މަޒުމޫނު: މޫސާ ޤައިސް – ހދ. ހިރިމަރަދޫ ސްކޫލް


މިނިވަން ވަރުގަދަ ޤައުމެއް ބިނާކުރުމުގައި ޤައުމިއްޔަތާއި އޭގެ ދައުރު

ލިޔުނީ: މޫސާ ޤައިސް – ހދ. ހިރިމަރަދޫ ސްކޫލް


“އަހަރެންނަކީ މިނިވަން ޤައުމެއްގެ ރައްޔިތެކެވެ.” މިއީ ވަރަށް ޢާންމު ބުނުމެކެވެ. މިގޮތަށް މިބުނެވޭ މިނިވަންކަމަކީ ދިވެހިބަހުގެ ރަދީފުގައި އަޅުވެތިކަމެއް ނެތް އަމިއްލަވަންތަކަމެވެ. އެބަހީ އެހެން ފަރާތެއްގެ ނުވަތަ އެހެން ފަރާތްތަކެއްގެ ބާރާ ނުފޫޒުގެ ދަށުން ވީއްލި އަމިއްލަވަންތަކަން އިހްސާސްވެއެކަން ލިބުމެވެ. ވީއިރު މިނިވަން އަމިއްލަ ޤައުމެއް ބިނާވުމަކީ އެޤައުމެއްގެ ކޮންމެ އަފުރާދެއްގެ އުއްމީދެއް އަދި ހުވަނަފެނެއްކަން ކަށަވަރެވެ. މިފަދަ ޤައުމެއް ބިނާކުރުމުގައި ޤައުމިއްޔަތަކީ ނުހަނު ބޮޑު ދައުރަކާއި ރޯލެއް އަދާކުރާ އެއްޗެއްކަމާއި މެދު ޝައްކެއް ނެތެވެ.

ޤައުމެއްގެ ޤައުމިއްޔަތު ބިނާވެފައިވަނީ މައިގަނޑު ހަތަރު އަސާސެއްގެ މައްޗަށެވެ. އެއީ އެޤައުމެއްގެ  ބަހާއި، ސަޤާފަތާއި ދީނާއި މިނިވަން ކަމަށެވެ. އަހަރެމެންގެ ލޮބުވެތި ދިވެހިރާއްޖެއަށް ބަލާނަމަ އެއީ މާތްވެގެންވާ އިސްލާމް ދީނާއި، ދިވެހި ބަހާއި، ދިވެހި ސަޤާފަތާއި ދިވެހިންގެ މިނިވަންކަމެވެ.

މިނިވަން ވަރުގަދަ ޤައުމެއް ބިނާކުރުމަށްޓަކައި، އަހަރުމެންގެ މާތްވެގެންވާ އިސްލާމް ދީނާއި ދިވެހި ބަހާއި ސަޤާފަތް ހިމާޔަތްކުރަންޖެހެއެވެ. މިކަން ހާޞިލްކުރުމަށްޓަކައި އަހަރުމެންގެ ކާބަފައިން ބަހުންނާއި ޢަމަލުން ދެއްކި ނަމޫނާއަށް ބަލަންޖެހެއެވެ. ދިވެހީންގެ ތާރީޚަށް ބަލާއިރު ދެ ފަހަރެއްގެ މަތިން ދިވެހީންވަނީ އަޅުވެތިކަމުގައި ގިނަ އަހަރުތަކެއް ހޭދަކޮށްފައެވެ. މި އަޅުވެތިކަމުން މިންޖުވީ ދިވެހި ލޭހުރި ޖޯރު ހުރި ހަށިތަކެއް ނުކުމެ އިސްލާމް ދީނަށާއި ދިވެހި ވަޠަނަށް ޓަކައި އެތަކެއް ޤުރުބާނީ ތަކެއް ވެގެންނެވެ. އާދެ! މި ދައްކަވަނީ އުތީމު ބޮޑުތަކުރުފާނާއި ދޮންބަންޑާރައިންގެ ވާހަކަފުޅެވެ. ވީމާ، މިނިވަން ވަރުގަދަ ޤައުމެއް ބިނާކުރެވޭނީ އިސްލާމް ދީނާއި ދިވެހިންގެ ތަރިކަތައް ހިމާޔަތް ކުރަން ގަދައަޅާ މަސައްކަތްކޮށް އެތަކެއް ޤުރުބާނީ ތަކެއް ވެގެންނެވެ.

