ތިލަދެކުނު ހިތްވަރުދިނުމުގެ އިނާމު 9 ފަރާތަކަށް ދެއްވައިފި

ތިލަ ދެކުނު ޝަރަފުވެރިކަމުގެ އިނާމުގެ ހިތްވަރު ދިނުމުގެ އިނާމު މިއަހަރު 9 ފަރާތަކަށް ދެއްވައިފި އެވެ.

25 ނޮވެމްބަރ 2017 ދުވަހުގެރޭ އަފީފުއްދީން ސްކޫލް ހޯލްގައި ބޭއްވި ތިލަދެކުނު ޝަރަފްވެރިކަމުގެ އިނާމު ދިނުމުގެ ހާއްސަ ޖަލްސާގައި މިއިނާމު ލިބުނު ފަރާތްތަކަށް އިނާމު ހަވާލު ކޮށްދެއްވީ ޖަލްސާގެ ޝަރަފްވެރިމެހެމާން ދިވެހި ބަހުގެ އެކަޑަމީގެ ރައީސް އަލްފާޟިލް އަޝްރަފް އަލީ އެވެ.

ހިތްވަރު ދިނުމުގެ އިނާމު ދެނީ ހދ އަތޮޅަށް، ގައުމަށް ނުވަަތަ ރަށަށް ފާހަގަ ކުރެވޭފަދަ އަގުހުރި ހިދުމަތްތެއް އެކަށީގެންވާ މުުއްދަތަކަށް ކޮށްދީފައިވާ ނުވަތަ ކޮށްދެމުންދާ ހދ އަތޮޅަށް ނިސްބަތްވާ އާންމު ފަރާތްތަކަށާއި ކުލްބު ޖަމިއްްޔާ ނުވަތަ ޖަމާއަތްތަަކަށެވެ.

މިގޮތުން، ހިތްވަރު ދިނުމުގެ އިނާމު މިއަހަރު ލިބިވަޑައިގެންނެވި ބޭފުޅުންނަކީ؛

1. އިބްރާހިމް އުޘްމާން ހިޔާވަހި / ހދ ނޭކުރެންދޫ (ތަޢުލީމީ ދާއިރާއިން)
2. އާމިނަތު މަޖީދާ އަމާޒް / ހދ ކުޅުދުއްފުށި (އިޖުތިމާޢީ ޚިދުމަތުގެ ދާއިރާއިނ)
3. އާއިޝަތު މުހައްމަދު ނަސްރުއްސަބާ / ހދ ކުމުންދޫ (ޙަކީމީ ބޭސްވެރިކަމުގެ ދާއިރާއިން)
4. ޔަޝްފާ އަބްދުލްޣަނީ ރޯޒަރީ / ހދ މަކުނުދޫ (ދިވެހި އަދަބިއްޔާތަށް ޚިދުމަތް ކުރުމުގެ ދާއިރާއިން)
5. އާއިޝަތު މޫސާ ދޮންދުނބުރިގެ / ހދ ކުޅުދުއްފުށި (ޙަކީމީ ބޭސްވެރިކަމުގެ ދާއިރާއިން)
6. ސަންފާ މުހައްމަދު ސިތާރާގެ / ހދ ކުޅުދުއްފުށި (ޙަކީމީ ބޭސްވެރިކަމުގެ ދާއިރާއިން)
7. ޤަސީމާ ޤާސިމް ކިޔަވާގެ / ހދ ކުޅުދުއްފުށި (ތަޢުލީމީ ދާއިރާއިން)
8. ހާރޫން މުހައްމަދު ހީލިއަމް / ހދ ކުޅުދުއްފުށި (އައު އުފެއްދުންތެރިކަމުގެ ދާއިރާއިން)
9. މޫސާ އަބޫބަކުރު ގުލްތަރުޖަމާގެ / ހދ ކުޅުދުއްފުށި (ކުޅިވަރުގެ ދާއިރާއިން)

