މިނިވަން ވަރުގަދަ ޤައުމެއް ބިނާކުރުމުގައި ޤައުމިއްޔަތާއި އޭގެ ދައުރު
ލިޔުނީ: އިބްރާހީމް ޝައިޚާން – ހދ. އަތޮޅު މަދަރުސާ
މިނިވަން ވަރުގަދަ ޤައުމެއް ބިނާވެގެންދާނީ ކިހިނެއް ހެއްޔެވެ؟ ރާއްޖޭގެ ތަރައްޤީގެ ކުރިބޯށްޓަށް ވާޞިލުކުރެވޭނީ ކޮން ގޮތަކުން ހެއްޔެވެ؟ މިއީ ވަރަށް ގިނައިން ކުރެވެމުންދާ ސުވާލުތަކެކެވެ. މި ސުވާލުތަކާއި މެދު ފުރިހަމައަށް ވިސްނާލުމުން އޭގެ ޖަވާބު ފަސޭހަ ކަމާއިއެކު ދެނެގަނެވެއެވެ. ދިވެހިރާއްޖެއަށް ގެންނަން ބޭނުންވާ ތަރައްޤީ ގެނައުމުގައި އެންމެ ބޮޑު ބައެއް އަދާ ކުރަނީ ދިވެހި ޤައުމިއްޔަތެވެ. ޤައުމު ކުރިއަރުވަން އެދޭނަމަ އިސްލާމް ދީނުގައި ރަނގަޅަށް ހިފައި، ސަޤާފަތަށް އިސްކަންދީ، ދިވެހި ތާރީހާއި މެދު ވިސްނައި، އެބައެއްގެ ފަރުދީ ޒިންމާތައް ފުރިހަމައަށް އަދާކުރަން ޖެހެއެވެ.
ދިވެހިރާއްޖެއަކީ މިނިވަން ވަރުގަދަ ޤައުމަކަށް ހެދުމަށް އެންމެ ފުރަތަމަ އިސްކަން ދޭން ޖެހޭނީ ދީނަށެވެ. ރާއްޖެއަކީ ސައްތައިން ސައްތަ މުސްލިމު ޤައުމެކޭ ބުނެ އުޅެއެވެ. އިސްލާމްދީނަކީ އަމަން އަމާންކަމުގެ ދީނެވެ. ސުލްހައިގެ ދީނެވެ. އެހެންކަމަށް ވީއިރު، މުސްލިމު މުޖުތަމައެއްގައި މި އަމަން އަމާންކަމާއި ސުލްޙަ މަސަލަސްކަން އޮންނަން ޖެހެއެއްނޫން ހެއްޔެވެ؟ އެހެންކަމަށް ވާނަމަ ދިވެހިރާއްޖެއަކީ ރައްކާތެރި އަމާން ތަނެއް ކަމުގައި ވެގެން ދާނެއެވެ. މިފަދަ ސުލްޙަވެރިކަމެއް ނެތް ޤައުމެއް ހަމަ ގައިމުވެސް ކުރިއަރައިގެނެއް ނުދާނެއެވެ. އެއީ ވަރަށް ނާދިރު ކަމެކެވެ. އެހެންކަމުން ވަރުގަދަ އަމާން ޤައުމެއް ބިނާކުރުމަށް އެދޭނަމަ އިސްލާމްދީނުގައި ފުރިހަމައަށް ހިފަން ޖެހެއެވެ.
ތަރައްޤީ ޤައުމެއް ބިނާ ކުރާއިރު ދެން އެންމެ މުހިންމު އެކައްޗަކީ ސަޤާފަތެވެ. ދިވެހި ސަޤާފަތުގެ ތެރެއަށް އެތަށް ކަމެއް ވަދެގެން ދެއެވެ. ކެއުމާއި، ކުޅިވަރާއި، މަސައްކަތްތެރިކަން ފަދަ އެތައް ކަމެކެވެ. މިއިން ކޮންމެ ކަމަކީ ދިވެހިންގެ އަމިއްލަވަންތަކަން ދައްކުވައިދޭ ކަންކަމެވެ. ދިވެހީންނާއި ބޭރުމީހުންނާއި ތަފާތު ކޮށްދެނީ ސަޤާފަތެވެ. މި ސަޤާފަތާއި ނުލާ ދިވެހިންގެ އަމިއްލަވަންތަކަން ފުރިހަމަ ވާނެ ހެއްޔެވެ؟ ނުވާނެއެވެ. އަމިއްލަވަންތަކަމެއް ނެތި މިނިވަން ވަރުގަދަ ޤައުމެއް ބިނާކުރެވޭނެ ހެއްޔެވެ؟ އެކަމެއް ނުކުރެވޭނެއެވެ. އެހެންކަމުން އަމިއްލަވަންތަ ތަރައްޤީ ޤައުމެއް ބިނާކުރުމަށްޓަކައި ސަޤާފަތަށް އިސްކަންދޭން ޖެހޭނެއެވެ.
