މަޒުމޫނު: ޢާއިޝަތު އަފްނާން އާދަމް – ހދ. ނޮޅިވަރަންފަރު ސްކޫލް


މިނިވަން ވަރުގަދަ ޤައުމެއް ބިނާކުރުމުގައި ޤައުމިއްޔަތާއި އޭގެ ދައުރު

ލިޔުނީ: ޢާއިޝަތު އަފްނާން އާދަމް – ހދ. ނޮޅިވަރަންފަރު ސްކޫލް


ކޮންމެ ކަމަކީވެސް އެކަމެއް ބިނާކުރުމުގައި އެތައް ބައެއްގެ ވާޖިބުތަކެއް އޮންނާނެ ދެކޮޅުވެވެން ނެތް ހަޤީގަތެކެވެ. ކަންމިހެން އޮތްއިރު މިހާރު ރާއްޖޭގައި އުފެދިފައިވާ ސުވާލަކީ މިނިވަން ވަރުގަދަ ޤައުމެއް ބިނާކުރުމުގައި ޤައުމިއްޔަތާއި އޭގެ ދައުރަކީ ކޮބައި ހެއްޔެވެ؟ ކާބަފައިންގެ ލޭ އޮހޮރުވައިގެން  އެތައްފަހަރެއްގެ މަތިން ނާކާމިޔާބު ވީނަމަވެސް އަހަރެމެންނާ ހިސާބަށް ގެނެސްދިން މިނިވަންކަން ދެމެހެއްޓުމަށް ކުރަންޖެހޭ އެތައްކަމެއްވެއެވެ. އޭގެ ތެރޭގައި އެއްބައިވަންތަކަން ދެމެހެއްޓުމާއި ބިދޭސިންގެ އާބާދީ އިތުރުވިޔަ ނުދިނުމާއި، އެހެންޤައުމުތަކުގެ ސަޤާފަތް ނުފެތުރުމާއިއެކު ޒުވާނުންނަކީ ހަރުދަނާ ބަޔަކަށް ވާންޖެހެއެވެ.

މިނިވަން ވަރުގަދަ ޤައުމެއް ބިނާކުރުމަށް ކުރެވޭނެ އެންމެ މުހިންމު ކަމަކީ އެއްބައިވަންތަކަން ދެމެހެއްޓުމެވެ. އިހު ޒަމާނުއްސުރެ އަހަރެމެންނާ ހިސާބަށް ފޯރާފައިވާ ރީތި އާދަކާދައިގެ ތެރެއިން އެއްބައިވަންތަކަމަކީ މިއަދު އަހަރެމެން ޤައުމު ބިނާ ކުރުމަށް ބެހެއްޓޭނެ ތަނބަކަށް މިވަނީވެފައެވެ. އެއްބައިވަންތަކަން ނެތިގެން ގޮއްސިނަމަ މިނިވަންކަން ނެތިގެން ގޮއްސިއޭ ބުނެވެން އޮތީ ސަބަބަކާ ނުލައެއްވެސްނޫނެވެ. މިސަބަބަކީ މީހުންގެ ތެރޭގައި ބައިބައިވުންތައް އުފެދުމެވެ. އަރާރުންވުން ގިނަވުމެވެ. ނަތީޖާއަކަށް ވެގެންދަނީ އަހަރުމެންނަށް ލިބިފައިވާ މިނިވަންކަމުގެ ފަޚުރުވެސް ގެއްލިގެން ދިއުމެވެ. އެހެންކަމުން މިނިވަންކަން ވަރުގަދަ ކުރުމަށް ޤައުމިއްޔަތަށް ކުރެވޭނެ އެންމެ މުހިއްމުކަމަކީ އެއްބައިވަންތަކަން ނެތިގެން ދިޔަނުދީ ހިފެހެއްޓުމެވެ.

އެއްބައިވަންތަކަން ދެމެހެއްޓުމުގެ އިތުރަށް މިނިވަންކަން ދެމެހެއްޓުމަށް ޤައުމިއްޔަތައް ދެންކުރެވޭނެ އެންމެ މުހިންމުކަމަކީ ބިދޭސީންގެ އާބާދީ އިތުރުވިޔަ ނުދިނުމެވެ. މިހެން ބުނެވެން އޮތީ މީގެ ފަހަތުގައި ސަބަބުތަކެއްވެސް ވާތީއެވެ. ރާއްޖޭގައި 4 ލައްކަމީހުން ދިރިއުޅެމުންދާއިރު މީގެ ތެރެއިން، 1 ލައްކަ މީހުންނަކީ ބިދޭސިންނެވެ. މީ ވަރަށްބޮށު އަދަދެކެވެ. މިކަން މިހެން ވަމުންގޮސް ބިދޭސީންގެ އާބާދީ މިއަށްވުރެވެސް އިތުރުވަމުންދާނަމަ އޮންނާނެ އެންމެ ބޮޑު ބިރަކީ ރާއްޖެ އެމީހުންގެ އަތްދަށަށް ދިއުމެވެ. ފަލަސްތީނު ފަދަ ގައުމުތަކޭ އެއްގޮތައް ބައެއްގެ އަތްދަށުވެ މިނިވަންކަމެއްނެތި  އުޅެންޖެހުމަކީ އެއްވެސް ހާލެއްގައި އެއްވެސް ބަޔަކު ބޭނުންވާނޭ ގޮތެއް ނޫނެވެ. މިކަންމިހެން އޮތުމާއެކު ބުނެވެން އޮތީ މިނިވަން ވަރުގަދަ ޤައުމެއް ބިނާކުރުމަށް ބިދޭސީންގެ އާބާދީ އިތުރުވިޔަ ނުދިނުމަކީ ވަރަށް މުހިއްމު ކަމެކެވެ.

