މިނިވަން ވަރުގަދަ ޤައުމެއް ބިނާކުރުމުގައި ޤައުމިއްޔަތާއި އޭގެ ދައުރު
ލިޔުނީ: މަރްޔަމް ޖަނާން މުޙައްމަދު – ޖަލާލުއްދީން ސްކޫލް
ޤައުމެއް އުފެދި ތަރައްޤީ ވެގެން އައުން ބިނާވެގެން ދަނީ އެތައް އަސާސެއްގެ މައްޗަށެވެ. ޤައުމުގެ އަހުލުވެރިންނާއި، ޘަޤާފަތާއި އާދަކާދަތަކާއި، ވާހަކަ ދައްކައި އުޅޭ ބަސްފަދަ ޤައުމިއްޔަތުގެ ތެރޭގައި ހިމެނޭ އެތަކެއް ގިނަގުނަ ނުކުތާ ތަކެއްގެ މައްޗަށެވެ. މިނިވަން ވަރުގަދަ ޤައުމެއް ބިނާވެގެން އަންނަ އިރު ޤައުމިއްޔަތަކީ އެކަމުގެ ބިންގާ ކަމާ މެދު އެއްވެސް ޝައްކެއް ނެތެވެ.
ޤައުމެއް އުފެދި އާބާދުވެގެން އަންނައިރު އެކަމުގައި އެންމެ އިސް ދައުރެއް އަދާކުރާނީ ޤައުމުގެ އަހުލުވެރިންނެވެ. ދޭދޭ މީހުންނާއި އޮންނަ ގުޅުން ރަނގަޅުވެ، މުޅި މުޖުތަމަޢު އެކަތިގަނޑެއްގެ ގޮތުގައި ނިކުމެ އެކަކު އަނެކަކާ ގުޅިގެން މަސައްކަތް ކޮށްފިނަމަ ބާރުވެރި ޤައުމެއް ބިނާވެގެން ދެއެވެ. އަދި އަމިއްލަ ވަންތަކަން ރަމްޒުކޮށްދެއެވެ. މިނިވަން ވަރުގަދަ ޤައުމެއް ބިނާކުރުމުގައި ޤައުމިއްޔަތުގެ މައިނާރު ކަމުގައިވާ ޤައުމުގެ ރައްޔިތުން އަދާކުރާ ދައުރު ވަރަށް ބޮޑެވެ.
ޤައުމެއް ބިނާވެގެން އައުމުގައި އެންމެ އިސް ދައުރެއް އަދާކުރާ އަނެއް ނުކުތާއަކީ އެ ޤައުމެއްގެ ބަހެވެ. ބަހަކާއި ނުލާ ޤައުމިއްޔަތެއް ނޯންނާނެކަމަކީ އަޅުގަނޑުމެން އެންމެން ވެސް ޤަބޫލުކުރާ ސާފު ހަޤީޤަތެކެވެ. އަމިއްލަ ބިމުގައި އަމިއްކަ ވަޠަނުގައި އަމިއްލަ މާދަރީ ބަހަކުން ވާހަކަ ދައްކާލަން ލިބުމަށްވުރެ ބޮޑު މިނިވަންކަމެއް ކޮބައިތޯއެވެ؟ ބަހައް އަންނަ ކޮންމެ ކުރިއެރުމަކީ، ކޮންމެ ތަރައްޤީއަކީ ބަހުގެ ހައިބަތު ބޮޑުކޮށްދޭ ކަމެކެވެ. ޤައުމުގެ މިނިވަން ކަމާއި ވަރުގަދަކަމާ ދިމާލަށް އެޅޭ ފިޔަވަޅެކެވެ. އެހެންކަމުން މިނިވަން ވަރުގަދަ ޤައުމެއް ބިނާކުރުމުގައި ޤައުމިއްޔަތުގެ އަސްލު ކަމުގައިވާ ބަސް ނުހަނު މުހިންމު ދައުރެއް އަދާކުރެއެވެ.
