މަޒުމޫނު: އާމިނަތު ރިޝްފާ ޢަބްދުﷲ – ހދ. ކުރިނބީ ސްކޫލް


މިނިވަން ވަރުގަދަ ޤައުމެއް ބިނާކުރުމުގައި ޤައުމިއްޔަތާއި އޭގެ ދައުރު

ލިޔުނީ: އާމިނަތު ރިޝްފާ ޢަބްދުﷲ – ހދ. ކުރިނބީ ސްކޫލް


“ޤައުމު” ތިން އަކުރުގެ ކުޑަކުޑަ ލަފްޒެކެވެ. ދުލަށް ފަސޭހަ، ލިޔެލަން ފަސޭހަ، ނަމަވެސް، ފުން މާނައެއް އޭގައި އެކުލެވިގެންވާ ލަފްޒެކެވެ. ޤައުމެއް ޤައުމަކަށްވާނީ އެ ޤައުމުގެ އަހުލުވެރިންގެ ހިތުގައި އެތަނަކާމެދު އޮންނަ ފުން ލޯތްބެއްގެ ސަބަބުންނެވެ. ޤައުމިއްޔަތުގެ ސަބަބުންނެވެ. އަމާން ވަރުގަދަ ޤައުމެއްގެ ބިންގަލަކީ ޤައުމިއްޔަތެވެ. މީގެ ސަބަބުން ކުރިޔަށް އޮތް ޖީލުތަކަށް ރައްކާތެރިކަމާއިއެކު އަޅުގަނޑުމެންގެ ޤައުމު، އަޅުގަނޑުމެންގެ ލޯބިވާ ޚަޒާނާ ހަދިޔާ ކުރެވި، ޤައުމުގެ މިނިވަންކަން ދަމަހައްޓާނެ ދަރިންތަކެއް އުފެދުމުގެ އިތުރުން އަމިއްލަ ޤައުމަށް ޚިދުމަތްކުރާނެ ދިވެހި ދަރީންތަކެއް ބޮޑުވެ، އަޅުގަނޑުމެންގެ މަތިވެރި އިސްލާމްދީން ހިމާޔަތްކުރެވިގެން ދެއެވެ. 

އާދެ! ކުރިޔަށް އޮތް ޖީލުތަކަށް އަޅުގަނޑުމެންގެ ޤައުމު ފޯރުކޮށްދިނުމަށްޓަކައި ޤައުމިއްޔަތުގެ ދައުރު ނުހަނު ބޮޑެވެ. މީހުން ބުނެއުޅެއެވެ. “އަހިވަކާ ޖެހި އަހިވައް ފާވާނެއެވެ.” އަޅުގަނޑުމެންގެ ދަރިންނާއި، އަދި އެދަރީންގެ ދަރީންނަށް ވެސް ދަސްވާނީ ހަމަ އަޅުގަނޑުމެން އުޅޭ ގޮތެވެ. އެކުދިންގެ ހިތުގައި އަޅުގަނޑުމެން ހިތުގުގައި ނެތްވަރުގެ ޤައުމިއްޔަތެއް ނުއުފެދޭނެއެވެ. އަޅުގަނޑުމެންގެ ޒިންމާއަކީ އެކުދިން ތުއްތު އިރުއްސުރެ ޤައުމާމެދު ލޯބި ޖެއްސުމަށް މަސައްކަތް ކުރުމެވެ. ނަމަވެސް މިކަން ކުރުމަށްޓަކައި، އެންމެ ފުރަތަމަ އަޅުގަނޑުމެންގެ ކިބައިގައި ޤައުމިއްޔަތު ހުރީ ކޮން މިންވަރަކަށްތޯ ސުވާލުކޮށްލަން އެބަ ޖެހެއެވެ. އަދި މުސްތަޤުބަލުގައި މި ޤައުމިއްޔަތު ދިރުވާ އާލާ ކުރާނެ ގޮތަކާއި މެދު ވިސްނާ ފިކުރު ކުރަން ޖެހެއެވެ.  

ޤައުމެއް މިނިވަން، އަމާން ތަނަކަށް ހެދޭނީ އެ ޤައުމެއްގެ އަހުލުވެރީންގެ ނުގުޑާފަދަ އަޒުމެއް އޮވެގެންނެވެ. އެޤައުމަކަށްޓަކައި އެބައެއްގެ ފުރާނަ ޤުރްބާންކުރި ބަޠަލުންގެ ޒިކުރާ އާކޮށްގެންނެވެ. އެބޭފުޅުންގެ ޤުރްބާނީއާއި މެދު ޝުކުރުވެރިވެ، ތާރީޚުން އިބުރަތް ނަގައިގެނެވެ. އަޅުގަނޑުމެންގެ ޤައުމަށްޓަކައި ކޮންމެ ފަދަ ޤުރްބާނީއެއްވެސް ވާން ތައްޔާރަށްތިބި ކުދިބަޔަކަށް ވެގެންނެވެ. އެއީ ޤައުމިއްޔަތެވެ. އެމީހެއްގެ ހިތުގައި ޤައުމިއްޔަތު ނެތް މީހަކަށް ޤައުމުގެ ހާލަތެއް ނުފެންނާނެއެވެ. ޤައުމުގެ މިނިވަންކަން ދެމެހެއްޓުމުގެ މުހިއްމުކަމެއް ނުފެންނާނެއެވެ. ބޮޑުތަކުރުފާނާއި، އަލިތަކުރުފާނާއި ޝަހީދު ޙުސައިން އާދަމްފަދަ ބަޠަލުންނަށް ވުމަށް މަސައްކަތެއް ނުކުރާނެއެވެ. އެހެންކަމުން ޤައުމުގެ މިނިވަންކަން ދެމެހެއްޓުމަށްޓަކައި ޤައުމިއްޔަތު އޮންނަން ޖެހެއެވެ.  

