އަތޮޅުގެ ވަނަވަރު

ހދ.އަތޮޅަކީ ރާއްޖޭގައި އެންމެ އުތުރުން އޮންނަ ހއ.އަތޮޅާއި ޖެހިގެން ށ.އަތޮޅާއި ދެމެދުގައި އޮންނަ، ރާއްޖޭގެ އިދާރީ ދެވަނަ އަތޮޅެވެ. އަތޮޅަށް ދެވިފައިވާ އިނގިރޭސި އަކުރަނީ (B) އެވެ. ޖިއޮގްރަފިކަލް ގޮތުން އަތޮޅު އުފެދިފައިވަނީ ލެޓިޓިއުޑުން 6.4 އަދި ލޮނޖިޓިއުޑުން 73.05 ގައެވެ. 34 ރަށް ހިމެނޭ މިއަތޮޅުގައި މީހުން ދިރިއުޅޭ 13 ރަށުގައެވެ. އެއީ ހަނިމާދުއާއި ފިނޭ، ނައިވާދޫ އަދި ނޮޅިވަރަމްފަރާއި ނެއްލައިދޫއާއި ނޮލިވަރަމާއި ކުރިނބިއާއި ކުޅުދުއްފުށްޓާއި ކުމުންދޫގެ އިތުރުން ނޭކުރެންދޫއާއި ވައިކަރަދޫ އަދި މަކުނުދޫއެވެ. މީހުންދިރި ނޫޅޭ 21 ރަށް ހިމެނެއެވެ. އަތޮޅުގެ އިރުމަތީ ބިތާއި ދެކުނުބިތުގެ ރަށްރަށަކީ ރާއްޖޭގެ ނިސްބަތުން ބިން ބޮޑެތި ރަށްރަށް ކަމުގައި ވުމާއެކު މިއީ ބޮޑު އަތޮޅެކެވެ. މިއަތޮޅުގެ މިހާރުގެ އާބާދީ އަކީ 26،758 މީހުންނެވެ. މިހެން ކަމުން މިއަތޮޅު ހިމެނިފައިވަނީ ރާއްޖޭގެ ތިންސިޓީއަށްފަހު އެންމެ ބައިބޯ އަތޮޅުކަމުގައެވެ. އެއީ 13،099 އަންހެނުންނާއި 13،669 ފިރިހެނުންނެވެ.

