ކައުންސިލަރުންނަށް އަމާޒު ކުރައްވައިގެން އޮރިއެންޓޭޝަން ޕްރޮގްރާމެއް ބާއްވައިފި
ތިލަދުންމަތީ ދެކުނުބުރީ އަތޮޅު ކައުންސިލާއި ރަށު ކައުންސިލްތަކަށް އިންތިޚާބުވެ ވަޑައިގެންނެވި ކައުންސިލަރުންނާއި، ކައުންސިލްތަކުގައި ވަޒީފާ އަދާކުރައްވާ ޒިންމާދާރު ވެރިންނަށް އަމާޒުކުރައްވައިގެން އޮރިއެންޓޭޝަން ޕްރޮގްރާމެއް ބާއްވައިފިއެވެ.
ލޯކަލް ގަވަރމަންޓް އޮތޯރިޓީން އިންތިޒާމު ކޮށްގެން، 2017 އޯގަސްޓް 24 ން 26 އަށް ބޭއްވި މި ބައްދަލުވުމުގައި ހދ. އަތޮޅުން އެގާރަ ރަށެއްގެ ރަށުކައުންސިލުންނާއި އަތޮޅު ކައުންސިލުން ބައިވެރިވެ ވަޑައިގެންނެވިއެވެ. މި ޕްރޮގްރާމްގައި ބައިވެރިނުވަނީ ކުރިނބީ، ކުމުންދޫ އަދި ނޭކުރެންދޫ ކައުންސިލުންނެވެ.
މިޕްރޮގްރާމް ނިންމި 32 ބައިވެރިންނަށް ސެޓްފިކެޓް ޙަވާލުކޮށްދެއްވީ ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ ޑިރެކްޓަރ ޖެނެރަލް އަލްފާޟިލް އާދަމް ޝަރީފް އަޙްމަދެވެ.
މި ޕްރޮގްރާމް ހިންގުމުގެ ބޭނުމަކީ ލާމަރުކަޒީ އުސޫލުން ރައްޔިތުންނާ ވީހާވެސް ގާތުން ޚިދުމަތް ދިނުމުގައި ކައުންސިލްގެ ދައުރަކީ ކޮބައިކަން އަންގައި ދިނުމެވެ. މި ޕްރޮގްރާމުގައި މައިގަނޑު ގޮތެއްގައި މަޢުލޫމާތު ދެވިފައިވަނީ ލާމަރުކަޒު ކުރުމަކީ ކޮބައިކަމާއި ލޯކަލް ކައުންސިލްގެ ދައުރަކީ ކޮބައިކަމާއި ރަށެއްގެ ރައްޔިތުންނަށް ކައުންސިލުން ފޯރުކޮށް ދެވިދާނެ ޚިދުމަތްތަކަކީ ކޮބައިކަމާއި އެ ޚިދުމަތްތައް ފޯރުކޮށް ދިނުމުގައި މައި ސަރުކާރުން ކައުންސިލްތަކާއި މަތިކޮށްފައިވާ ޤާނޫނީ ޒިންމާތައް އަދާކުރުމުގައި ޢަމަލުކުރާނެ އުޞޫލްތަކެވެ.
މިޕްރޮގްރާމުގައި މަޢުލޫމާތު ދެއްވާފައިވަނީ، ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ ޑިރެކްޓަރ ޖެނެރަލް އަލްފާޟިލް އާދަމް ޝަރީފް އަޙްމަދާއި، ޑިރެކްޓަރ އަލްފާޟިލް މުޙައްމަދު ނަޞީރެވެ.