މިނިވަން ވަރުގަދަ ޤައުމެއް ބިނާކުރުމުގައި ޤައުމިއްޔަތާއި އޭގެ ދައުރު
ލިޔުނީ: ޢާއިޝަތު ނައުޝާ – ހދ. ނެއްލައިދޫ ސްކޫލް
ކޮންމެ ޤައުމެއްގައިވެސް އެ ޤައުމެއްގެ ސިޔާދަތާއި އިސްޠިޤްލާލު ދަމަހައްޓައި އަމިއްލަވަންތަ ވަރުގަދަ ޤައުމެއް ބިނާވެގެންދާނީ އެ ޤައުމެއްގެ އަފްރާދުންގެ ހިތުގައިވާ ޤައުމިއްޔަތެއްގެ މައްޗަށެވެ. އާދެ! އެމީހެއްގެ ހިތުގައި ޤައުމަށް ދެވިފައިވާ މަތިވެރި ޤަދަރާއި ޤައުމާއިމެދު ހިތުގައި އުފެދޭ ފަޚުރުވެރިކަމުގެ ޝުޢޫރުތަކާއި ޖަޒުބާތުތަކުގެ މައްޗަށެވެ. އެގޮތުން ދިވެހި ޤައުމަށް ނަޒަރެއް ހިންގާލިކަމުގައިވިޔަސް އަޅުގަނޑުމުންނަށް ފަހުމް ވެގެން ދާނީ، މި މަހަލްދީބުވެސް މުސްތަޤިއްލު ޤައުމެއްގެ ގޮތުގައި މި އޮންނަނީ ދިވެހީން މި ޤައުމާއި ޤައުމިއްޔަތަށް ޚާއްސަ އަހަންމިއްޔަތުކަމެއް ދީގެން ކުރިޔަށްދާތީ ކަމެވެ. އެހެން ނަމަވެސް އަދުގެ ޖީލުތަކުން ފެންނަމުންމިދާ ހިތާމަވެރި މަންޒަރުތަކަކީ މި ވަޒަނަށް ދޭންޖެހޭ ލޯތްބާއި މަތިވެރި ދަރަޖަތައް ނުދިނުމެވެ. ވާނެގޮތެއް ވާންދެން ‘ވަރިހަމަ’ ވެފައި އަތްއުރާލައިގެން ތިބުމެވެ. މީގެ ބަދަލުގައި މި ޤައުމަކީ އަޅުވެތިކަމުން ސަލާމަތްވެފައިވާ ވަރުގަދަ ޤައުމަކަށް ހެދުމަށްޓަކައި އަޅުގަނޑުމެންގެ މާދަރީބަހާއި އިހުޒަމާނުގެ އާދަތައް ނަގަހައްޓައި ސަގާފީ ފާހަގަކުރުންތައް ކުރިޔަށް ގެންދެވިދާނެއެވެ. މީގެ އިތުރުން ޚާއްސަ އަހަންމިއްޔަތުކަމެއް ދީގެން ދިވެހި އަބުޠާލުންގެ ޛިކުރާ އާކުރެވިދާނެއެވެ.
އެހެން ޤައުމުތަކާއި ދިވެހި ޤައުމު ވަކިކޮށްދޭ މައިގަނޑު އިންފާރަކީ އަޅުގަނޑުމެން އެ ބަހަކަށްޓަކައި ފަޚުރުވެރިވާ ދިވެހިބަސް ކަމާއިމެދު ޝައްކެއްނެތެވެ. އެހެންކަމުން މި ޤައުމުގެ ސިޔާދަތު ދެމެހެއްޓުމަށްޓަކައި މާދަރީބަސް ހިމާޔަތްކޮށް، ދިރުވާ އާލާ ކުރުމަކީ މި ޤައުމުގެ ޤައުމީ ޒިންމާއެކެވެ. އެގޮތުން ދެމީހަކު ބައްދަލުވާ ހިނދު “ހާއި” ، “ހެލޯ” ފަދަ ޔޫރަޕުގެ ވައްޓަފާޅީގެ ބަދަލުގައި ރިވެތި ސަލާމް ގޮވާލެވިދާނެއެވެ. އަދި މައިންބަފައިންނާއި ޓީޗަރުންވެސް ކުދިންނާއި މުޚާތަބުކުރާއިރު ސާފު ރީތި ދިވެހި ބަސްކޮށާރެއް ބޭނުންކުރެވިދާނެއެވެ. ނަމަވެސް ފޯދި ބޮޑުވަމުން އަންނަ ޅަދަރީންނަކަށް މިއަދު ‘އެގަހުގެ ކޭލެއް، މިގަހުގެ ކޭލެއް’ ވަކިނުވެއެވެ. ދެބަހެއް އެއްކޮށްނުލާ ޖުމްލައެއް ބުނެލުންވެސް ވެފައި މިވަނީ ވޭނީ ތަކުލީފަކަށެވެ. މިކަމުގެ ނަތީޖާއެއްގެ ގޮތުން އަމިއްލަބަހާއި ޤައުމިއްޔަތަށްދެވޭ ޤަދަރު ކުޑަވެގެން ދެއެވެ. ވީމާ، މިދީބު މިނިވަން ދީބެއްގެ ގޮތުގައި ދެމިއޮތުމަށްޓަކައި، އަޅުގަނޑުމެންގެ މާދަރީބަހަށް ޚާއްސަ އިސްކަމެއްދިނުން މުހިއްމެވެ.