ޤައުމުދެކެ ލޯބިވާ ޒުވާނުންތަކެއް އުފެދިއްޖެ ނަމަ މިނިވަން ވަރުގަދަ ޤައުމެއް ބިނާ ކުރެވޭނެއެވެ. އެހެނީ ޤައުމެއްގެ އެންމެ ބޮޑު ރައުސްމާލަކީ ޒުވާނުންނެވެ. ކޮންމެ ޤައުމެއްވެސް އެދި ގޮވަމުންދަނީ ޤައުމުދެކެ ލޯބިވާނެ ހަރުދަނާ ހިތްތަކަކަށެވެ. އަދި ހަމަ އެހެންމެ ކޮންމެ ޤައުމެއްވެސް ބޭނުންވަނީ ތަރައްޤީއަށްޓަކައި މޭ އައްޑަނައަކަށް ދޫކޮށްލާނެ ފަދަ ފަހުލަވާނުން ތަކެކެވެ. ޤައުމާއި ޤައުމިއްޔަތު ދިރުވާ އާލާކުރުމުގެ އިސްސަފުގާ ޒުވާނުން ބައިވެރިވެ އެކަމަށް ޝައުޤުވެރިވާން ޖެހެއެވެ. އެބައިމީހުންގެ އަމިއްލަ މަންމަ ޤައުމުދެކެ ލޯބި ނުވަންޏާ އެ ޤައުމުދެކެ ލޯބިވާނީ ފަހެ ކާކުހެއްޔެވެ؟ އެހެންކަމުން ޤައުމު ދިރުވުމުގަޔާއި ފަރުދީ ޒިންމާ އަދާކުރުމުގައި ޒުވާނުން މަސްޢޫލުވުމުން ޤައުމުދެކެ ލޯބިވެވި ދެމިހުންނަނިވި މިނިވަންކަން ލިބިފައިވާ ޤައުމެއް އުފެއްދޭނެއެވެ.

މިފަދަ ޒުވާނުންތަކެއް އުފެއްދުމުގެ އިތުރުން މިނިވަންކަން ވަރުގަދަ ޤައުމެއް އުފެއްދުމަށްޓަކައި، ޤައުމާއި ޤައުމިއްޔަތަށާއި މިނިވަން ކަމާއިބެހޭ ޢިލްމުތައް އަންނަން އޮތް ޖީލުތަކަށް ހިއްސާކުރަން ޖެހެއެވެ. ދިވެހި ރާއްޖެއަށް ބަލައިލާނަމަ، އަދުގެ ކުޑަކުދިންނަށް ޤައުމީ މަލާއި ޤައުމީ ގަސްވެސް ނޭނގެއެވެ. އަދި ގިނަ ކުދިން ދިވެހި ބަހަށްވުރެ މިހާރު ފަރިތައީ އިނގިރޭސި ބަހަށެވެ. އެހެނަސް ޤައުމާއި ޤައުމިއްޔަތާއި ގުޅޭ ޢިލްމުތައް ދަސްކުރުމަކީ ޤައުމުގެ ސިޔާދަތާއި ޙާއްޞަކަށް ދެމެހެއްޓޭނެ ގޮތެވެ. މިގޮތުން ދިވެހިރާއްޖެއަށް ފުރިހަމަ މިނިވަންކަން ލިބުނުގޮތަށް އެކުދިންގެ ލޯތައް ހުޅުވައިދިނުން ނުހަނު މުހިއްމެވެ. އޭރުން އެކުދިންނަށް ޤައުމާއި ޤައުމިއްޔަތުގެ ދައުރު ވިސްނި އެނގި އެ ޤައުމެއް މިނިވަންކަން ވަރުގަދަ ޤައުމެއް ގޮތުގައި ދެމިގެންދާނެއެވެ.

ހަތަރު އަސާސެއްގެ މައްޗަށް ބިނާވެފައިވާ ޤައުމިއްޔަތަކީ މިނިވަންކަން ވަރުގަދަ ޤައުމެއް ބިނާކުރުމުގައި ވަރަށް ބޮޑުދައުރެއް އަދާކުރާއެއްޗެކެވެ. ޤައުމިއްޔަތުގެ އަސާސްތައް ހިމާޔަތްކޮށް ޤައުމުދެކެ ލޯބިވާ ހިތްތަކެއް އުފެދެންޖެހެއެވެ. އަދި މީގެ އިތުރުން ކުރިއަށް އަންނަންއޮތް ޖީލުތަކަށް ޤައުމިއްޔަތާއި ބެހޭ މަޢުލޫމާތު ހިއްޞާ ކުރަންޖެހޭކަމީ ޤައުމިއްޔަތުގެ މުޙިއްމުކަން ދޭހަވާ ކަމެކެވެ. ވީއިރު މިނިވަން ވަރުގަދަ ޤައުމެއް ބިނާކުރުމުގައި ޤައުމިއްޔަތަކީ ނުހަނު ދައުރުބޮޑު ކަމެކޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ. “ޤައުމު މި ލޯބިމަގޭ ދިރިދެމި ދާށެއެދޭ”      

*****

Loading