މަޒުމޫނު: އަޙްމަދު ޔައިޝް ޔޫނުސް – ހދ. ނޮޅިވަރަންފަރު ސްކޫލް


މިނިވަން ވަރުގަދަ ޤައުމެއް ބިނާކުރުމުގައި ޤައުމިއްޔަތާއި އޭގެ ދައުރު

ލިޔުނީ: އަޙްމަދު ޔައިޝް ޔޫނުސް – ހދ. ނޮޅިވަރަންފަރު ސްކޫލް


މިނިވަން ވަރުގަދަ ޤައުމެއް ބިނާކުރުމުގައި ޤައުމިއްޔަތަކީ އޭގެ ޒާތުގައި ވަރަށް މުޙިއްމު ދައުރެއް އަދާކުރާ އެއްޗެކެވެ. އެހެނީ މިނިވަން ވަރުގަދަ ޤައުމެއް ބިނާ ކުރެވޭނީ ޤައުމިއްޔަތު އިތުރަށް ކުރިއަރުވާ ބާރުގަދަ ކޮށްގެންނެވެ. ޤައުމިއްޔަތު ކުރިއެރުވޭނީ ޤައުމިއްޔަތުގެ އެންމެ އަސާސީ ސިފަތައް ކަމަށްވާ ޤައުމީ ބަހާއި، ދީނާއި، މިނިވަންކަމާއި، އެއްބައިވަންތަކަން ކުރިއަރުވައިގެންނެވެ. މިކަންތައްތައް ކުރިއެރުވޭނީ ރައްޔިތުންނަށް މިކަންތައްތަކުގެ މުޙިއްމުކަން ވިސްނައިދީ އަދި މިކަންތަކާއި މެދު ރައްޔިތުންގެ ހިތްތަކުގައި ލޯބި ޖައްސައިގެންނެވެ. އެހެންވީމާ މިނިވަން ވަރުގަދަ ޤައުމެއް ބިނާކުރުމަށްޓަކައި ޤައުމީ ބަހާއި، ދީނާއި، މިނިވަންކަމާއި އަދި ޤައުމުގެ އެއްބައިވަންތަކަން ކުރިއަރުވަން ޖެހެއެވެ.

މިނިވަން ވަރުގަދަ ޤައުމެއް ބިނާ ކުރެވޭނީ އެޤައުމެއްގެ ޤައުމީ ބަސް ކުރިއަރުވާ ތަރައްޤީކޮށްގެންނެވެ. އެހެނީ ޤައުމެއް ބިނާކުރާއިރުގައި އެ ޤައުމެއްގެ ޤައުމީ ބަސް އިތުރަށް ތަރައްޤީނުކުރާނަމަ އެޤައުމަކަށްވެސް މާކަބޮޑު ބަދަލެއް ނާންނާނެއެވެ. އެޤައުމެއްގެ ޤައުމީ ބަސް ކުރިއެރުވުމަށް ބޭނުން ކުރެވިދާނޭ އެތައް އުކުޅެއް އެބަހުއްޓެވެ. ސްކޫލް ދަރިވަރުންގެ މެދުގައި އެ ފެންވަރުތަކުގެ އަދަބީ މުބާރާތްތައް ބޭއްވުމާ، މަޢުލޫމާތުދޭ ވޯކްޝޮޕްތަކާއި ކޯސްތައް ހިންގުން އޭގެތެރޭގައި ހިމެނެއެވެ. އަދި މީގެ އިތުރުން އެކި އުމުރުފުރާތަކަށް ބަހާލައިގެން ރައްޔިތުންގެ މެދުގައި ވާހަކަ ދެއްކުމާއި ބަހުސްކުރުމުގެ މުބާރާތްތައް ބޭއްވުމަކީވެސް ކުރެވިދާނެ ކަމެކެވެ. މިހުރިހާ ކަންތަކަކީ ޤައުމިއްޔަތު ކުރިއަރުވައި ތަރައްޤީ ކުރުމަށްޓަކައި އޭގެ އެއް އަސާސް ކަމުގައިވާ ޤައުމީ ބަސް ކުރިއެރުވުމަށްޓަކައި ކުރެވިދާނެ ކަންކަމެވެ.

