މިނިވަން ވަރުގަދަ ޤައުމެއް ބިނާކުރުމުގައި ޤައުމިއްޔަތާއި އޭގެ ދައުރު
ލިޔުނީ: ފާޠިމަތު ސަޚާ ސުލައިމާން – ހދ. ކުރިނބީ ސްކޫލް
ޤައުމެއް ބިނާކުރުމުގައި އެންމެ އިސްދައުރެއް އަދާކުރާނީ އަދުގެ ޒުވާނުންނެވެ. ހަމައެހެންމެ ޤައުމުގެ މިނިވަންކަން ވެސް އޮންނާނީ ހަމަ ޒުވާނުންގެ އަތްމަތީގައެވެ. ކަންމިހެންއޮތުމާއިއެކު، މިނިވަން ޤައުމެއް ބިނާކުރުމުގައި އެންމެ އިސްދައުރެއް އަދާކުރާނީ ޤައުމިއްޔަތެވެ. ޤައުމިއްޔަތުނެތްނަމަ، އެ ޤައުމެއްގެ މިނިވަންކަން ނެތި، އެހެން ބައެއްގެ އަތްމައްޗަށް ދިއުމަކީ އެއްވެސް ޝައްކެއްއޮތް ކަމެއްނޫނެވެ.
ކިޔަވާކުދިންނަކީ ޤައުމުގެ އެއްތަނބެވެ. އަދި އެކުދިންނަކީ ޤައުމުގެ މިނިވަންކަން ބަލަހައްޓަންހުރި މާދަމާގެ ޒުވާނުންނެވެ. ވީއިރު، އެކުދިންގެ ހިތުގައި ޤައުމަށް އޮންނަންޖެހޭ ލޯބިނެތްނަމަ، ދެންވާނީ ކިހިނެއް ހެއްޔެވެ؟ ތެދަށްބުނާނަމަ، މިހާރުގެ ކުދިންގެ ހިތުގައި ލޯބި އޮންނަނީ އުފަން ޤައުމު ނޫން އެހެން ޤައުމުތަކަށެވެ. މިކަން މިހެންވާން މެދުވެރިވި ސަބަބަކީ، ސްކޫލްތަކުގައި ޤައުމަށް ލޯބިޖެހޭ ކަހަލަ ހަރަކާތްތައް ނުބޭއްވުމެވެ. އެކިއެކި ފެންވަރުގައި، މަދަހަ މުބާރާތާއި، ޤުރުއާން މުބާރާތާއި، އަދަބީ މުބާރާތްތައް ގިނަގިނައިން ބޭއްވޭނަމަ، އަދުގެ ކިޔަވާކުދިން ހިތުގައި ޤައުމަށް ލޯބިޖެހިދާނެއެވެ.
ޒުވާނުންނަކީ ޤައުމު ބިނާކުރުމުގައި އެންމެ އިސްދައުރެއް އަދާކުރާ ބަޔަކަށްވީހިނދު، ޒުވާނުންގެ ފަރާތުން އެންމެ އެދެވޭގޮތުގައި އެއްބާރުލުމެއްނުލިބެއެވެ. އަދުގެ ޒުވާނުންގެ ހިތުގައި ޤައުމަށް އޮންނަ ލޯތްބަށްވުރެ، އަތުގައި އޮންނަ ސްމާޓް ފޯނަށް އޮންނަ ލޯބި މާބޮޑެވެ. މިހާރު ޒުވާނުންނަށް ކުރިމަތިވާ އެންމެ ބޮޑު އެއް ގޮންޖެހުމަކީ ސަރުކާރުގެ މަތީ ވަޒީފާތައް ފުރުމުގެ ފުރުސަތު ކުޑަވުމެވެ. ޒުވާނުންނަށް އެންމެ އެދެވޭ ސަރުކާރުގެ މަތީ ވަޒީފާތަކުގެ މަޤާމް ފުރަންތިބި، ޒުވާނުން ހޭލުންތެރިކުރުމަށް އެކިކަހަލަ ޕްރޮގްރާމްތައް ހިންގިއްޖެނަމަ، އެ ޤައުމެއް ރަނގަޅު ގޮތުގައި ބިނާކުރެވިދާނެއެވެ.
