ތިލަދެކުނު ޤުރްއާން މުބާރާތް 2025 މަކުނުދޫގައި ބާއްވަން ނިންމައިފި

ތިލަދެކުނު ޤުރްއާން މުބާރާތް 2025 މަކުނުދޫގައި ބާއްވަން ނިންމައިފިއެވެ.

މިމުބާރާތް ހޯސްޓް ކޮށްދޭނެ ފަރާތެއް ހޯދުމަށް ހުޅުވާލުމުން، މިކަމަށް ކުރިމަތިލާފައިވަނީ މަކުނުދޫ ކައުންސިލްގެ އިތުރުން ކުޅުދުއްފުށީ މަންތާ އެކަޑެމީއާއި، ހަނިމާދޫ ކެތިއަރާ ޖަމްޢިއްޔާއެވެ.

މިމުބާރާތް މަކުނުދޫގައި ބޭއްވުމަށް ނިންމާފައިވަނީ، ހޯސްޓް ކުރުމަށް ހުށަހެޅި ޕްރޮޕޯސަލް މަކުނުދޫ ކައުންސިލުން ކަމިޔާބު ކުރުމާ ގުޅިގެންނެވެ.

އަތޮޅުގެ ސްކޫލުތަކަށާއި އަމިއްލަ ފަރާތްތަކަށް ހުޅުވާލައިގެން ބާއްވާ، ތިލަދެކުނު ޤުރްއާން މުބާރާތް 2025 އޮންނާނީ 2025 އޯގަސްޓް 12 އިން 14 އަށެވެ.

އަތޮޅުގެ ސްކޫލްތަކުގެ ދަރިވަރުންނާއި އަދި ރައްޔިތުންގެ ހިތްތަކުގައި ކީރިތި ޤުރްއާނަށް ލޯބިޖެއްސުމާއި، ޤުރްއާން ކިޔެވުމުގެ ފަންނު އާލާކޮށް، ދިރުވައި،  ކީރިތި ޤުރުއާން ހިތުދަސްކުރުމަށާއި، ތަޖްވީދުމަގަށް ޤުރުއާން ކިޔެވުމަށް ހިތްވަރުދިނުމުގެ މަޤުޞަދުގައި އަހަރަކު އެއްފަހަރު އަތޮޅު ފެންވަރުގައި ބާއްވާ މުބާރާތެކެވެ.

މިމުބާރާތް ކުރިއަށް ދާނީ، 6 ކީސްޓޭޖުން، ނުބަލައި ކިޔެވުމުގެ ގޮތްޕާއި، ބަލައިގެން ކިޔެވުމުގެ ގޮފި ހިމެނޭ ގޮތަށެވެ. މިއަހަރު މި މުބާރާތުގައި ސްކޫލު ދަރިވަރުންގެ އިތުރުން، އާންމުންނަށްވެސް ބައިވެރިވެވޭ ގޮތަށް ޤަވާއިދު ވަނީ އިޞްލާޙު ކޮށްފައެވެ.