“އިންޑިޕެންޑެންސް” މިއީ މިއަދު އާ ބަހަކަށް ނުވާނެއެވެ. ޤައުމެއް ވަރުގަދަވެގެންދާނީ އެ ޤައުމެއްގެ އަމިއްލަވަންތަކަމުންނެވެ. ނަމަވެސް ސުވާލަކީ މިކަން ހާސިލްކުރާނީ ކިހިނެތް ހެއްޔެވެ؟ އެންމެ ފުރަތަމަ ކަމަކީ، އަމިއްލަ ޤައުމަށް ޚިދުމަތް ކުރުމަށް އެ ޤައުމެއްގެ ރައްޔިތުން އަތުކުރި އޮޅާލާ  މަސައްކަތް ކުރުމެވެ. އެހެން ޤައުމުތަކަށް ބަރޯސާވާލެއް މަދުކުރެވޭނީ އެ ޤައުމެއްގެ ދަރީން ކުރާ މަސައްކަތުންނެވެ. އެކުދިންގެ ހިތުގައި ޤައުމަށްޓަކައި އޮތް ލޯތްބެއްގެ މިންވަރުންނެވެ. ކިޔަވައިގެން މޮޅުވެގެން އެހެން ޤައުމުތަކުގައި ވަޒީފާ އަދާކުރުމަކީ ހައްލެއް ނޫނެވެ. ގިނަ ބަޔަކު ތަޢުލީމީ ރޮނގުންނާއި ކުޅިވަރުގެ ރޮނގުންނާއި ވިޔަފާރީގެ ދާއިރާއިން ކުރިއަރާ ދިޔުމަކީ އެ ޤައުމެއްގެ އިޤްތިޞާދަށް ވަރަށް ބޮޑަށް މަންފާ ކުރާނެ ކަމެކެވެ. ނަތީޖާއެއްގެ ގޮތުން ޤައުމު ތަރައްޤީވެ ކުރިއަރައިގެން ދެއެވެ. 

ހަމައެއާއިއެކު ދީނަކީ އަޅުގަނޑުމެންގެ ވަޠަނުގެ އެއްބައި ކަމަށްވާއިރު އެންމެން އެއް ލަވައެއް ކިޔައި އެދީން ހިމާޔަތް ކުރަންޖެހޭނެއެވެ. އެއްވެސް ޝައްކެއްނެތް ގޮތުގައި މިއީ ވަރުގަދަ ޤައުމިއްޔަތަކާއި ނުލައި ނާދިރު ކަމެކެވެ. އެހެން ޤައުމުތަކުގެ ދީންތަކާއި ޤަބޫލުކުރުންތަކުން އަޅުގަނޑުމެންގެ ހިތްތައް ރައްކާތެރިކުރަން އެބަޖެހެއެވެ. މީގެ ސަބަބުން، އަޅުގަނޑުމެންގެ ވައްޓަފާޅިއާއި ގޮތްތަކަށް ބަދަލެއް ނައިސް އަޅުގަނޑުމެންގެ ޤައުމު އެހެން މީހުންގެ ވަކިތަކުން ސަލާމަތްވެގެންދެއެވެ. ހަމައެއާއިއެކު އިސްލާމްދީނުގެ މައިގަނޑު ފަސް މަގުސަދުގެ ތެރޭގައި ހިމެނޭ، ދީން ރައްކާތެރިކުރުމުގެ މަގުސަދު ހާސިލްވެގެންދެއެވެ.  

އަޅުގަނޑުމެންގެ ޤައުމަކީ އަޅުގަނޑުމެންގެ ޒިންމާއެކެވެ. އަދި މި ޒިންމާގެ އެންމެ އިސްރޯލެއް އަދާކުރަނީ ޤައުމިއްޔަތެވެ. އޭގެ ސަބަބުން ޤައުމު އެކައްޗެއްގެ ގޮތުގައި ކުރިޔަށް އޮތް ޖީލުތަކަށް ފޯރުކޮށްދެވި ޤައުމީ އަބުޠާލުންގެ ފަރާތުން ނަމޫނާ ނަގާ، ޤައުމަށް ޚިދުމަތް ކުރަން ތައްޔާރު އަމިއްލަ ދީނަށް ލޯބިކުރާ ދަރީންތަކެއް އުފެދިގެންދެއެވެ. މިނިވަން، ވަރުގަދަ ޤައުމެއްގެ ބިންގާ އެޅިގެންދެއެވެ. 

*****

Loading