މިއަތޮޅުގެ ވެރިކަން ކުރާ ރަށަށީ ހދ.ކުޅުދުއްފުށްޓެވެ. ކުރިން ބޮޑުތިލަދުންމަތީގެ ގޮތުގައި އޮތް އަތޮޅު ދެބައިކޮށް ހދ.އަތޮޅުގެ ވެރިރަށަކީ ނޮޅިވަރަންފަރުކަމުގައި އޮތުމަށްފަހު ކުޅުދުއްފުށި މިއަތޮޅުގެ ވެރިރަށަކަށް ބަދަލުކުރެއްވީ 06 މެއި 1992 ވީ ބުދަދުވަހުއެވެ. މިއަތޮޅުގެ ވެރިރަށް، ކުޅުދުއްފުށްޓަކީ ތަރައްޤީގެ ގިނަވަޞީލަތްތަކެއް މިހާރުވެސް ޤާއިމުކުރެވިފައިވާ މިއަތޮޅުގެ އެންމެ އާބާދީވެސް ބޮޑު ރަށަށް ވުމުގެ އިތުރުން އެންމެ އުތުރު 3 އަތޮޅުގެ ވިޔަފާރީގެ މައި ނާރެހެވެ.
މިއަތޮޅުގެ 13 ރަށުގައި ގުރޭޑް 10ގެ ފެންވަރަށް ކިޔަވައިދޭއިރު 2013 ވަނަ އަހަރުގެ ޖޫންމަހުންފެށިގެން މިއަތޮޅު ކުޅުދުއްފުށީގެ އިތުރުން ވައިކަރަދޫއާއި ނޮޅިވަރަމާއި ނެއްލައިދޫގައި މަތީޘާނަވީ ތަޢުލީމު ދޭންވަނީފެށިފައެވެ. އަދި އަތޮޅުގައި ތިބެގެން މަތީތައުލީމް ޙާޞިލްކުރުމުގެ ފުރުސަތު ޤައުމީޔުނިވަރސިޓީގެ ކުޅުދުއްފުށީ ކެމްޕަހުގެ ސަބަބުން ކުޅުދުއްފުށީގައި ފަހިވެފައިވެއެވެ. އަދި ހދ އަތޮޅުގެ ކުޅުދުއްފުށި ފިޔަވާ 12 ރަށުގައި ހެލްތުސެންޓަރތައް ޤާއިމްކުރެވި އެތަންތަނުންޑޮކްޓަރުންގެ ޚިދުމަތް ފޯރުކޮށްދެވެމުން ދެއެވެ. މީގެ އިތުރުން ކުޅުދުއްފުށީގައި ޤާއިމްވެފައިވާ ރީޖަނަލްހޮސްޕިޓަލްގެ ސަބަބުން އެކިކަންކަމަށް ޚާއްޞަވެފައިތިބި ޑޮކްޓަރުންގެ ޚިދުމަތާއި އޮޕަރޭޝަނާއި ލެބޯޓްރިއާއި އެކްސްރޭފަދަ ޚިދުމަތްތައް ލިބެންހުރެއެވެ. މިއީ އަތޮޅު ނުވަތަ އުތުރުގެ ސިއްޙީ ޚިދުމަތްދޭ މައިމަރުކަޒުވެސް މެއެވެ. ލުއިފަސޭހަކަމާއި އެކު ބޭސްލިބޭނޭ މަގު ފަހިކުރުމުގެ ގޮތުން އެސްޓީއޯ ބޭސްފިހާރައެއް 2012 ގައި ހުޅުވި އެތަނުންނާއި ޢާންމު ބައެއް ބޭސްފިހާރަތަކުން އާސަންދައިގެ ޚިދުމަތްލިބެންހުރެއެވެ.

ހދ. ހަނިމާދޫގައި ޤާއިމްވެފައިވާ އެއަރޕޯޓް 2013 ވަނައަހަރުގެ ފެބުރުވަރީމަހު ތެރޭގައި އިންޓަރނޭޝަނަލް އެއަރޕޯޓަކަށް ނަން ބަދަލުކޮށް އިންޑިޔާގެ ޓްރެވިންޑްރަމަށް ހަފްތާޔަކު ދެފުލައިޓް އުދުހެމުންގެންގޮސްފައިވެއެވެ. އަދި ބޭރުންގެންނަ މުދާ ބޭލޭނެފަދަ ވިޔަފާރި ބަނދަރެއް ކުޅުދުއްފުށީގައި ޤާއިމްވެފައިވެއެވެ. މިއީ އުތުރުގެ މައިވިޔަފާރި ބަނދަރެވެ. ވިޔަފާރިއާއި ބޭންކިން ޚިދުމަތް ދިނުމަށްޓަކައި ބޭންކްއޮފްމޯލްޑިވްސްގެ ގޮތްޕެއް ކުޅުދުއްފުށީގައި ޤާއިމްވެ އަތޮޅަށް ޚިދުމަތް ދެވެމުންދާއިރު ހަނިމާދޫ އެއަރޕޯޓުގައާއި ކުޅުދުއްފުށީގައި އޭޓީއެމް ބެހެއްޓި އޭގެ ޚިދުމަތް ޢާންމުންނަށް ލިބެމުންދެއެވެ. ސްޓޭޓް ޓްރޭޑިންގ އޮގަނައިޒޭޝަން ގެފަރާތުން އުތުރުގައި ޤާއިމްކޮށްފައިވާ އެންމެބޮޑުފިހާ މިއަތޮޅުގެ ވެރިރަށް ކުޅުދުއްފުށީގައި ޤާއިމްކޮށްފައިވެއެވެ. ދިވެހިރާއްޖޭގައި މުވާސަލާތީ ޚިދުމަތްދޭ އެންމެބޮޑު ދެކުންފުނިގެ އޮފީސްވެސް މިއަތޮޅުކުޅުދުއްފުށީގައި ޤާއިމްކޮށްފައިވެއެވެ.