މިނިވަންކަން ދެމެހެއްޓުމަށް ޤައުމިއްޔަތައް ކުރެވޭނެ އަނެއްކަމަކީ އެހެން ގައުމުތަކުގެ ސަގާފަތް ރާއްޖޭގައި ނުފެތުރުމެވެ. އަމިއްލަ ޤައުމުގައި ކުރިއްސުރެ އޮންނަ ސަގާފަތް އެހެން ބައެއްގެ ސަގާފަތާ މޮޑެވިގެން ދިޔަނުދިނުމެވެ. މިކަން މިހެން ވާން ފަށައިފިނަމަ ރާއްޖޭގެ އަމިއްލަ ސަގާފަތް ނެތިގޮސް އެހެން ބައެއްގެ ސަގާފަތް އާންމުވާނެއެވެ. މިކަމުގެ ސަބަބުން އަމިއްލަ މިނިވަންކަން ގެއްލި އެހެން ގައުމުތަކުގެ ސަގާފަތް އޮތުމުގެ ސަބަބުން އެމީހުން ރާއްޖޭގައި ދިރިއުޅޭ މިންވަރު އިތުރުވާނެއެވެ. ކުރިން ފާހަގަ ކުރިފަދައިން އެހެންބައެއްގެ އަތްދަށުވެ އުޅެންޖެހިދާނެއެވެ. އެހެންކަމުން އެހެން ގައުމުތަކުގެ ސަގާފަތް ފެތުރުމަކީ މިނިވަންކަން ނެތިގެންދާނެ ކަމެކެވެ.

ޤައުމިއްޔަތައް މިނިވަންކަން ދެމެހެއްޓުމަށް ދެން ކުރެވޭނެ ކަމަކީ ޒުވާނުންނަކީ ހަރުދަނާ ބަޔަކަށް ހެދުމެވެ. ސުވާލަކަށްވަނީ ޒުވާނުން ހަރުދަނާކުރެވުމުން މިނިވަންކަން ވަރުގަދަ ކުރެވޭނީ ކިހިނެއް ހެއްޔެވެ؟ ސަބަބަކަށްވާނީ ޒުވާނުންނަކީ އަހަރެމެންގެ މައި ތަނބު ކަމަށްވާއިރު އެމީހުންނަކީ އެއްވެސް ހަރުދަނާ ކަމެއް ހުރިބަޔަކައް ނުވާނަމަ މިނިވަންކަން ދެމެހެއްޓުމަކި ވަރަށް އުނދަގޫ ކަމަކައްވުމެވެ. ކިޔަވައިގެން މަތީފެންވަރުގެ ވަޒީފާތަކުގާ ޒުވާނުން ތިބުމަކީ އުމުރުން ދޮށި މީހުން ތިބުމައްވުރެ މާ ހިންގުންތެރި ވާނޭ ސަބަބެކެވެ. އޭރުން ބިދޭސީންގެ އަދަދު މަދުކުރުމާއި ދިވެހިންނަށް ވަޒީފާތައް އިތުރު ކުރުމާއި ކަންތައްތަކަކީ ރާއްޖޭގެ އަމާން މާހައުލު ބަދަލުނުވެ އޮންނާނެ ކަމެކެވެ. އެހެންކަމުން މިނިވަންކަން ދެމެހެއްޓުމަށް ޒުވާނުން ހަރުދަނާ ކުރުމަކީ ވަރަށް މުހިއްމު ކަމެކެވެ.

މިނިވަން ވަރުގަދަ ގައުމެއް ބިނާކުރުމަށް ގައުމިއްޔަތައް ކުރެވޭނެ ބައެއް ކަންތައްތަކަކީ އެއްބައިވަންތަކަން ދެމެހެއްޓުމާއި ބިދޭސީންގެ އާބާދީ އިތުރު ވިޔަނުދިނުމާއި އެހެން ގައުމުތަކުގެ ސަގާފަތް ނުފެތުރުމާއި ޒުވާނުން ހަރުދަނާކުރުމެވެ. ކަންމިހެން އޮތުމާއިއެކު ކާބަފައިންގެ ބުރަމަސައްކަތުން އަހަރެމެންނާއި ހިސާބަށް ގެނެސްދިން މިނިވަންކަން ދަމަހައްޓަމާ ހިނގާށެވެ.

*****

Loading