އިހުޒަމާނުގެ ކާބަފައިންގެ ރިވެތި އުސޫލުތަކާއި އާދަކާދަތަކަކީ އަންތަރީސްވާހާ ފުރިހަމަ އާދަކާދަތަކެކެވެ. ޤައުމުގެ މިނިވަންކަމަށް މި އާދަތައް މުހިއްމުވާ ސަބަބަކީވެސް އިސްލާމީ ރީތި އުސޫލުތަކެވެ. މާތް އަޚްލާޤެވެ. އެކުވެރިކަމުގެ ގަދަފަދަ ބާރެވެ. ނަމަވެސް ސުވާލަކީ މިހާރުގެ މުޖުތަމަޢުއިން މިކަންކަން ފެނޭތޯއެވެ؟ ނޫނެކެވެ. ނުވަތަ ވަރަށް މަދުންނެވެ. އެއްބައިވަންތަކަކުމުގެ ބަދަލުގައި އަދު މިވަނީ އެންމެން ބައިބައިވެފައެވެ. ސިޔާސީ ޕާޓީތައްފަދަ ކަންކަމުގެ ސަބަބުންނެވެ. އެހެންނަމަވެސް މުޖުތަމަޢުގެ ލާބައާއި މަންފާއަށްޓަކައި މި ސިފަތައް ވަރަށް މުހިއްމެވެ. މިގޮތުން ރިވެތި ބަހުން މުޢާމަލާތްކުރުމާއި، އެކަކު އަނެކަކަށް އެހީތެރިވެދީ އަޅާލުންފަދަ މާތް ސިފަތައް އާލާކުރެވިދާނެއެވެ. ދިވެހި ހުދޫދުން ބޭރުގެ ގޮތްތަކާއި ދުރުވެވިދާނެއެވެ. އެހެންކަމުން ވަޠަނީ ލޯބި އިސްކޮށް، ވަރުގަދަ ޤައުމެއް ބިނާކުރުމަށްޓަކައި ކާބަފައިންގެ ރިވެތި އާދަކާދައަށް ތަބާވެވިދާނެއެވެ.