ވަރުގަދަ މިނިވަން ޤައުމެއް ބިނާކުރާއިރު ޤައުމުގެ ތާރީޚާއި މެދު ވިސްނާލަންޖެހެއެވެ. މިނިވަންކަން ހޯދައިދިނުމަށް ޤުރުބާނީތައް ވި އަބުޠާލުންގެ މަތިން ހަނދާން ކުރަން ޖެހެއެވެ. ދިވެހީންގެ ތާރީޙަށް ބަލައިލާއިރު، ދިވެހީންގެ މިނިވަންކަން ވަނީ 3 ފަހަރު ގެއްލިފައެވެ. ހިތާމައަކީ މިއިން ކޮންމެ ފަހަރަކުވެސް އެކަމުގެ އަޑީގައި ހުރީ ދިވެއްސެކެވެ. ޕޯޗިގީޒުން ރާއްޖެ އެރީ 9 ވަނަ ހަސަން ރަސްގެފާނުގެ ޚިޔާނާތުންނެވެ. މަލާބާރީން ރާއްޖެ ހިފުމުގައި ޙާއިނުންގެ ގޮތުގައި ތިބީ އަޙުމަދު މުޙުޔިއްދީން އަދި މުޙައްމަދު ޝަމްސުންދީނެވެ. އަދި އިނގިރޭސިންގެ އިސްތިޢުމާރުގައި ރޭވުންތެރިއެއްގެ ގޮތުގައި ހުރީ ޝަމްސުންދީން ފާށަނާ ކިލޭގެފާނެވެ. މިކަންކަން ހަނދާނުން ފުހެލައިފި ނަމަ މިފަދަ ކަމަކާއި އަލުން ކުރިމަތިލާން ޖެހިދާނެއެވެ. އަޅުވެތިކަމުގެ އަނދިރި ދުވަސްތަކެއް ދެކެން ޖެހިދާނެއެވެ. އެހެންކަމުން ތާރީހާއި މެދު ވިސްނައި ދިރާސާތައް ކުރުމަކީ މިނިވަން ވަރުގަދަ ޤައުމެއް ބިނާކުރުމުގައި ވަރަށް މުހިންމު ކަމެކެވެ.
ވަރުގަދަ ތަރައްޤީ ޤައުމެއް ބިނާކުރުމުގައި ދެން އެންމެ ބޮޑު މަސްއޫލިއްޔަތެއް އަދާކުރާނީ ފަރުދުންނެވެ. ފަރުދުން އެބައެއްގެ ޒިންމާތައް ފުރިހަމައަށް އަދާނުކޮށް އެއްވެސް ޤައުމެއް ކުރިއަރާފައެއް ނުވެއެވެ. އެގޮތުން ފައިދާ ހުރި ވަޒީފާތައް އަދާކުރުމަކީ ވަރަށް މުހިންމު ކަމެކެވެ. ނަމަވެސް ހިތާމައަކީ ދިވެހިރާއްޖޭގައި މަސައްކަތް ކުރާ މީހުންގެ 36 އިންސައްތައަކީ ބިދޭސީންކަމަށް ސެންސަސް ޑޮޓް ޖީއޯވީ ޑޮޓް އެމްވީ ގައި ޝާޢިއުކޮށްފައިވެއެވެ. މި ވަޒީފާތައް ދިވެހީން އަދާކުރާނަމަ ދިވެހީންގެ އިޤުތިޞާދު ކުރިއަރައިގެން ދާނެއެވެ. ހަމައެހެންމެ މުޖުތަމައުގައި ކުށްކުރާ މިންވަރު މަދު ކުރުމަށްވެސް އެންމެން މަސައްކަތް ކުރަން ޖެހެއެވެ. އެހެންކަމުން ފުރިހަމަ ތަރައްޤީ ޤައުމެއް ބިނާކުރުމަށްޓަކައި ފަރުދުން އެބައެއްގެ މަޞްޢޫލިއްޔަތުތައް ފުރިހަމައަށް އަދާކުރެވޭތޯ ބަލަން ޖެހެއެވެ.
މިނިވަން ވަރުގަދަ ޤައުމަކަށް ދިވެހިރާއްޖެ ހެދުމަށްޓަކައި ކުރަންޖެހޭ އެތައްކަމެއް އެބަހުއްޓެވެ. އިސްލާމް ދީނަށް ފުރިހަމައަށް އަމަލުކުރަން މަސައްކަތް ކުރަން ޖެހެއެވެ. ދިވެހި ސަޤާފަތް ރައްކާތެރިކުރަން ޖެހެއެވެ. ހަމައެހެންމެ މާޒީގެ ފަތްފުށްތަކުން ފިލާވަޅު ލިބިގަންނަން ޖެހެއެވެ. އަދި ފަރުދުން އެބައެއްގެ މަޞްޢޫލިއްޔަތުތައް އަދާކުރުމަށް ސަމާލުކަން ދޭންޖެހެއެވެ. މިކަންކަމުގައި ފުރިހަމައަށްހިފައި، އެންމެން އެކީ ގުޅިގެން މަސައްކަތް ކޮށްފިނަމަ ދިވެހިރާއްޖެއަކީ މިނިވަން ވަރުގަދަ ޤައުމަކަށް ވާނެކަމާމެދު އެއްވެސް ޝައްކެއް ނެތެވެ.
*****