މިނިވަން ވަރުގަދަ ޤައުމެއް ބިނާކުރުމުގައި ޤައުމިއްޔަތާއި އޭގެ ދައުރު
ލިޔުނީ: އާމިނަތު ލަމްސާ – ހދ. ކުމުންދޫ ސްކޫލް
މިނިވަން ވަރުގަދަ ޤައުމެއް ބިނާކުރުމުގައި ޤައުމިއްޔަތު މުހިއްމުވަނީ ކީއްވެ ހެއްޔެވެ؟ މިނިވަންކަމަކީ މީހެއްގެ އެއްޗެއްގެ ނުވަތަ ކަމެއްގެ އަޅުވެތިކަމުގެ ދަށުން މީހަކު ނުވަތަ ބަޔަކު ސަލާމަތްވުމެވެ. އަދި އަމިއްލަ ޟަމީރުގެ އިޚްތިޔާރުގެ ދަށުން ކަންކަން ކުރުމުގެ ފުރުޞަތު އޮތުމެވެ. އެހެންކަމުން ކޮންމެ ޤައުމަކަށް އަދި ކޮންމެ ފަރުދަކަށްވެސް މިނިވަންކަމަކީ ނުހަނު މުހިއްމު އެއްޗެއްކަން ދޭހަވެއެވެ. ޤައުމެއް މިނިވަންކަން މަތީ ދެމިހުރުން އަދި އެ މިންގަނޑުން ބިނާކުރުމަށް މަގުފަހިކުރުވާ ބައިވަރު ކަންކަން ވެއެވެ. މިގޮތުން އެ ގައުމެއްގައި ގައުމިއްޔަތު ދިރުވާ އާލާ ކުރުމަކީ ނުހަނު ބޭނުންތެރި ކަމެކެވެ. މިނިވަން ވަރުގަދަ ގައުމެއް ބިނާކުރުމުގައި ގައުމިއްޔަތު މުހިއްމުވަނީ ބޭރުގެ ނުފޫޒުން ހިމާޔަތްކޮށްދިނުމާއި، ރައްޔިތުންގެ ބާރު ހިނގުމާއި އެހެން ޤައުމުތަކަށް ބަރޯސާ ނުވުމުގެ އިތުރުން އެހެން ޤައުމުތަކުގެ އިޙްތިރާމް ލިބުމަށް ޤައުމިއްޔަތުގެ ސަބަބުން މަގުފަހިވާތީއެވެ.
މިނިވަން ވަރުގަދަ ޤައުމެއް ބިނާކުރުމުގައި ޤައުމިއްޔަތު މުހިއްމުވަނީ އެހެން ޤައުމުތަކުގެ ނުފޫޒު ފޯރުވުމުން ޤައުމިއްޔަތު ބަރީއަ ކޮށްދޭތީއެވެ. އެގޮތުން ޤައުމިއްޔަތުގެ ސިފަ ހުންނަ ގިނަބަޔަކު އެ ޤައުމެއްގައި އުޅޭނަމަ ޤައުމުދެކެ ލޯބިވާ ގިނަ ބަޔަކު އުފެދުނީއެވެ. އެހެންކަމުން އެހެން ޤައުމެއްގެ ނުފޫޒު ޤައުމުގެ އެއްވެސް ކަމަކަށް ފޯރުވާތަން ބަލާކަށް ރައްޔިތުންނަކަށް ކުޅަދާނައެއް ނުވާނެއެވެ. ޤައުމުގެ ދިފާޢުގައި ތެދުވާނެ ގިނަބަޔަކު އެޤައުމުގައި ތިބެއްޖެނަމަ މިނިވަންކަން އެ ޤައުމަކުން ނެތި ދިޔުމަކީ ނާދިރުކަމެކެވެ. މިނިވަންކަން ވަރުގަދަވެ، ޤައުމުގައި އަމާންކަން ދެމިއޮތުމަށް މަގުފަހިކުރުވާ ކަމެކެވެ. ވީމާ، އެހެން ޤައުމުތަކުގެ ނުފޫޒު ފޯރުވުމުން ބަރީއަކޮށްދިނުމަކީ މިނިވަން ވަރުގަދަ ޤައުމެއް ބިނާކުރުމަށް ޤައުމިއްޔަތު މުހިއްމުވާ ސަބަބެއްކަން ދޭހަވެއެވެ.
