މިނިވަން ވަރުގަދަ ޤައުމެއް ބިނާކުރުމުގައި ޤައުމިއްޔަތާއި އޭގެ ދައުރު
ލިޔުނީ: އާމިނަތު މިންހާ މުޙައްމަދު – އަފީފުއްދީން ސްކޫލް
1965 ވަނަ އަހަރު އިނގިރޭސިންގެ އަތްދަށުން ދިވެހިރާއްޖެ ސަލާމާތްވީއްސުރެ އަދާހަމައަށްވެސް ދިވެހިރާއްޖެ މިއޮތީ މިނިވަންމަކުގެ މަތީގައެވެ. އެހެން ޤައުމުތަކާ އަޅާބަލާއިރު ބޮޑުތަނުން ކުޑަ ޖަޒީރާ ޤައުމެއްކަމަށްވާ ދިވެހިރާއްޖޭގެ މިނިވަންކަން ދެމެހެއްޓުމުގެ ސިއްރަކީ އަޅުގަނޑުމެންގެ ވަރުގަދަ ޤައުމިއްޔަތެވެ. މިގޮތުން ޤައުމިއްޔަތަކީ ތަނެއްގެ ދީނާއި، ބަހާއި، ސަޤާފަތާއި އާދަކާދަ ހިމެނޭ ޤައުމެއްގެ އަމިއްލަވަންތަކަން ހާމަކޮށްދޭ އެއްޗެކެވެ. އެއީ ޤައުމު ބިނާކުރުމަށް ވަރަށް މުޙިއްމު އެއްޗެކެވެ. މިނިވަން ވަރުގަދަ ޤައުމެއް ބިނާކުރެވޭނީ އަޅުގަނޑުމެންގެ މާތްވެގެންވާ އިސްލާދީން ހިމާޔަތްކޮށް ދިވެހިބަސް ކުރިއަރުވާ، ސަޤާފީ ކަންކަން އާލާކުރުމަށް އިސްކަންދީ، އަޅުގަނޑުމެންގެ ހިތްތަކުގައި ޤައުމީ ލޯބި އިތުރުކޮށްގެންނެވެ.
އަޅުގަނޑުމެންގެ ޤައުމު އާރާސްތުކުރުމުގައި އެންމެ ބޮޑު އިސްކަމެއް ދޭންޖެހޭނީ އިސްލާމްދީން ހިމާޔަތް ކުރުމުށެވެ. އެގޮތުން އިސްލާމީ ރިވެހި އުޞޫލުކަތާއި ރިވެތި އަޚްލާޤުގެ މަތީގައި ތިބުމުން، ޤައުމު ކުރިއަރާދާނެ ކަމަކީ ޔަޤީން ކަމެކެވެ. ސަބަބަކީ އޭރުން މީސްތަކުން ބައިބައިނުވެ އެންމެން އެކަތިގަނޑަކަށް ވެގެން މަސައްކަތް ކުރާނެތީއެވެ. ހަމައެއާއެކު އިސްލާމީ ޝަރީއަތާ އެއްގޮތަށް ހުކުމް ކުރެވޭނަމަ ރާއްޖޭގައި އިންތިހާއަށް ކުށް މަދުވެގެންދާނެއެވެ. ޤައުމެއްގައި ކުށް ގިނަވުމަކީ ތަރައްޤީއާއި ތަހުޒީބުގެ މަގު ބަންދުކުރާކަމެކެވެ. މީގެ އިތުރުން ރާއްޖެއަކީ ސައްތައިން ސައްތަ މުސްލިމު ޤައުމަކަށް ވުމަކީ ޤައުމުތެރޭގައި ދާޚިލީ ހަމަނުޖެހުންތައް މަދުވާ ސަބަބެކެވެ، ކަން މިހެން އޮތުމުން އިސްލާމްދީނަކީ ޤައުމު ކުރިއެރުވުމުގެ އެންމެ މުޙިއްމު އެއް އަސާސްކަން ހާމަވެއެވެ.
ޤައުމިއްޔަތުގެ ތެރޭގައި ހިމެނޭ ބަހަކީވެސް މިނިވަން ޤައުމެއް ބިނާކުރުމަށް ނުހަނު ބޭނުންތެރި އެއްޗެކެވެ. އަޅުގަނޑުމެންގެ އަމިއްލަ ބަހެއްކަމުގައިވާ މުއްސަނދި ދިވެހި ބަހަކީ މި ޤައުމަށް ލިބިފައިވާ ބޮޑު ނިޢުމަތެކެވެ. ނަމަވެސް ހުޅަނގުގެ “ގްލޯބަލައިސޭޝަން” ގެ ސަބަބުން ދިވެހިބަސްދަނީ ނެތެމުންނެވެ. އިހުގައި މި ޤައުމު އަޅުވެތިކޮށްގެން އުޅުނު އިނގިރޭސިންގެ ބަހަށް އިސްކަން ދިނުމަކީ މިނިވަން ޤައުމެއްގެ ސިފައެއްނޫނެވެ. މިކަން ހުއްޓުވޭނީ ސްކޫލުތަކުގެ ކިޔަވައި ދިނުމުގައި ދިވެހިބަހަށް އިސްކަންދީ، ޅަކުދިންގެ ހިތްތަކުގައި ދިވެހި ބަހަށް އޮންނަ ލޯބި އިތުރު ކުރުމުންނެވެ. އަދި ބޭރުބަސްބަހަށް ބަރޯސާ ކުރުން ހުއްޓުވައިގެންނެވެ. ވީމާ، ބަސް ހިމާޔަތް ކުރުމަކީ މިނިވަން ޤައުމެއް ބިނާކުރުމަށް ކުރަންޖެހޭ ކަމެކެވެ.