ދެވަނަކަމަކަށް މިނިވަން ވަރުގަދަ ޤައުމެއް ބިނާކުރުމަށްޓަކައި އެ ޤައުމެއްގެ ރައްޔިތުން ތަބާވާ ދީނަށް އިތުރަށް ލޯބިޖައްސަވައި ކުރިއަރުވަން ޖެހެއެވެ. މިކަން މިހެން ވާން މި ޖެހެނީ ޤައުމެއް ބިނާ ކުރާއިރުގައި އެ ޤައުމެއް ރައްޔިތުން ބައިބައި ނުވެ އެކަތިގަނޑެއް ގޮތުގައި ހިފަހައްޓަނީ އެ ޤައުމެއްގައި ތަބާވާ ދީން ކަމަށްވާތީއެވެ. އެ ދީނަކަށް ރައްޔިތުންގެ ހިތުގައި ލޯބި ގެއްލިއްޖެ ނަމަ ރައްޔިތުންގެ މެދުގައި ބައިބައިވުން އުފެދޭނެއެވެ. މުޖުތަމަޢު ބައިބައިވެއްޖެ ނަމަ އެ ޤައުމެއް ވަރުގަދަކަން ގެއްލި ބަލިކަށިވާނެއެވެ. ރައްޔިތުންގެ މެދުގައި ދީނަށް ލޯބި ޖެއްސުމަށް ހުރިހާ އުމުރުފުރާތަކަށް އަމާޒުކޮށްގެން ދީނީ ހޭލުންތެރިކުރުމުގެ ޕްރޮގްރާމްތަކާއި ދަރުސްތައް ބޭއްވިދާނެއެވެ. އެހެން ކަމުން ވަރުގަދަ ޤައުމެއް ބިނާކުރާއިރު މުޖުތަމަޢުގައި ދީނަށް ލޯބި އިތުރުކުރުމަކީ ވަރަށްވެސް މުޙިއްމު ކަމެކެވެ.

ތިންވަނަ ކަމަކަށް ވަރުގަދަ މިނިވަން ޤައުމެއް ބިނާ ކުރުމަށްޓަކައި އެ ޤައުމެއް މިނިވަން ކަމުގެ މުޙިއްމުކަން ރައްޔިތުންނަށް ވިސްނައިދީ އަދި އެ ޤައުމެއްގެ މިނިވަންކަން ދަމަހައްޓަން ޖެހެއެވެ. އެހެނީ މިނިވަން ކަމާއި ނުލައި މިނިވަން ޤައުމެއް ބިނާކުރާނީ ކިހެނަކުންތޯއެވެ؟ އެ ޤައުމެއްގެ މިނިވަން ކަމުގެ މުޙިއްމުކަން ރައްޔިތުންނަށް ވިސްނައިދީ އެކަން ދަމަހައްޓާނެ ގޮތްތައް ކިޔައިދިނުމަކީ ވަރަށް މުޙިއްމު ކަމެކެވެ. އެހެން ކަމުން ވަރުގަދަ މިނިވަން ޤައުމެއް ބިނާކުރާއިރުގައި އެ ޤައުމެއްގެ މިނިވަންކަން ދަމަހައްޓަން ޖެހެއެވެ.

ފަހުކަމަކަށް މިނިވަން ވަރުގަދަ ޤައުމެއް ބިނާކުރާއިރު އެ ޤައުމެއްގެ ރައްޔިތުންގެ މެދުގައި އެއްބައިވަންތަކަން ޤާއިމުކުރަން ޖެހެއެވެ. އެހެނީ ޤައުމެއްގެ ރައްޔިތުންގެ މެދުގައި ހަމަނުޖެހުން އުފެދި ބައިބައިވެއްޖެނަމަ އެ ޤައުމެއްގެ ކުރިއެރުމަށް ހުރަސް އެޅޭނެއެވެ. މިކަން މިގޮތަށް ވިޔަނުދީ ހުއްޓުވޭނީ ރައްޔިތުންގެ މެދުގައި އެއްބައިވަންތަކަމަށް ބާރުއަޅާ އަދި ހަމަނުޖެހުން އުފެދޭފަދަ ކަންކަން މަދުކޮށްގެންނެވެ. އެހެންވީމާ ވަރުގަދަ ޤައުމެއް ބިނާކުރާއިރު އެ ޤައުމެއްގެ ރައްޔިތުންގެ މެދުގައި އެއްބައިވަންތަކަށް ޤާއިމު ކުރުމަކީ ވަރަށް މުޙިއްމު ކަމެކެވެ.

މިނިވަން ވަރުގަދަ ޤައުމެއް ބިނާ ކުރުމުގައި ޤައުމިއްޔަތަކީ ވަރަށްބޮޑު ދައުރެއް އަދާކުރާ އެއްޗެކެވެ. މި ޤައުމިއްޔަތު އިތުރަށް ކުރިއެރުވޭނީ ޤައުމިއްޔަތުގެ އެންމެ މައިގަނޑު 4 އަސާސްކަމަށްވާ ޤައުމީ ބަހާއި، ދީނާއި، މިނިވަންކަމާއި، އެއްބައިވަންތަކަން ކުރިއަރުވައިގެންނެވެ. މި އަސާސްތައް ކުރިއެރުވޭނެ ވަރަށްބައިވަރު ގޮތްތަކެއް އެބަހުއްޓެވެ. އެގޮތްތައް ބޭނުންކޮށްގެން ޤައުމިއްޔަތު ކުރިއެރުވުމަކީ މިނިވަން ވަރުގަދަ ޤައުމެއް ބިނާ ކުރުމުގައި ވަރަށް މުޙިއްމު ކަމެކެވެ.

*****

Loading