ޤައުމިއްޔަތު އާލާވުމުން އެ ޤައުމުގައި ޤައުމުގެ ރައްޔިތުންގެ ބާރު ހިނގުމަށް މަގުފަހިކޮށްދިނުމަކީ މިނިވަން ވަރުގަދަ ޤައުމެއް ބިނާ ކުރުމުގައި ޤައުމިއްޔަތު މުހިއްމުވާ ސަބަބެކެވެ. ޤައުމެއްގައި ރައްޔިތުންގެ ބާރު ނެތުމަކީ އަޅުވެތިކަމުގެ ސިފަ ދައްކުވައިދޭ ކަމެކެވެ. އެހެންކަމުން ޤައުމިއްޔަތުގެ ސަބަބުން ރައްޔިތުން ބާރުވެރިކޮށްދިނުމަކި މިނިވަންކަން ރަމްޒުކޮށްދޭ ކަމެއްކަން ދޭހަވެއެވެ. އަޅުވެތިކަމުގެ ދަށުގައިވާ ޤައުމުތަކުގައި ފެންނާނީ އެހެން ޤައުމެއްގެ މީހަކު ނުވަތަ މީހުންތަކެއް އެއްވެސް ޢަދުލުވެރިކަމެއްނެތި ވެރިވެފައިވާ ތަނެވެ. ނަމަވެސް ޤައުމިއްޔަތު އާލާވެފައިވާ ޤައުމެއްނަމަ ޢަދުލުވެރިކަމާއެކު ރައްޔިތުންގެ ތެރެއިން ވެރިން ތިބޭ މަންޒަރު ފެނެއެވެ. މިއީ ޤައުމެއްގައި މިނިވަންކަން ދެމެހެއްޓުމާއި މިނިވަންކަންމަތީ ޤައުމެއް ބިނާ ކުރުމަށް ނުހަނު މުހިއްމު ސިފައެކެވެ. ވީމާ މިނިވަން ވަރުގަދަ ޤައުމެއް ބިނާ ކުރުމުގައި ޤައުމުގެ ރައްޔިތުންގެ ބާރު އޮތުމަކީ ޤައުމިއްޔަތު މުހިއްމުވާ ސަބަބެއްކަން ސާފުކޮށް އެނގެއެވެ.
މިނިވަން ވަރުގަދަ ޤައުމެއް ބިނާކުރުމުގައި ޤައުމިއްޔަތު މުހިއްމުވާ އަނެއް ސަބަބަކީ ޤައުމިއްޔަތުގެ ސަބަބުން އެހެން ޤައުމުތަކަށް ބަރޯސާވާ މިންވަރު ކުޑަކުރުވާތީއެވެ. މިގޮތުން ޤައުމިއްޔަތު އާލާވެ ޤައުމިއްޔަތަށް ލޯބިކުރާ ގިނަ ބަޔަކު އުޅޭ ޤައުމެއްނަމަ ޤައުމަށްޓަކައި ޚިދުމަތްކޮށްދޭ ފަރާތްތަށް އިތުރުވާނެއެވެ. މިސާލަކަށް ޤައުމު ދިފާޢުކުރުމަށާއި ޤައުމުގައި މަސައްކަތް ކުރުމަށް ލޯބިޖެހޭ މީހުން ގިނަވާނެއެވެ. ނަތީޖާއަކަށް ވެގެންދާނީ އެހެން ޤައުމުތަކަށް ބަރޯސާވާ މިންވަރު ކުޑަވުމެވެ. ބޭރުގެ ޤައުމުތަކުން މަސައްކަތްތެރިން ގެންނަ މިންވަރު ކުޑަވާނެއެވެ. އަދި ބޭރު ޤައުމުތަކުގެ ނުފޫޒުގަދަވުމުގެ ބަދަލުގައި ޤައުމުގެ ރައްޔިތުންގެ ބާރުގަދަވެ މިނިވަންކަން އިތުރުވެގެންދާނެއެވެ. ވީމާ އެހެން ޤައުމުތަކަށް ބަރޯސާވާ މިންވަރު ކުޑަކުރުމުގެ ސަބަބުން ޤައުމިއްޔަތުގެ ދައުރު މިނިވަން ޤައުމެއް ބިނާ ކުރުމުގައި ބޮޑުކަން ހާމަވެގެންދާނެއެވެ.
