މިނިވަން ވަރުގަދަ ޤައުމެއް ބިނާކުރުމުގައި ޤައުމިއްޔަތާއި އޭގެ ދައުރު
ލިޔުނީ: ފާޠިމަތު އަމީޒާ – ހދ. ނެއްލައިދޫ ސްކޫލް
ޤައުމެއްގެ ޤައުމިއްޔަތު ކުރިއަރާދާނީ އެ ޤައުމެއްގެ އަފްރާދުން ޤައުމީ ރޫޙު އާލާ ކުރަން މަސައްކަތް ކޮށްގެންނެވެ. ޤައުމީ ޝުޢޫރު ވަރުގަދަ ކޮށްގެންނެވެ. އެގޮތުން ޤައުމުގެ މިނިވަންކަން ވަރުގަދަކުރުމަށް ޤައުމިއްޔަތުގެ ދައުރު މިވަނީ ވަރަށް ބޮޑުވެފައެވެ. ދިވެހި ރައްޔިތުންގެ އަމިއްލަވަންތަކަން ދައްކުވައި ދޭނީ ދިވެހިރާއްޖޭގެ މިނިވަންކަން ވަރުގަދަ ވުމުންނެވެ. އެހެންކަމުން މިނިވަން ވަރުގަދަ ޤައުމެއް ބިނާކުރުމުގައި ޤައުމިއްޔަތުގެ ދައުރު ނުހަނު ބޮޑެވެ.
އެ ޤައުމެއް މިނިވަންކަން ވަރުގަދަކޮށްދޭ އެންމެބޮޑު އެއް އަސާސަކީ ޤައުމުގެ ބަހެވެ. އެގޮތުން ދިވެހިރާއްޖޭގެ މާދަރީ ބަސް ކަމަށްވާ ދިވެހިބަހަކީ ދިވެހީންނަށް ލިބިފައިވާ މިނިވަންކަމުގެ އެންމެ ފުރިހަމަ އެއް ބިންގަލެވެ. ފިލިތަކަކާއި އަކުރުތަކެއް އެއްވެގެން އުފެދޭ ތާނަ އަކުރަކީ ދުނިޔޭގެ އެހެން ޤައުމުތަކުގެ ބަހާއި ތަފާތުކޮށްދޭ ސިފައެކެވެ. މީގެ އިތުރުންވެސް ވާހަކަ ދެއްކުމުގައި ދިވެހިބަސް ނުހަނު ފަސޭހައެވެ. ދިވެހިން ޝުޢޫރު ފާޅުކުރުމުގައި އެއް ވަސީލަތޭ ބުނެވިދާނެއެވެ. ވީމާ ޤައުމުގެ މިނިވަންކަން ވަރުގަދަ ކުރުމަށް އެބައެއްގެ މާދަރީ ބަސް މުހިއްމު ކަމާމެދު އެއްވެސް ޝައްކެއްނެތެވެ.
