ހދ. އަތޮޅު ކައުންސިލުން ނޮޅިވަރަމާއި ނޮޅިވަރަންފަރަށް ޒިޔާރަތް ކުރައްވައިފި
ހދ.އަތޮޅު ކައުންސިލުން މިއަތޮޅު ނޮޅިވަރަމަށާއި، ނޮޅިވަރަންފަރަސް ޒިޔާރަތްކުރައްވައި، އެދެރަށުގެ މުއައްސަސާތަކާއި ރައްޔިތުންގެ ކަންބޮޑުވުންތައް އޮޅުންފިލުއްވައިފިއެވެ.
ކައުންސިލް މެމްބަރުން ތަޢާރަފްވުމާއި، ރަށުގެ ހާލަތު ބައްލަވާލުމަށް ހދ. އަތޮޅު ކައުންސިލުން، ނޮޅިވަރަމަށް ޒިޔާރަތް ކުރެއްވީ މިސެޕްޓެމްބަރު މަހުގެ 19 ވީ އަންގާރަ ދުވަހުއެވެ. އަދި ނޮޅިވަރަންފަރަށް ވަޑައިގެންނެވީ ސެޕްޓެމްބަރު 20 ވަނަ ދުވަހުއެވެ.
މިދަތުރުގައި އެދެރަށުގެ ކައުންސިލްތަކާއި އިދާރީ މުވައްޒަފުންނާ ބައްދަލުކުރައްވައި، ރައްޔިތުންނައި، މުވައްޒަފުންގެ ކަންބޮޑުވުންތައް އޮޅުންފިލުއްވިއެވެ. އަދި ސްކޫލާއި، ޞިއްޙީ މަރުކަޒާއި، ފެނަކަ ބްރާންޗާއި، ފާމަސީއަށް ޒިޔާރަތްކުރައްވައި އެތަންތަނުގެ ޙާލަތު އޮޅުންފިލުއްވައި، ދިމާވާ ދަތިތައް ޙައްލުކުރުމަށް ގުޅިގެން ކުރެވެން ހުރި މަސައްކަތްތަކާބެހޭ ގޮތުން މަޝްވަރާ ކުރެއްވިއެވެ. އަދި އެދެރަށުގެ ރައްޔިތުންނަ ބައްދަލުކުރައްވައި، ރައްޔިތުންގެ މަޝްވަރާއާއި ކަންބޮޑުވުންތައް އޮޅުންފިލުއްވައި އެބޭފުޅުންގެ ސުވާލުތަކަށް ކައުންސިލުން ޖަވާބު ދެއްވިއެވެ. މިދަތުރުތަކުން ރައްޔިތުންގެ ފަރާތުން ހުށަހަޅާާ ކަންބޮޑުވުންތައް މިނިސްޓްރީތަކާއި ސަރުކާރުގެ ކަމާގުޅޭ އިދާރާތަކާ ހިއްސާކުރުމަށް ހަމަޖެހިފައި ވެއެވެ..
މިދަތުރުގައި ކައުންސިލް މެމްބަރުންގެ އިތުރުން ޒިންމާދާރުވެރިޔާއާއި، ބިޒްނަސް ސެންޓަރުގެ މުވައްޒަފަކު ބައިވެރިވެ ވަޑައިގެންނެވި އެވެ. މިދަތުރުގައި ސިވިލްސަރވިސްގެ މުވައްޒަފުންނަށް ޚާއްޞަކޮށްގެން ޚާއްޞަ މަޢުލޫމާތު ސެޝަނެއް ކުރިއަށް ގެންދެވުނެވެ. އަދި ސަރުކާރުން ދޫކުރާ އެސް.އެމް.އީ ލޯން ސްކީމާބެހޭ މަޢުލޫމާތު ފޯރުކޮށްދެވުނެވެ..