ޤައުމެއްގެ ޘަޤާފަތާއި އާދަކާދަތަކާއި ނުލައި ޤައުމިއްޔަތު ފުރިހަމަ ނުވާނެކަން ޔަޤީނެވެ. އެ ޤައުމެއްގެ ހައިބަތާއި ބާރުވެރިކަން ރަމްޒުކޮށްދޭ އަންމެ މުހިންމު އެކައްޗަކީ ކާބަފައިން ދޫކޮށްފައި ދިޔަ އިހުގެ އާދަތަކާއި ޘަޤާފަތްތަކެވެ. ކޮންމެ ޤައުމެއްގައިވެސް އެ ޤައުމަކަށް ޚާއްސަ ޘަޤާފަތްއަކެއް ހުރުމަކީ މިނިވަންކަން ހާމަވެގެންދާ އެންމެ އަލިގަދަ އެއް ހެއްކެވެ. މީގެ އިތުރުން މި ޘަޤާފަތްތައް އުވިޔަނުދީ ހިފެހެއްޓުމަކީ އެ ޤައުމެއްގެ ވަރުގަދަކަން ހާމަވެގެންދާ ކަމެކެވެ. އެހެންކަމުން މިނިވަން ވަރުގަދަ ޤައުމެއް ބިނާކުރުމުގައި ޤައުމިއްޔަތުގެ ތެރޭގައި ހިމެނޭ ޤައުމުގެ ޘަޤާފަތާއި އާދަކާދަތައް އަދާކުރާ ދައުރު ބޮޑެވެ.
ޤައުމެއްގެ މިނިވަންކަމާއި ވަރުގަދަކަން ހާމަކޮށްދިނުމުގައި އެ ޤައުމެއްގެ ޤުދުރަތީ ވަސީލަތްތައް މުހިންމު ދައުރެއް އަދާކުރެއެވެ. ކޮންމެ ޤައުމަކަށް ތަފާތު ޤުދުރަތީ ނިއުމަތްތައް ދެއްވާފައިވާއިރު މި ކަމުގެ ސަބަބުން މިނިވަންކަމާއި އަމިއްލަ ވަންތަކަން ހާމަވެގެންދެއެވެ. އަދި ޤައުމިއްޔަތުގެ ތެރޭގައި ހިމެނޭ މި ޤުދުރަތީ ވަސީލަތްތައް ދެމެހެއްޓެނިވި ގޮތެއްގައި ރައްކާތެރި ކުރެވިއްޖެނަމަ މިނިވަން ވަރުގަދަ ޤައުމެއް ބިނާވެގެން ދެއެވެ. ޤައުމިއްޔަތުގެ އެއް އަސާސް ކަމުގައިވާ ޤައުމެއްގެ ޤުދުރަތީ ވަސީލަތްތައް މިނިވަން ވަރުގަދަ ޤައުމެއް ބިނާކުރުމުގައި ފާހަގަ ކުރަނިވި ދައުރެއް އަދާކުރެއެވެ.
މިނިވަން ވަރުގަދަ ޤައުމެއް ބިނާކުރުމުގައި ޤައުމިއްޔަތު، ރަން އަކުރުން ފަވާލެވެނިވި ދައުރެއް އަދާކުރެއެވެ. ޤައުމިއްޔަތުގެ ތެރޭގައި ހިމެނޭ ޤައުމުގެ އަހުލުވެރިންނާއި، ޤައުމުގައި ވާހަކަދައްކައި އުޅޭ ބަހާއި، ޘަޤާފަތާއި އާދަކާދަތައް އަދި ޤައުމުގެ ޤުދުރަތީ ވަޞީލަތްތައް، މިނިވަން އަމިއްލަވަންތަ އަދި ވަރުގަދަ ބާރުވެރި ޤައުމެއް ބިނާކުރުމުގައި އަދާކުރަނީ ބޮޑު ދައުރެކެވެ.
*****