ކައުންސިލްތަކަށް އަމާޒުކޮށްގެން ސްކިލްސް ޑިވެލޮޕްމަންޓް ޕްރޮގްރާމެއް ހިންގައިފި

ހދ. އަތޮޅު ކައުންސިލާއި، ލޯކަލް ގަވަރމަންޓް އޮތޯރިޓީ ގުޅިގެން، ކައުންސިލްތަކަށް އަމާޒުކޮށްގެން 5 ދުވަހުގެ ތަމްރީނު ޕްރޮގްރާމެއް ހިންގައިފިއެވެ.

“ސްކިލްސް ޑިވްލޮޕްމަންޓް ޕްރޮގްރާމް 2018” ގެ ނަމުގައި އޭޕްރީލް 21 ން 25 އަށް ކުރިއަށް ގެންދިޔަ މިތަމްރީނު ޕްރޮގްރާމު، ހދ.އަތޮޅު ކައުންސިލާއި، ރަށްރަށުގެ ކައުންސިލްތަކުން ޖުމްލަ 32 ބައިވެރިއަކު ފުރިހަމަ ކޮށްފައިވެއެވެ.

މިތަމްރީނު ޕްރޮގްރާމް ފުރިހަމަކުރި ބައިވެރިންނަށް ހަނދަނީ ލިޔުން ބައްސަވައިދެއްވީ، އެކަމަށްޓަކައި 25 އޭޕްރީލް 2018 ގައި ބޭއްވި ރަސްމިއްޔާތެއްގައި، ހދ.އަތޮޅު ކައުންސިލްގެ ރައީސް އަލްފާޟިލް އަޙްމަދު އާޠިފެވެ.

މިތަމްރީނު ޕްރޮގްރާމުގައި ރަށްރަށުގެ ތަރައްޤީގެ ޕްލޭނާއި ފައިނޭންޝަލް ޕްލޭން އެކުލަވާލާނެ ގޮތުގެ މަޢުލޫމާތު ދެވުނެވެ. މީގެ އިތުރުން ކައުންސިލްތަކުގެ މޮނިޓަރިންގ ފްރޭމްވޯކާއި، ޕާފޯމަންސް އިންޑެކްސް ކުރިއަށް ގެންދާގޮތާއި، ކައުންސިލްތަކުގެ ބަޖެޓު ތައްޔާރުކުރާނެ ގޮތާއި މާލީ ކަންކަން ބަލަހައްޓާނެ ގޮތުގެ އިރުޝާދު އަދި ދައުލަތުގެ ޕްރޮކިއުމަންޓް ނިޒާމުގެ އިތުރުން އޮޑިޓުން ފާހަގަކުރެވޭ ކަންކަމުގެ މަޢުލޫމާތު ދެވިފައިވެއެވެ. އަދި ލީޑަރޝިޕް، ކަސްޓަމަރސަރވިސް އަދި އިންޑިވިޑުއަލް އެކްސަލެންސް ހުނަރުތަކުގެ އިތުރުން ސިވިލް ސަރވިސް ޤަވާއިދަށް ހޭލުންތެރި ކުރުވުމުގެ ޝެޝަނަކާއި، ގަވަރމަންޓް އީލެޓަރ ސިސްޓަމްގެ ތަމްރީނު ސެޝަނެއްވެސް މިޕްރޮގްރާމުގައި ކުރިއަށް ގެންގޮސްފައި ވެއެވެ.

މިތަމްރީނު ޕްރޮގްރާމުގައި ސެޝަންތައް ނަންގަވައިދެއްވީ ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ ބޭފުޅުންނާއި، އަތޮޅު ކައުންސިލްގެ ޑިރެކްޓަރ ޖެނެރަލް އަލްފާޟިލް އިބްރާހީމް ރަޝީދެވެ.