މިނިވަން ވަރުގަދަ ޤައުމެއް ބިނާކުރުމުގައި ޤައުމިއްޔަތާއި އޭގެ ދައުރު
ފާޠިމަތު ފައިހާ ޢަލީ – ހދ. މަކުނުދޫ ސްކޫލް
މިނިވަން ވަރުގަދަ ޤައުމެއް ބިނާކުރެވޭނީ އެޤައުމެއްގެ ރައްޔިތުންގެ ކިބައިގައި ޤައުމިއްޔަތުގެ ސިފަހުރެގެންނެވެ. ޤައުމިއްޔަތަކީ ޤައުމީ ވަންތަކަމެވެ. ނުވަތަ ޤައުމުގެ މައްޗަށް ތިބާގެ ހިތުގައި އޮންނަ ޤަދަރާއި ލޯތްބެވެ، ޤައުމިއްޔަތުގެ ސަބަބުން އެބައެއްގެ އަމިއްލަވަންތަކަމާއި ކާކުވަންތަކަން ހާމަކޮށްދެއެވެ. މިނިވަންކަމާއި، ދިވެހި ބަހާއި، އިސްލާމީ އަޤީދާއާއި ސަޤާފަތަކީ ދިވެހިންގެ ޤައުމިއްޔަތުގެ އެންމެ މުހިންމު އެންމެ އަގުހުރި ބަހާތަކެވެ. މިނިވަން ވަރުގަދަ ޤައުމެއް ބިނާކުރުމުގައި އެންމެ އިސްދައުރެއް އަދާކުރަނީ މިބާހާތަކެވެ. އެހެނީ ޤައުމިއްޔަތުގެ ބިންގަލަކީ އެއީ ކަމަށްވާތީއެވެ.
މިނިވަން ދިދައެއްގެ ހިޔާވަހިމަކީ އެއްވެސް އަފްރާދެއް ބަރީއަވާން ނޭދޭނެ ނިއުމަތެކެވެ. އެގޮތުން މިނިވަން ޤައުމެއް ބިނާކުރެވޭނީ އަމިއްލަ ނަފްސުގެ މައްޗަށް ޤައުމީ ރޫހު އިސްކޮށްގެނެވެ. ޤައުމަށްޓަކައި ފުރާނަ އަތްމައްޗަށް ލާންޖެހުނު ކަމުގައިވިޔަސްމެއެވެ. ދިވެހި ތާރީޚުން މިކަން ވަރަށް ރީތިކޮށް ފެނިގެންދެއެވެ. ނިރުބަވެރިން ޤައުމަށް އަރައިގަތުމުން އަލިރަސްގެފާނާއި ޝަހީދު ހުސެން އާދަމެ ފަދަ ޤައުމީ ބަޠަލުން ޤައުމަށްޓަކައި ލެއާއި ފުރާނައިން ޤުރުބާންވެލެއްވިއެވެ. މީގެއިތުރުން ބޮޑުތަކުރުފާނު ފަދަ ފަހުލަވާނުން ޤައުމަށްޓަކައި ޖިހާފުކުރައްވައި، މާތްﷲ ގެ ރަޙުމަތުން ދިވެހިންނަށް ދިވެހިންގެ މިނިވަންކަމާއި ބާރުވެރިކަން އަލުން ހޯއްދަވައިދެއްވިއެވެ. އެހެންކަމުން މިނިވަން ޤައުމެއް ބިނާކުރުމައްޓަކައި ޤައުމީވަންތަކަން ކުރިއަށްނެރެ، ޤައުމީ ރޫޙު އިސްކުރަންޖެހެއެވެ.
އަމިއްލަ ބަހެއް އޮތުމަކީ އެބައެއްގެ މިނިވަންކަން ހާމަކޮށްދޭކަމުގެ އަލިގަދަ ހެއްކެކެވެ. އެގޮތުން ބަހަކީ އެތަނެއްގައި ދިރިއުޅޭ ބަޔަކު އެއްބައިވަންތަ ކުރުވައި އެކަކު އަނެކަކު “ތަތްކުރުވާ” އެއްބައެއްގެ ގޮތުގައި ހިފަހައްޓާ ތެރަހެކެވެ. އަމިއްލަ ބަސްދެކެ ލޯބިވުމަކީ ޤައުމުދެކެ ލޯބިވުމެވެ. އެބަހުން ސާފުސީދާކޮށް މުޢާމަލާތު ކުރުމީ ޤައުމިއްޔަތު އިސްކުރުމެވެ. އަދި އެބަސް އެހެނިހެން ބަސްބަހާ މަސްހުނިކޮށް، އެބަހަށް އިހާނާތްތެރިވުމަކީ ޤައުމަށް އަމާޒުކޮށް އުންޑަ ޖެހުމެވެ. ބަސްއުވިއްޖެނަމަ އެބައެއްގެ ޤައުމިއްޔަތާއި އަމިއްލަވަންތަކަން އުވިދިޔައީ ކަމުގައި ބެލެވިދާނެވެ. އެހެންކަމުން މިނިވަން ޤައުމެއް ބިނާކޮށް އެގޮތުގައި ދެމިތިބުމަށްޓަކައި މިއަގުހުރި ތަރިކަ ހިމާޔަތްކުރުމާއެކު އަންނަން އޮތް ޖީލުތަކަށް ފޯރުކޮށްދިނުމަކީ ކޮންމެ ފަރުދެއްގެވެސް ފަރުދީ ޒިންމާއެކެވެ.