މިނިވަން ޤައުމެއްގެ އެންމެ އަސާސީ އެއް ސިފައަކީ ސަޤާފަތަށް އިސްކަން ދިނުމެވެ. ދިވެހިރާއްޖޭގައި ނެތެމުންދާ ރީތި ސަޤާފަތާއި އާދަކާދަ ދިރުވާ އާލާކޮށްގެން ނޫނީ ހަޤީގަތުގައި މިނިވަން ޤައުމަކަށް ނުވާނެއެވެ. މިހެން ބުނެވެނީ “ގްލޯބަލައިސޭޝަން” ގެ ސަބަބުން ބިދޭސީންގެ އާދަކާދަތައް އަޅުގަނޑުމެންގެ ކިބައިގާ ހަރުލާތީއެވެ. ކާވެނީގެ ހަފްލާގައި މާބޮނޑި އެއްލުމާ، “ބޭބީޝަވަރ” ބޭއްވުން ފަދަ ހަރަކާތްތައް އިތުރުވާތީއެވެ. އެހެން ޤައުމުތަކުގެ އާދަތައް ނަކަލުކުރާނަމަ މިނިވަން ޤައުމެއްގެ ގޮތުގައި ބެލެވޭނެހެއްޔެވެ؟ އަޅުގަނޑުމެންނަކީ ދިވެހި ވަންތަކަށް ހުރިބަޔަކަށްވާނީ ދިވެހި ސަޤާފަތަށް އިސްކަން ދިނީމައެވެ. ޅަދަރިންނަށް ދިވެހި ސަޤާފަތް ދަސްކޮށް ދިނީމައެވެ. ވުމާއެކު މިނިވަން ޤައުމެއްގެ ގޮތުގައި އޮވެ ރާއްޖެ ތަރައްޤީވާނީ ދިވެހި ސަޤާފަތަށް އިސްކަން ދިނީމައެވެ.
މިނިވަން ވަރުގަދަ ޤައުމެއް ބިނާ ކުރެވޭނީ ދިވެހިންގެ ހިތްތަކުގައި ޤައުމީ ލޯބި އޮވެގެންނެވެ. ކޮންމެ ދިވެއްސަކީވެސް މުޙައްމަދު ތަކުރުފާނާއި ދޮންބަންޑާރައިން ފަދަ ޤައުމީ ލޯބި ވަރުގަދަ ޤައުމު ހިމާޔާތް ކުރުމަށް ޖާނުން ފިދާވާން ތައްޔާރަށް ހުންނަ މީހަކަށް ވާންޖެހޭނެއެވެ. ދިވެހި ފަސްގަނޑުން އެންމެ ވެލިފުކެއްގެ މިންވަރުވެސް ދޭން ނުރުހޭ މީހަކަށް ވާންޖެހޭނެއެވެ. މީގެ އިތުރުން ދިވެހި ބަހާއި، ރިވެތި ސަޤާފަތާއި އާދަކާދަ ނެތެމުންދަތީ ހިތާމަކޮށް ދިވެހިންގެ ދިވެހި ވަންތަކަން ސަލާމަތް ކުރަން ޖެހެއެވެ. މިނިވަން ޤައުމެއް ބިނާކުރެވޭނީ އޭރުންނެވެ. އެހެން ކަމުން ޤައުމީ ލޯތްބާއި ޤައުމު ހިމާޔާތް ކުރުމުގެ ރޫހަކީ މިނިވަން ޤައުމެއް އާރާސްތު ކުރުމަށް މަޖުބޫރު އެއްޗެއްސެވެ.
މިނިވަން ވަރުގަދަ ޤައުމެއް ބިނާކުރުމަށް ޤައުމިއްޔަތަކީ ބޮޑު ދައުރެއް އަދާކުރާ އެއްޗެކެވެ. މިގޮތުން ދިވެހިރާއްޖޭގެ ޤައުމިއްޔަތު ވަރުގަދަވާނީ އިސްލާމްދީން ހިމާޔަތްކޮށް އެ ދީނާ އެއްގޮތަށް ޢަމަލުކޮށް ދިވެހިބަސް ނެތިދިއުން ހުއްޓުވައި، އެބަސް ކުރިއެރުވުމުންނެވެ. އެއާއެކު ދިވެހި ސަޤާފަތާއި އާދަކާދަ ދިރުވާ އާލާކޮށް ދިވެހިންގެ ކިބައިގައި ޤައުމީ ލޯބި އަށަގަންނަވައިގެންނެވެ. ވީމާ، މިނިވަން ވަރުގަދަ ޤައުމަކަށް ދިވެހި ރާއްޖެ ހެދުމަށްޓަކައި، އަޅުގަނޑުމެންގެ ޤައުމިއްޔަތާއި ދިވެހި ވަންތަކަށް ކުރިއަރުވަން މަސައްކަތް ކުރަމާތޯއެވެ.
*****