މަސްވެރިންގެ ދުވަސް ފާހަގަ ކުރުމަށް ކޮންމެ ރަށަކަށް 20 ހާސް ރުފިޔާގެ އެހީއެއް ދީފި
2024 ވަނަ އަހަރުގެ މަސްވެރިންގެ ދުވަސް، އަތޮޅުގެ ރަށްރަށުގައި ފާހަގަ ކުރުމަށްޓަކައި، ކޮންމެ ރަށު ކައުންސިލަކަށް 20،000 ރުފިޔާގެ ފައިސާގެ އެހީއެއް، ހދ. އަތޮޅު ކައުންސިލުން ދީފިއެވެ.
މި ފައިސާ ދިނުމަށް ކައުންސިލުން ނިންމަވާފައިވަނީ 28 ނޮވެންބަރު 2024 ގައި ބޭއްވި ހދ. އަތޮޅު ކައުންސިލްގެ 4 ވަނަ ދައުރުގެ 153 ވަނަ ޢާންމު ބައްދަލުވުމުގައެވެ. އަތޮޅު ކައުންސިލްގެ މެންބަރު، ކުރިނބީ ކައުންސިލްގެ ރައީސް ހުށަހެޅުއްވި ހުށަހެޅުމަކަށް، ކައުންސިލުން މިގޮތަށް ފާސްކުރައްވާފައިވަނީ، އެބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި 11 މެންބަރުންގެ ތެރެއިން 9 މެންބަރުންގެ ވޯޓުންނެވެ.
މިއަތޮޅަކީ މަސްވެރިކަމާއި ދަނޑުވެރިކަމުން ނަފާ ހޯދަމުން އަންނަ އަތޮޅަކަށްވާއިރު އަތޮޅުގައި މަސްވެރިކަމުގެ ހަރަކާތްތައް ވަރަށް ފަނޑުވެފައިވާތީ މަސްވެރިކަމަށްދޭ ސަމާލުކަން އިތުރުކުރުމަށްޓަކައި މަސްވެރިންގެ ދުވަސް ރަށްރަށުގެ ފެންވަރުގައި ފާހަގަ ކުރުމަށް މިއަހަރުވެސް ކައުންސިލުން ވަނީ ނިންމަވާފައެވެ.
މިއަހަރުގެ މަސްވެރިންގެ ދުވަސް ފާހަގަކުރުމަށް ރަށުކައުންސިލްތަކުން ވަނީ ރަށްރަށުގައި، މަސްރޭހާއި، ތަފާތު އެހެނިހެން ޙަރަކާތްތައް ހިންގާފައެވެ. މަސްވެރިންގެ ދުވަސް ފާހަގަކުރުމަށް ހިންގުނު ޙަރަކާތްތަކަށް އަތޮޅު ކައުންސިލުން 276،320 ރުފިޔާ ހޭދަ ކޮށްފައި ވެއެވެ.
މަސްވެރިންގެ ދުވަސް ފާހަގަ ކުރުމަށް ތަފާތު ޙަރަކާތްތައް ހިންގުމަށް ވޭތުވެދިޔަ 3 އަހަރުވެސް އަތޮޅު ކައުންސިލުން ވަނީ ރަށްރަށަށް ފައިސާގެ އެހީތެރިކަން ފޯރުކޮށް ދެއްވާފައެވެ.