ކައުންސިލްތަކުގެ މާލީ ބަޔާން ތައްޔާރު ކުރުމާބެހޭ ތަމްރީނު ޕްރޮގްރާމެއް ބާއްވައިފި

ލޯކަލް ކައުންސިލުތަކުގެ މާލީ ބަޔާން އައު ފޯމެޓާ އެއްގޮތަށް ތައްޔާރު ކުރުމާބެހޭ ތަމްރީނު ޕްރޮގްރާމެއް ކުޅުދުއްފުށީގައި ބާއްވައިފިއެވެ.

އަތޮޅު ކައުންސިލާއި، ރަށުކައުންސިލްތަކަށް އަމާޒުކޮށްގެން، އޮޑިޓަރ ޖެނެރަލްގެ އޮފީހުން ބޭއްވި މިތަމްރީނު ޕްރޮގްރާމުގައި ކައުންސިލު ތަކުން 22 މުވައްޒަފުން ބައިވެރިވެފައި ވެއެވެ.

2016 ޑިސެމްބަރު މަހުގެ 26 ން 29 ގެ ނިޔަލަށް ކުރިއަށްދިޔަ މިތަމްރީނު ޕްރޮގްރާމް ނިންމި ބައިވެރިންނަށް ސެޓްފިކެޓް ޙަވާލު ކޮށްދެއްވީ ހދ. އަތޮޅު ކައުންސިލްގެ ރައީސް އަލްއުސްތާޛު އަޙްމަދު އިބްރާހީމެވެ. މިރަސްމިއްޔާތުގައި ކައުންސިލްގެ ރައީސް ވިދާޅުވީ މާލީ ބަޔާނަކީ، ކައުންސިލްތަކުގެ އާމްދަނީއާ ޚަރަދުގެ ހިސާބު ދައްކައިދޭ މުހިންމު ލިޔުމަކަށްވާތީ، ކައުންސިލްތަކުގެ އިތުބާރު ދެމެހެއްޓެމުމަށް ވަރަށް މުހިންމު ދައުރެއް އަދާކުރާ އެއްޗެއް ކަމަށާއި، މިތަމްރީނުގެ ބޭނުން އެދެވޭ ގޮތުގައި ހިފައި، ކައުންސިލްގެ މާލީ ބަޔާން ތައްޔާރުކޮށް ޢާންމުކޮށް، ކަމާބެހޭ ފަރާތްތަކަށް ފޮނުވުމަށް އިލްތިމާސް ކުރެއްވިއެވެ.

މިތަމްރީނު ޕްރޮގްރާމުގައި މާލީ ބަޔާން ތައްޔާރު ކުރަންޖެހޭ އާފޯމެޓަށް މާލީ ބަޔާން ތައްޔާރު ކުރުމަށް ބައިވެރިންނަށް ދަސްކޮށްދެއްވިއެވެ. މިތަމްރީނުގެ ސެޝަންތައް ނަންގަވައިދެއްވީ، އޮޑިޓަރ ޖެނެރަލްގެ އޮފީހާއި، ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ ބޭފުޅުންނެވެ.