ސަގާފަތާއި އާދަކާދައަކީ ޤައުމެއްގެ އަހުލުވެރިންގެ ދިރިއުޅުން ބިނާކުރުމުގައި ކޮށްއުޅޭ މަސައްކަތާއި ގެންގުޅޭ ހުނަރުވެރިކަމާއި އަދި އެބައެއްގެ މެދުގައި އޮންނަ ދީނީ ކަމެވެ. މިނިވަން ވަރުގަދަ ޤައުމެއް ބިނާކުރެވިގެންދާނީ ޤައުމުގެ ސަގާފަތާއި އާދަކާދަތައް ދަމަހައްޓައިގެންނެވެ. އެގޮތުން، ކާބަފައިންގެ ޒަމާނުގައި ދިވެހިން ކުޅެމުން އައި ސަގާފީ ކުޅިވަރުތަކަކީ ދިވެހިރާއްޖޭގެ މިނިވަންކަން އަންގައިދޭ ކަންކަމެވެ. ކޯޑި ކެނޑުމާއި ބޮޑުމަސް ބޭނުމާއި ތާރަޖެހުމާއި ދަފިނެގުން ފަދަ ކަންކަމަކީ އެ ޤައުމުގެ ސިޔާދަތު ދަމަހައްޓާ ކަންކަމެވެ. މީގެ އިތުރުން ދިވެހީންގެ ސަގާފީ ހެދުމަކީވެސް އެހެން ޤައުމުތަކާއި ދިވެހިރާއްޖެ ތަފާތުކޮށްދޭ ކަމަކާމެދު އެއްވެސް ޝައްކެއް ނެތެވެ. އަންހެނުން ލައި އުޅޭ ރަތް ލިބާހާއި ހެދުން ބުރިއާއި ދިގު ހެދުމާއި ފިރިހެނުން ލައި އުޅޭ މުންޑު އަދި ގަންޖުފަރާހަކީ ދިވެހީންގެ ޤައުމިއްޔަތު ރަމްޒުކޮށްދޭ ތަކެއްޗެވެ. ހަމަމިއާއިއެކު ދިވެހީންގެ މައިގަނޑު ކެއުން ކަމަށްވާ ދިވެހި ކަނޑުމަހަކީ ވެސް ދިވެހިންގެ ޤައުމިއްޔަތު ފުޅާ ކޮށްދޭ އެއްޗެއްސެވެ. ވީއިރު ދިވެހިރާއްޖޭގެ މިނިވަންކަން ވަރުގަދަ ކުރުމަށް ދިވެހި ކޮންމެ ރައްޔިތެއްވެސް މި ސަގާފަތާއި އާދަކާދަ ދެމެހެއްޓުމަށް އަތުކުރި އޮޅާލާ މަސައްކަތް ކުރަން އެބަޖެހެއެވެ. އޭރުން ދިވެހިރާއްޖެއަކީ މިނިވަންކަން ވަރުގަދަ ޤައުމެކޭ ބުނެވޭނެއެވެ.
ދިވެހިރާއްޖެ އިސްލާމްވެ މިނިވަން ޤައުމަކަށްވީ ރަބީޢުލް އާޚިރު މަހުގެ 2 ވަނަ ދުވަހުއެވެ. އެއީ އައްސުލްޠާން މުޙައްމަދު އިބުނު ޢަބްދުﷲގެ ރަސްކަމުގައެވެ. އެގޮތުން މިނިވަން ޤައުމެއްގެ ގޮތުގައި ބިނާކުރުމުގައި އިސްލާމްދީނުގެ ދަޢުރު ވަރަށް މުހިއްމެވެ. ރާއްޖެ މުސްލިމު ޤައުމެއްގެ ގޮތުގައި ދެމެހެއްޓުމަށް ދިވެހިންގެ ގިނަ ޢަބްޠާލުންތަކެއްވަނީ ޖާނާމާލުން ޤުރްބާންވެފައެވެ. ޤައުމުގެ ސުލްޙަ މަސްލަޙަތު ޤާއިމް ކުރުމަށް ރާއްޖޭގެ އެކި ރަށްރަށުގައި ވަރަށް ބޮޑަށް މިކަމަށް ބާރުއަޅައެވެ. ޅަ އުމުރުގެ ޒުވާނުން ކުށުގެ ވެއްޓަށް ހެއްލި ނުދީ ސަލާމަތްކުރުމަށް ހާއްސަ އިސްކަމެއްދެއެވެ. އަދި މާރާމާރީ ހިންގުންފަދަ ބޭއަދަބީ ކަންކަމުން ރާއްޖެ ރައްކާތެރި ކުރެވިފައިވާކަމީ ވަރަށް ފަޚުރުވެރިކަމެކެވެ. ޤައުމިއްޔަތު ދެމެހެއްޓުމަށްޓަކައި ފިތުނަ ފަސާދަތަކުން އެއްކިބާ، އަމިއްލަވަންތަ، އެކުވެރި، އެއްބައިވަންތަ މުޖުތަމަޢުއެއް ޤާއިމް ކުރަންޖެހެއެވެ. އެހެންކަމުން މިނިވަންކަން ވަރުގަދަ ކުރުމަށްޓަކައި އިސްލާމްދީނުގެ އުސޫލުތަކުގެ ދައުރު ނުހަނު ފުޅާ ކަމަށް ޤަބޫލު ކުރެވެއެވެ.
