ތިލަދެކުނު ޝަރަފްވެރިކަމުގެ އިނާމު ދެފަރާތަކަށް، ހިތްވަރު ދިނުމުގެ އިނާމު ތިން ފަރާތަކަށް ދެއްވައިފި

ތިލަދެކުނު ޝަރަފްވެރިކަމުގެ އިނާމު ދެފަރާތަކަށް، އަދި ހިތްވަރު ދިނުމުގެ އިނާމު ތިން ފަރާތަކަށް ދެއްވައިފިއެވެ.

ހދ. އަތޮޅު ކައުންސިލުންދޭ ތިލަދެކުނު ޝަރަފްވެރިކަމުގެ އިނާމު ދިނުމަށް 26 ނޮވެމްބަރ 2016 ވީ ހޮނިހިރު ދުވަހުގެރޭ ބޭއްވި، ޚާއްޞަ ރަސްމިއްޔާތުގައި ޝަރަފްވެރިކަމުގެ އިނާމު ދެއްވާފައިވަނީ، އައު އުފެއްދުންތެރިކަމުގެ ދާއިރާއިން، ކުޅުދުއްފުށީ ފެހިގޭ ޙުސައިން މުޙައްމަދު، އަދި މަސްވެރިކަމުގެ ދާއިރާއިން ކުޅުދުއްފުށީ ފަންނު މުޙައްމަދު ޢަލީ އަށެވެ.

ތިލަދެކުނު ހިތްވަރު ދިނުމުގެ އިނާމު، ކުޅިވަރާއި މުނިފޫހިފިލުވުމުގެ ދާއިރާއިން ކުޅުދުއްފުށީ އެލްޕާސޯ ރާޝިދާ މޫސާ ހާޞިލް ކޮށްފައިވާއިރު، ޙަކީމީ ބޭސްވެރިކަމުގެ ދާއިރާއިން މި އިނާމް ހާޞިލްކުރީ މަކުނުދޫ ނުޖޫމްގޭ އަޙުމަދު ވާފިރެވެ. މީގެ އިތުރުން ޚަބަރާއި މަޢުލޫމާތު ފެތުރުމުގެ ދާއިރާއިން ކުޅުދުއްފުށީ އޮންލައިނަށްވެސް ވަނީ ތިލަދެކުނު ހިތްވަރު ދިނުމުގެ އިނާމް ލިބިފައެވެ. އަދި އަތޮޅުގެ ކައުންސިލްތަކުގެ ތެރެއިން އެންމެ ހިންގުންތެރި ކައުންސިލްވެސް ވަނީ ފާހަގަކޮށް އިނާމްދީފައެވެ. އެންމެ ހިންގުންތެރި ކައުންސިލްގެ އިނާމް މިއަހަރު ޙާޞިލްކޮށްފައިވަނީ ހދ.ވައިކަރަދޫ އަދި ނޭކުރެންދޫ ކައުންސިލުންނެވެ.
މީގެ އިތުރުން ތަޢުލީމީ ގޮތުން އަތޮޅަށް ރީތި ނަން ހޯދައިދިން ދަރިވަރުންނަށާއި، މިދިޔަ އަހަރު ބޭއްވި އިމްތިޙާންތަކުން ރާއްޖޭގެ ގަދަ ދިހައެއްގައި ހިމެނުނު އެ އަތޮޅުގެ ދަރިވަރުންނަށާއި އެ އަތޮޅުގެ ރަށްރަށުގެ ސްކޫލްތަކުން ކޮންމެ ސްކޫލަކުން އެންމެ މޮޅު ދަރިވަރަށްވެސް ވަނީ އިނާމު ދީފައެވެ.

މި ރަސްމިއްޔާތު ޝަރަފްވެރި ކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ އޮފް ޑިފެންސް އެންޑް ނެޝަނަލް ސެކިއުރިޓީ އާދަމް ޝަރީފް އުމަރު ވިދާޅުވީ، އަތޮޅު ކައުންސިލުން އިންތިޒާމްކޮށްގެން އަތޮޅުގެ ރައްޔިތުންގެ އަގުވަޒަން ކުރެއްވުމުގެ ގޮތުން ކުރައްވާ މިފަދަ ކަންކަމަކީ އަތޮޅުގެ ކަންކަން ތަރައްޤީކޮށް ކުރިއެރުމަށް ކުރެވޭ ވަރަށް މުހިންމު ކަމެއް ކަމުގައެވެ. އަދި މިކަން އިތުރަށް ފުޅާކޮށްފިނަމަ މީގެ ސަބަބުން އަތޮޅަށް ކުރާ ފައިދާ މާ ބޮޑުވާނެކަން ޑިފެންސް މިނިސްޓަރ ފާހަގަކުރެއްވިއެވެ.

ހދ.އަތޮޅު ކައުންސިލުން އިންތިޒާމްކޮށްގެން ދެމުން އަންނަ ތިލަދެކުނު ޝަރަފްވެރިކަމުގެ އިނާމަކީ ހދ.އަތޮޅަށް ފާހަގަކުރެވޭފަދަ އަގުހުރި ޚިދުމަތެއް ކޮށްދީފައިވާ އަދި ކޮށްދެމުންދާ އާންމު ފަރާތްތަކަށާއި، ކްލަބް ޖަމްޢިއްޔާ ތަކަށާއި، ޤައުމާ މުޖްތަމައަށް އަގުހުރި ޚިދުމަތެއް ކޮށްދެމުންގެންދާ އެ އަތޮޅަށް ނިސްބަތްވާ ކްލަބް ޖަމްޢިއްޔާ ތަކަށާއި އާންމު ފަރުދުންގެ އަގުވަޒަންކުރުމުގެ ގޮތުން ދެއްވާ އެވޯޑެކެވެ.

މިފަދަ ހަފްލާއެއް ބޭއްވުމުގެ ބޭނުމަކީ ޤައުމީ ފެންވަރުގަޔާއި އަތޮޅު ފެންވަރުގައި އަދި ރަށު ފެންވަރުގައި ޝަރަފްވެރިންނާއި ޚިދުމަތްތެރިންގެ އަގުވަޒަންކޮށް ހިތްވަރު ދިނުމާއި، ތަޢުލީމީ ގޮތުން ޤާބިލް ޖީލެއް އުފެއްދުމާއި ދަރިވަރުން ހޯދާ ޝަރަފްވެރި ވަނަތައް ފާހަގަކޮށް އެފަދަ ކުދިންގެ މެދުގައި ވާދަވެރި ރޫޙެއް އުފެއްދުމެވެ. މިއީ މި އިނާމް ދިން ދެ ވަނަ ފަހަރެވެ.