މިރަސްމިއްޔާތުގައި، ކައުންސިލުންދޭ ހާއްސަ އިނާމުތައް ކަމުގައިވާ ތިލަ ދެކުނު ރަންތަރި، އުޖާލާތަރި، ޝަރަފްވެރިތަރި، އަދި ހިންމަތްތެރި ތަރި ޙާޞިލުކުރި ދަރިވަރުންނަށްވެސް އިނާމު ދެއްވިއެވެ.. މި އިނާމުތައް ހާސިލް ކުރި ދަރިވަރުންނަށް އިނާމު ހަވާލުކޮށްދެއްވީ ބިޒްނަސް ސެންޓަރ ކޯޕަރޭޝަން ލިމިޓެޑްގެ ޗެއާރމަން އަލްފާޟިލް ސޯލިހް ހުސެއިން، ކުޅުދުއްފުށީ ދެކުނު ދާއިރާގެ މެންބަރު އަލްއުސްތާޒް މުހައްމަދު ނަޝީދު އަދި ހދ އަތޮޅު ކޮމާންޑަރ އިންސްފެކްޓަރ އޮފް ޕޮލިސް އަމީން އަބްދުލް ގައްޔޫމެވެ.

އަދި މަތީ ދަރަޖަ ހޯދާ ފަރާތް ތަކަށްދޭ ހާއްސަ އިމާނު އިނާމް ހަވާލުކޮށްދެއްވީ ހދ އަތޮޅު ކައުންސިލްގެ ރައީސް އަލްފާޟިލް އަހުމަދު އާތިފް އެވެ. ތިލަ ދެކުނު ހިންގުންތެރި މަދަރުސާއަށް ހޮވުނު ސްކޫލުތަކަށާއި، ތިލަ ދެކުނު ހިންގުންތެރި ރަށުކައުންސިލަކަށް ހޮވުނު ވައިކަރަދޫ ކައުންސިލަށް އިނާމް ހަވާލުކޮށްދެއްވީ މިނިސްޓްރީ އޮފް އެކޮނޮމިކް ޑިވެލޮޕްމެންޓްގެ ޑެޕިއުޓީ މިނިސްޓަރ އަލްފާޟިލް އާދަމް ތައުފީގެވެ.

ހދ އަތޮޅުގެ ތިލަދެކުނު ޝަރަފްވެރިކަމުގެ އިނާމަކީ ގައުމީ ފެންވަރުގަ އާއި އަތޮޅު ފެންވަރުގައި އަދި ރަށުފެންވަރުގައި ފާހަގަ ކުރެވޭ ޝަރަފްވެރިންނާއި ހިދުމަތްތެރިންގެ އަގުވަޒަންކޮށް ހިތްވަރުދިނުމާއި ހދ އަތޮޅުގައި އިލްމީ ގޮތުން ގާބިލް ޖީލެއް އުފެއްދުމާއި، ހދ އަތޮޅުގައި ތަފާތުއެކި ރޮނގުތަކުން ހުނަރުވެރިން އުފެއްދުމާއި އަތޮޅުފެންވަރުގައި އެންމެ ހިދުމަތްތެރި ކައުންސިލްތައް ފާހަގަކޮށް ކައުންސިލްގެ ހިންގުން ހަރުދަނާކޮށް އަތޮޅު ފެންވަރުގައި އެންމެ ހިދުމަތްތެރި އަންހެނުން ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީ ފާހަގަކޮށް، އަތޮޅު ފެންވަރުގައި އެންމެ ހިދުމަތްތެރި ކުލަބު، ޖަމްއިއްޔާއެއް ފާހަގަކޮށް އެފަރާތްތަކަށް ހިތްވަރުދީ އަގުވަޒަން ކުރުމުގެ ގޮތުން ހދ އަތޮޅު ކައުންސިލުން ތައާރަފްކުރި އިނާމެކެވެ.

މިއީ މިއިނާމު ދެއްވި 3 ވަނަ ފަހަރެވެ.