިބަސް މިހާރު ދަނީ ނެތެމުންނެވެ. ދިވެހި ބަސް ނެތިއްޖެނަމަ އަމިއްލަ މިނިވަންކަން ގެއްލި ހިނގައިދާނެއެވެ. އެގޮތުން ސްކޫލްތަކުގައި އަދި އެހެނިހެން މުއައްސަސާތަކުގައި ދިވެހިބަސް ދަސްކޮށްދީ އަދި ދިވެހިބަހުން ވާހަކަދެއްކުން އިތުރުކުރަން ޖެހެއެވެ. ދިވެހިބަސް ނޭގޭމީހުންނަށް އަމިއްލަ ފަރުދުންވެސް ދިވެހިބަސް އެމީހުނަށް ދަސްކޮށްދޭން ޖެހެއެވެ. އޭރުން ދިވެހިބަހަށް ލޯބިޖެހި އަދި ދިވެހިބަސް އާލާވާނެއެވެ. ވީމާ، މިނިވަން ވަރުގަދަ ޤައުމެއް ބިނާކުރުމަށްޓަކައި ޤައުމިއްޔަތުގެ ތެރޭގައި ހިމެނޭ ދިވެހިބަސް ދިރުވާ އާލާކުރަން ޖެހެއެވެ.

ދިވެހިރާއްޖޭގެ މިނިވަންކަން ވަރުގަދަ ކުރުމަށްޓަކައި ދިވެހި ސަޤާފަތް ދަމަހައްޓަން ޖެހެއެވެ. ބައެއް ޤައުމުތަކުގެ ސަޤާފަތަކީ އެޤައުމުނޫން އެހެން ޤައުމަކުން އައިސްފައިވާ ސަޤާފަތެކެވެ. ނަމަވެސް ދިވެހި ސަޤާފަތަކީ ދިވެހީންގެ އަމިއްލަ ވަންތަކަށް ދައްކުވައިދޭ އެހެން ޤައުމުތަކާ ތަފާތު ސަޤާފަތެކެވެ. ދިވެހި ސަޤާފަތުގެ ތެރޭގައިވާ ބޮޑުބެރުޖެހުމާއި ތާރަޖެހުން ފަދަ ކަންކަމަކީ އިހުޒަމާނުގައި ވަރަށް ފޯރިއާއެކު ކޮށްއުޅުނު ކަންކަމެވެ. އެހެން ނަމަވެސް މިހާރު މިކަންކަން ކޮންއުޅެނީ ދިވެހިންގެ ތެރެއިން މަދުބަޔެކެވެ. އެހެން ގޮތަކަށްބުނާނަމަ މިހާރު ދިވެހި ސަޤާފަތް ދަނީ ދިވެހިންގެ ތެރެއިން ނެތުމުންނެވެ. އެހެން ކަމުން ދިވެހިންގެ މެދުގައި ދިވެހި ސަޤާފަތް ވަނީ އާލާ ކުރަން ޖެހިފައެވެ. ދިވެހި ސަޤާފަތް އަލާކުރުމަށް ދިވެހިންނަށް ސަޤާފީ ކަންތައްތައް ކިޔައިދީ އަދި ދަސްކޮށްދެވޭނެއެވެ. އަދި ހަރަކާތުން ދައްކައިދެވޭނެއެވެ. ވީމާ، މިނިވަން ވަރުގަދަ ޤައުމެއް ބިނާކުރުމަށް ދިވެހިންނަށް ދިވެހި ސަޤާފަތް ދަސްކޮށްދީ އަދި އެންމެންގެ މެދުގައި އާލާކުރަން ޖެހޭނެއެވެ.

މިނިވަން ވަރުގަދަ ޤައުމެއް ބިނާކުރުމަށް އަމިއްލަ މިނިވަންކަމަށް ލޯބިކޮށް ދިރުވާ އާލާ ކުރަން މަސައްކަތް ކުރަން ޖެހެއެވެ. އަމިއްލަ މިނިވަން ކަމަށް ލޯބިކުރުމުގެ ތެރޭގައި ދިވެހިރާއްޖޭގެ ޤައުމިއްޔަތު ދެމެހެއްޓުމަށް ޤައުމު މިނިވަން ކޮށްދިން އަބުޠާލުންގެ އަގުވަޒަންކޮށް ދިނުމުގެ ގޮތުން އަބުޠާލުންގެ ބުރަ މަސައްކަތް ބަލައިގަނެ އެކަމަށް ޝުކުރުވެރިވެ އެކަމަށް ހަމްދު ކުރަން ޖެހެއެވެ. އަދި މާތް ﷲ ސުބުޙާނަހޫ ވަތަޢާލާ އަށް ދުޢާކޮށް ޤައުމުގެ މިނިވަންކަން ވަރުގަދަކޮށް ދެމެހެއްޓެވުން އެދި ދަންނަވަން ވާނެއެވެ. މީގެ އިތުރުން ޤައުމީ ދުވަސްތައް ކުލަގަދަކޮށް ފާހަގަކުރަންވާނެއެވެ. އެހެން ކަމުން ޤައުމުގެ މިނިވަންކަން ދިރުވާ އާލާ ކުރުމަށްޓަކައި އަމިއްލަ މިނިވަންކަމަށް ލޯބިކޮށް މިނިވަންކަން ދިރުވަން ޖެހެއެވެ.

ދިވެހިރާއްޖެއަކީ މިނިވަން ޖަޒީރާ ޤައުމެކެވެ. އަދި މި މިނިވަންކަން ދުވަހަކަށްވުރެ ދުވަހަކު ވަރުގަދަ ކުރުމަށް މަސައްކަތް ކުރަން ޖެހޭނެއެވެ. މިކަމުގައި ޤައުމިއްޔަތާއި އޭގެ ދައުރު ވަރަށް މުޙިއްމެވެ އެގޮތުން އިސްލާމްދީނާއި، ޤައުމީ ބަހާއި، ސަޤާފަތް އަދި އަމިއްލަ މިނިވަންކަމަކީ ޤައުމިއްޔަތުގެ ތެރޭގައިވާ މިނިވަންކަން ވަރުގަދަ ކުރުމަށް ކުރެވިދާނެ ކަންތައްތަކެވެ. މިދެންނެވި ކަންކަމަށް ލޯބި ޖައްސާ އެކަންކަން ދިރުވާ އާލާ ކުރުމުން މިނިވަންކަން ވަރުގަދަވުމަށް ވަރަށްބޮޑަށް މަގުފަހިކޮށްދޭނެއެވެ.     

*****

Loading