މިނިވަންކަމަކީ ޤައުމިއްޔަތަށް އިތުރު ފުރިހަމަކަމެއް ގެނެސްދީ ޤައުމުގެ މިނިވަންކަން ވަރުގަދަކޮށްދޭ ކަމެކެވެ. އެގޮތުން ޤައުމެއްގެ އަމިއްލަވަންތަ ކަމެއް ނެތުމަކީ އެ ޤައުމުގެ ޤައުމިއްޔަތުގެ އިމާރާތް ވެއްޓެން މެދުވެރި ވެދާނެ މައިގަނޑު އެއް ހަރުފަތެވެ. 3 ފަހަރު މަތިން ރާއްޖެ މިނިވަންކަމަށް ގެނެސް މިވަނީ ޤައުމަށް ގިނަ ބަޔަކު ޤުރުބާންވެގެން ކަން މީ ދެބަސްވެވެން ނެތް ޙަޤީޤަތެކެވެ. މަލާބާރީންގެ (ހޮޅިން) އަތްދަށުންނާއި ޕޯޗުގީޒުންގެ އަތްދަށުންނާއި އިނގިރޭސީންގެ ހިމާޔަތުގެ ދަށުން ރާއްޖެ ސަލާމަތްކޮށްދީފާވެއެވެ. އެހެންކަމުން ރާއްޖެ މިނިވަންވީ ދުވަސް ކަމުގައި ފާހަގަކޮށް އުޅެނީ ޖުލައި މަހުގެ 26 ވަނަ ދުވަހެވެ. މިކަމުންވެސް ހާމަވެގެންދަނީ ޤައުމުގެ މިނިވަންކަން ދިފާޢު ކުރެވި ދިވެހިރައްޔިތުންނަށް އަމާން މުސްތަޤުބަލެއް ދެއްވުމަށް ގިނަ ބަޔަކު މަސައްކަތް ކުރި ކަމެވެ. ވީމާ މިނިވަންކަން ވަރުގަދަކޮށް ޤައުމެއް ބިނާކުރެވޭނީ ފުރިހަމަ މިނިވަންކަން ލިބިގެންވާ ޤައުމަކަށްވެގެން ކަމަށް ޤަބޫލު ކުރެވެއެވެ.
ޤައުމެއްގެ މިނިވަންކަން ދެމެހެއްޓޭނީ އެ ޤައުމެއްގެ އަމިއްލަވަންތަކަމާއި އެއްބައިވަންތަކަން އަދި ޤައުމިއްޔަތުކަން ފުރިހަމައަށް ދެމިއޮތުމުންނެވެ. ޤައުމިއްޔަތުގެ ދައުރު ފުޅާކުރުމުގައި ދިވެހިބަސް ރައްކާތެރިކަމާއެކު އެއްޖީލުން އަނެއް ޖީލަށް ފޯރުކޮށްދިނުމާއި ރާއްޖޭގެ ސަގާފަތް ފުރިހަމަ ގޮތުގައި ދަމަހައްޓައި އިސްލާމްދީނުގެ އުސޫލުތަކަށް ބޯލަނބާ ކިޔަމަންގަނެ ޤައުމުގެ މިނިވަންކަން ދެމެހެއްޓުމަށް މަސައްކަތް ކުރުމެވެ. އެހެންކަމުން ދިވެހިރާއްޖެއަކީ މިނިވަންކަން ވަރުގަދަ ޤައުމަކަށް ހެދުމަށްކުރި ފާހަގަކުރެވުނު ކަންކަން ޒިންމާދާރުކަމާއެކު އަދާކުރުމަކީ ކޮންމެ ދިވެއްސެއްގެ ބޮލުގައި އެޅިފައިވާ ޤައުމީ ވާޖިބެކެވެ. ވާޖިބު އަދާކުރުމުގައި އަޅުގަނޑުމެން ދިވެހިން ސާބިތުވަމާތޯއެވެ.
*****