މިނިވަންކަމަކީ ބޭނުންހާ ގޮތަކަށް ބޭނުންހާ ކަމެއް ދޫކޮށްލުމެއް ނޫނެވެ. މިނިވަންކަން ޤާއިމްވެފައި އޮންނަންވާނީ ވަކި އިމެއްގެ ތެރޭގައެވެ. އެބައެއްގެ ޤަބޫލުކުރުންތަކާއި އަޤީދާއަށް ފުށުނާރާގޮތަށެވެ. އެގޮތުން ދިވެހިންނަކީ އިސްލާމްދީނުގެ މަތިވެރި ހިދާޔަތުން ހިދާޔަތް ލިބިފައިވާ ބައެކެވެ. ޖަހާލަތުގެ އަނދިރިކަމުން ދިވެހިން އަލިކަމަށް ގެނުވީ އިސްލާމްދީނެވެ. މިގޮތުން އިސްލާމްދީނަށް ލޯބިކުރުމަކީ ޤައުމުދެކެ ލޯބިވުމެ. އިސްލާމްދީނުގެ ރިވެތި އާދަތަކަށް ޢަމަލުކުރުމީ ޤައުމިއްޔަތު ކުރިއެރުވުމެވެ. ދިވެހީންގެ މިނިވަންކަން ޤާއިމްވެފައިވަނީ އިސްލާމީ އަޚުލާޤަށް ފުށުނާރާ ގޮތުގެމަތިންނެވެ. އެހެންކަމުން އެއް އަޤީދާއެއް ޤަބޫލުކުރާ އެއްބައިވަންތަބައެއް ޤަމުގައި ތިބުމަކީ ޤައުމު މިނިވަންކަމާއެކު އެކަތިގަނޑެއްގެ ގޮތުގައި ހިފަހައްޓަދޭނެ ތަތްގަދަ ތެރަސްގަނޑެކެވެ.
ސަގާފަތަކީ އެބައެއްގެ އަމިއްލަވަންތަކަން ރަމްޒުކޮށްދޭ އެންމެ އަގުހުރި އެއް ބަޠަލެވެ. ސަގާފަތް ދޫކޮށްލައިފިނަމަ އަމިއްލަވަންތަކަން ގެއްލުނީއެވެ. ޤައުމިއްޔަތު ބީވެގެން ދިޔައީއެވެ. އެހެންކަމުން އަމިއްލަ ރަހަތައް ސުފުރާތަކާ އަލްވަދާޢު ކިޔަނުދީ ހިފަހައްޓަންޖެހެއެވެ. ހެދުންއެޅުމުގައި އަމިއްލަ ގޮތްގަނޑު ހިފަހައްޓަންޖެހެވެ. މީގެ އިތުރުން އެހެންބަޔަކު ނަކަލުކުރަން ފަށައިފިނަމަ އެބައެއްގެ އަމިއްލަ އުޅުމާއި ގުޅުންތަކުގެ މަތިން ހަނދާންނެތޭނެއެވެ. އާދަކާދައާއި ޤަބޫލުކުރި ފަލްސަފާތަކަށް ބީރައްޓެހިވާނެވެ. ހަޤީޤީ މިނިވަންކަން އޭގެޒާތުގައި ގެއްލުނީއެވެ. ކާބަފައިން ފޯރުކޮށްދެއްވި އަގުހުރި ތަރިކަތަކުގައި ކޮޅުފައިންޖަހާ އެއްލާލެވުނީއެވެ. މި ސަބަބަށްޓަކައި އަމިއްލަ މިނިވަން ގައުމެއް ބިނާކޮށް ދެމެހެއްޓުމަށްޓަކައި ސަގާފަތް ދިރުވާ އާލާކޮށް ގައުމިއްޔަތަށް އިޙުތިރާމްކުރުމަކީ ލާޒިމެކެވެ.
އެ ޤައުމެއްގެ ރައްޔިތުންތަކެއްގެ ކިބައިގައި ޤައުމިއްޔަތުގެ ސިފަ ހަރުލާފައި ހުރުމަކީ އެ ޤައުމެއް ޤައުމެއްގެ ގޮތުގައި އޮތުމަށް ބޭނުންތެރިކަމެކެވެ. އެގޮތުން އަމިއްލަ ފަރުދުންގެ މައްޗަށް ޤައުމީ ރޫޙު އިސްކުރުމާއި އަމިއްލަ ބަހަށް ވަފާތެރިވުމަކީ ނުކޮށްދޫކޮށްލެވޭނެ ކަމެއްނޫނެވެ. އަދިހަމައެހެންމެ އެބައެއްގެ ޤަބޫލުކުރުންތަކާއި އަޤީދާތަކުގެ މަތީގައި ސާބިތުވުމާއެކު ސަގާފަތް ދޫކޮށްނުލާ ސަގާފަތް “އަތުހިފައިގެން” ގެންގުޅެންޖެހެއެވެ. މިކަންކަމަށް ސަމާލުކަންދޭނަމަ ޤައުމުދެކެ އިތުރަށް ލޯބިވެ، ޤައުމިއްޔަތުގެ ސިފަ އަށަގަނެ މިނިވަން ވަރުގަދަ ގައުމެއް އެންމެން އެކުއެކީ ބިނާކުރެވޭނެއެވެ.
*****