ޤައުމަށްޓަކައި ޖާނާއި މާލުން ފިދާވެފައިވާ ހިތްވަރުގަދަ ޢަބްޠާލުންގެ ޛިކްރާ އާވެގެންދާ ކޮންމެ ފަހަރަކުވެސް ހިތުގައިވާ ޤައުމީ ލޯބި އުތުރި އަރައިގެންދެއެވެ. އެހެންކަމުން މިނިވަން ޤައުމެއް ބިނާކުރުމަށްޓަކައި އެ ބަޠަލުންގެ އަގުހުރި ޤުރުބާނީތަކުގެ އަސަރުގަދަ ވާހަކަތައް އަދުގެ ޖީލާއި ޙިއްސާ ކުރެވިދާނެއެވެ. އެގޮތުން ޕޯޗުގީޒުންނާއި ހަނގުރާމަކޮށް އަލިރަސްގެފާނު ޝަހީދުވެގެންދިޔަގޮތާއި އަދި އެ ޕޯޗުގީޒުންގެ އަޅުވެތިކަމުން ސަލާމަތްކޮށްދެއްވި އުތީމު ބޮޑުތަކުރުފާނުގެ ލަޝްކަރުގެ ހިތްވަރުފުޅުގަދަކަމުގެ ވާހަކަ ހިއްސާކުރެވިދާނެއެވެ. ހަމަމިއާއިއެކު އަޅުގަނޑުމެން ފާހަގަކުރާ ‘ހުރަވީ ދުވަސް’ ފަދަ ދުވަސް ދުވަހުގެ އަޑީގައިވާ ވޭނީ ހަނދާންތައް އާލާކުރުމީ ޅަދަރީންނަށް ހުރި އަގުހުރި ނަސޭހަތަކަށްވާނެއެވެ. ނަތިޖާއަކަށްވެގެންދާނީ ޤައުމިއްޔަތަށް އިސްކަންދެވި ދިވެހި ލޭ ހިނގާ ނާރުތަކަށް ދިރުން ލިބިގެން ދިޔުމެވެ. ޖޯޝުންފުރިގެންވީ ދަރީންތަކެއް އުފަންވުމެވެ. ވީމާ މިޤައުމުގެ މިނިވަންކަން ދެމެހެއްޓުމަށްޓަކައި، މި ޤައުމަށްޓަކައި އެ ކުޅަދާނަ މޭސްތިރިންވީ ޤުރުބާނީގެ އަގުވަޒަން ކުރަންޖެހެއެވެ.
ދިވެހިރާއްޖެއަކީ އިހުޒަމާނުއްސުރެ ނުހަނުގިނަ ސަގާފީ ދުވަސްތަކާއި ހަރަކާތްތައް ފާހަގަކުރަމުންދާ ބައެއް ދިރިއުޅޭ ވެއްޓެކެވެ. އެގޮތުން ޢީދު ފަދަ މުނާސަބަތުތަކަކީ ދިވެހީންގެ މިނިވަންކަމުގެ ނިޢުމަތް އެންމެ ހަނދާންވާ ވަގުތުތަކެވެ. ބޮޑުމަސްބޭނުމުގެ މަޖާ ހަރަކާތާއި، ދަނޑިޖެހުމާއި، ބަނޑިޔާނެށުންފަދަ ފަރި ހަރަކާތްތަކަކީ މި ޖީލުގެ އިތުރުން އަންނަން އޮތް ޖީލަށްވެސް ފޯރުކޮށްދިނުން ލާޒިމް ކަންކަމެވެ. އެގޮތުން މިފަދަ ހަރަކާތްތަކުގެ މިއަދުގެ ކުދިން ބައިވެރިކޮށް ދަސްކޮށްދެވިދާނެއެވެ. އަދި ޖަމިއްޔާތަކުން މިފަދަ ފަރިތަކުރުންތައް ގެންދިޔުމުގެ ސަބަބުން ކުދިންގެ ހިތުގައި ޤައުމީ ޖޯޝް އާލާވެ މިނިވަންކަން ދަމަހައްޓައި ވަރުގަދަކުރުމަށް އެހީތެރިވެދެއެވެ. ވީމާ މިފަދަ މިނިވަން ޤައުމެއް ބިނާކުރުމަށް މިފަދަ ފާހަގަ ކުރުންތައް ވަރަށް މުހިއްމެވެ.
މިނިވަންކަމުން ހިނިތުންވެފައިވާ ވަރުގަދަ ޤައުމަކަށް އެ ޤައުމެއްގެ ރައްޔިތުންގެ ކިބައިގައިވާ ޤައުމީ ލޯބީގެ ދައުރު ނުހަނު ބޮޑެވެ. އެގޮތުން ފަޚުރުވެރި ދިވެހިބަހާއި، ސަމާވީ ދިވެހި އާދަކާދަތައް ދެމެހެއްޓުމަށް އަތުކުރި އޮޅާލަންޖެހެއެވެ. އަބްޠާލުން ދެއްވި ފިލާވަޅުތަކުން ޢިބްރަތްލިބިގަނެ، ސަގާފީ ދުވަސްތަކާއި ހަރަކާތްތައް ފާހަގަކުރަން ޖެހެއެވެ. ކަންމިހެން ހިނގާނަމަ މިޤައުމުގެ ހިތުގައިވާ ޤައުމިއްޔަތުގެ އެހީގައި، މި ޤައުމު ތާއަބަދު މިނިވަން ޤައުމެއްގެ ގޮތުގައި ދެމި އޮންނާނެއެވެ.
*****