މިނިވަން ވަރުގަދަ ޤައުމެއް ބިނާކުރުމުގައި ޤައުމިއްޔަތު މުހިއްމުވާ ސަބަބެއްކަމުގައި އެހެން ޤައުމުތަކުގެ އިޙްތިރާމް ލިބުމަށް ޤައުމިއްޔަތު މަގުފަހިކޮށްދިނުން ވެއެވެ. ޤައުމިއްޔަތު އާލާވެފައިވާ މުޖުތަމަޢުއެއްގެ ތެރޭގައި ޤައުމަށް ޚިދުމަތްކޮށްދޭ ގިނަ ބަޔަކު ހިމެނޭނެއެވެ. އެހެންކަމުން އެ ޤައުމަށް ދުނިޔޭގެ ފެންވަރުގައި ގިނަގުނަ ކުރިއެރުންތަކެއް ލިބުމަށް މަގުފަހިކޮށްދެއެވެ. މިކަމުގެ ސަބަބުން ޤައުމު ކުރިއަރާ ޤައުމުގެ ނަން މަޝްހޫރުވެދެއެވެ. ނަތީޖާއަކަށް ވެގެންދަނީ އެހެން ޤައުމުތަކުގެ މެދުގައި އެޤައުމަކަށްޓަކައި އޮންނަ އިޙްތިރާމް އިތުރުވުމެވެ. މިކަމުގެ ސަބަބުން އެ ޤައުމު އަޅުވެތިވުމަކީ ނާދިރު ކަމެކެވެ. ސަބަބަކީ އެ ޤައުމަށް އިޙްތިރާމް ކުރާ އަދި ބާރުދޭނެ ޤައުމުތަށް ގިނަވުމެވެ. އެހެން ޤައުމުތަކުގެ އެހީ ލިބެން އޮތުމުން އެ ޤައުމުގެ މިނިވަންކަމަށް އޮންނަ ހުރަސްތައް ނެތިދެއެވެ. ވީމާ އެހެން ޤައުމުތަކުގެ އިޙްތިރާމްލިބި ބާރުވެރިކުރުވުމަށް ޤައުމިއްޔަތު އެހީތެރިވާތީ މިނިވަން ވަރުގަދަ ޤައުމެއް ބިނާކުރުމަށް ޤައުމިއްޔަތުގެ މުހިއްމުކަމާމެދު ވިސްނާލަން ޖެހެއެވެ.
މިނިވަން ވަރުގަދަ ޤައުމެއް ބިނާކުރުމަށް ޤައުމިއްޔަތު މުހިއްމުވާ ގިނަ ސަބަބުތަކެއްވެއެވެ. އެގޮތުން ބޭރުގެ ނުފޫޒުން ހިމާޔަތްކޮށްދިނުމާއި ރައްޔިތުންގެ ބާރު ހިނގުން އަދި އެހެން ޤައުމުތަކަށް ބަރޯސާވާ މިންވަރު ކުޑަވުމުގެ އިތުރުން އެހެން ޤައުމުތަކުގެ އެހީލިބި ބާރުވެރިވުން ހިމެނެއެވެ. އެހެންކަމުން ޤައުމުގެ ރައްޔިތުންގެ ހިތްތަކުގައި ޤައުމީ ރޫޙް އާލާކޮށް ޤައުމިއްޔަތު ދިރުވުމަށް މަސައްކަތް ކުރުމަކީ ކިހާ މުހިއްމުކަމެއްތޯ ވިސްނާލަންޖެހެއެވެ.
*****