ޤައުމެއްގެ މިނިވަންކަމަށް ބުރޫއަރާ އެންމެ ބޮޑު އެއްކަމަކީ ބިދޭސީންގެ އާބާދީ އިތުރުވުމެވެ. އަދި އާމްދަނީ ހޯދަން ސަރުކާރުގެ މަތީ ވަޒީފާތައް ފުރަމުން އަންނަކަމީ ޤައުމު އެހެން ބައެއްގެ އަތްމައްޗަށް ދާންއުޅޭކަމުގެ ހެއްކެކެވެ. އަދި ނުވިތާކަށް، މަސްތުވާތަކެތީގެ އަވައިގައި ޒުވާނުން ޖެއްސުމަކީ އޭގެ އަނެއް ހެއްކެވެ. އަދި ޒުވާނުން ކުށުގެ ވެއްޓަށް ވެއްދުމަކީ އެމީހުންގެ އެންމެ ބޮޑު ބޭނުން ކަމާމެދު އެއްވެސް ޝައްކެއްނެތެވެ. އެއީ ޒުވާނުންނަކީ ޤައުމު ބަލަހައްޓަން ތިބި ބަޔަކަށްވާތީއެވެ. އެހެންކަމުން ދުރާލައި މިކަންކަން ނުހުއްޓުވިއްޖެނަމަ ޤައުމުގެ މިނިވަންކަން ދެމިއޮންނާނެ ހެއްޔެވެ؟
މިހާރުގެ ޒުވާނުންނާއި، ފުރާވަރުގެ ކުދިންނަކީ ހުޅަނގުގެ ހެދުން އެޅުމުގެ ވައްޓަފާޅި ނަކަލުކުރާ ބައެއްކަން ބަލައިލި ކޮންމެ ދިމާއަކުން ވެސް އެނގޭނެއެވެ. ފިލްމް އިންޑަސްޓްރީއަށް ބަލައިލިކަމުގައިވިޔަސް، މިކަން ވަރަށް ސާފުކޮށް އެނގޭނެއެވެ. ނިވާކަންކުޑަގޮތަށް ބުރުގާ އެޅުމާއި، ހެދުންއެޅުމުގެ ސަބަބުން މުސްލިމުންކަމާމެދުވެސް ޝައްކެވެ. ދީނަށްވެސް ކިހާ ހުތުރުހެއްޔެވެ؟ މިކަމުގެ ސަބަބުން ޒުވާންޖީލު މިދަނީ ހަލާކުވަމުންނެވެ. މިކަން ހުއްޓުވަން އަވަސް ރަޙުމަތެއްގައި ފިޔަވަޅުއަޅަންޖެހެއެވެ. މިކަމުންވެސް އަންގައިދެނީ ޤައުމަށް އޮންނަންޖެހޭ ލޯބި ނެތްކަމެވެ.
މިނިވަން ޤައުމެއް ބިނާކުރުމުގައި ޤައުމިއްޔަތަކީ ވަރަށްވެސް މުހިންމު އެއްޗެކެވެ. އެހެންކަމުން، އަދުގެ ކިޔަވާކުދިންނާއި ޒުވާނުންގެ ހިތުގައި ޤައުމަށް ލޯބި ޖައްސަން ޖެހެއެވެ. ހަމައެހެންމެ، ބިދޭސީންގެ އާބާދީ ކުޑަކުރުމާއި، ނިވާކަންކުޑަގޮތަށް ހެދުންއެޅުން ހުއްޓާލަންޖެހެއެވެ. މިކަންކަން ހުއްޓުވޭނީ އެންމެން އެއްބައިވަންތަކަމާއިއެކު ގަދައަޅާ މަސައްކަތްކޮށްގެންނެވެ. ވުމާއިއެކު، މިކަންކަން ކުރެވިއްޖެނަމަ މިނިވަން ވަރުގަދަ ޤައުމެއް ބިނާކުރެވިދާނެއެވެ.
*****