މިއަތޮޅަކީ ރާއްޖޭގައި މިހާރުއޮތް އާބާދީ އެންމެ ބޮޑު އަތޮޅަށްވާއިރު، އިޤްތިޞާދީ ދާއިރާއިން އަތޮޅުގައި ހިންގާ ޙަރަކާތްތައް މަދުކަން ފާހަގަކުރެވެއެވެ. އަތޮޅުގެ ރައްޔިތުންގެ ތެރެއިން ގިނަބަޔަކު ޢާމްދަނީ ހޯދުމަށްޓަކައި ފަތުރުވެރިކަމުގެ އިންޑަސްޓްރީގައި މަސައްކަތްކުރެއެވެ. އެހެން ނަމަވެސް މިހާތަނަށް. މިއަތޮޅުގައި ފަތުރުވެރިކަމަށް ދޫކޮށްފައިވާ ރަށްތަކެއް އޮތްނަމަވެސް އެރަށްރަށް ދޫކުރިތާ އެތައްއަހަރުފާއިތުވެގެން ދިޔައިރުވެސް އޭގެތެރެއިން އެއްވެސް ރަށެއްގެ މަސައްކަތް ނިމިފައިނުވާކަން ފާހަގަކުރަމެވެ. އަދި ކުޑަމުރައިދޫގެ މަސައްކަތް އެއްގޮތަކަށްވެސް ކުރަންފެށިފައެއްނުވެއެވެ. މިކަމުގެ ސަބަބުން މިއަތޮޅު ވެފައިވަނީ މިހާތަނަށް ޓުވަރިސްޓް ރިސޯޓެއްހުޅުވިފައިނުވާ ހަމައެކަނި އަތޮޅުކަމުގައެވެ. މަސްވެރިކަމާއި ދަނޑުވެރިކަމަކީވެސް އަތޮޅަށް ޢާމްދަނީ އެތެރެވާ ދޮރެކެވެ. މީގެ އިތުރުން އާގުބޯޓްފަހަރުގައި މަސައްކަތްކުރުމާއި ޢިމާރާތްކުރުމުގެ އިންޑަސްޓްރީގައިވެސް ގިނަބަޔަކު މަސައްކަތްކުރެއެވެ. ދަނދުވެރިކަން ތަރައްޤީކުރުމަށް މިއަތޮޅުގެ ވައިކަރަމުރައިދޫ އާއި ތިފަރިދޫ އަދި ހޮނޑައިދޫ ދިގުމުއްދަތަށް ކުއްޔަށްދިފައިވެއެވެ. އެހެން ނަމަވެސް މިރަށްރަށުގެ ސަބަބުން އަތޮޅުދަރީންނަށް އެކަށޭނަ މިންވަރަށް ވަޒީފާގެ ފުރުސަތު ފަހިކޮށްދެވިފައިނެތްކަން ފާހަގަކުރަމެވެ. މަސްވެރިކަމާއި ގުޅޭ އެއްވެސް އިޤްތިޞާދީ ހަރަކާތެއް މިހާތަނަށް ދައުލަތުން މިއަތޮޅަށް ފަހިކޮށް ދެއްވާފައި ނުވުމުގެ ސަބަބުން އެފަދަ މަސައްކަތެއް މިއަތޮޅުގައި ހިނގަމުން ނުދާކަން ފާހަގަކުރަމެވެ.

Loading