ހދ. އަތޮޅު ކައުންސިލް އިދާރާގައި ގިނަދުވަހު ޚިދުމަތް ކުރެއްވި މުވައްޒަފުންގެ އަގުވަޒަން ކުރައްވައިފި

ހދ.އަތޮޅު ކައުންސިލްގެ އިދާރާގައި ގިނަދުވަހު ޚިދުމަތް ކުރެއްވި މުވައްޒަފުންގެ އަގުވަޒަން ކުރައްވައި، އެފަރާތްތަކަށް ހަނދާނީ ފިލާ ދެއްވައިފިއެވެ.

ހދ.އަތޮޅު ކައުންސިލްގެ 26 ވަނަ އަހަރީ ދުވަހާ ގުޅިގެން 06 މެއި 2018 ގައި ބޭއްވި ޚާއްޞަ ހަފްލާގައި، މިއިދާރާގައި 10 އަހަރަށްވުރެ ދިގުމުއްދަތަކަށް ޚިދުމަތް ކުރައްވާފައިވާ 21 މުވައްޒަފެއްގެ އަގުވަޒަން ކުރައްވައި، ހަނދާނީ ފިލާ ދެއްވާފައި ވެއެވެ.

އެގޮތުން، 20 އަހަރަށްވުރެ ގިނަ ދުވަހު ޚިދުމަތް ކުރައްވައި، މިހާރުވެސް ޚިދުމަތުގައި ދެމިތިއްބެވި 12 މުވައްޒަފަކަށް “ޚިދުމަތުގެ ރަންތަރި” ފިލާ ދެއްވާފައިވެއެވެ. އަދި 15 އަހަރަށްވުރެ ގިނަދުވަހު ޚިދުމަތްކުރެއްވި 6 މުވައްޒަފަކަށް “ޚިދުމަތުގެ ރިހިތަރި” އަދި 10 އަހަރަށްވުރެ ގިނަދުވަހު ޚިދުމަތް ކުރެއްވި 3 މުވައްޒަފަކަށް “ޚިދުމަތުގެ ލޯތަރި” ފިލާ ޙަވާލު ކުރެއްވިއެވެ.

މުވައްޒަފުންނަށް ހަނދާނީ ލިޔުމާއި ފިލާ ޙަވާލު ކޮށްދެއްވީ ކައުންސިލްގެ ރައީސް އަލްފާޟިލް އަޙްމަދު އާޠިފާއި، ނާއިބު ރައީސް އަލްފާޟިލް މުޙައްމަދު ވަސީމުގެ އިތުރުން ޑިރެކްޓަރ ޖެނެރަލް އަލްފާޟިލް އިބްރާހީމް ރަޝީދެވެ.

މިރަސްމިއްޔާތުގައި، ކައުންސިލްގެ ރައީސް އަލްފާޟިލް އަޙްމަދު އާޠިފް ވިދާޅުވީ، އޮފީހުގެ އެންމެ ބޮޑު އެސެޓަކީ މުވައްޒަފުންކަމަށާއި، އެތަނެއްގެ ކުރިއެރުން ބިނާވެފައިވަނީ، މުވައްޒަފުންގެ މަސައްކަތުގެ މައްޗަށް ކަމަށެވެ. އެހެންކަމުން، މުވައްޒަފުން ކުރައްވާ މަސައްކަތުގެ އަގުވަޒަން ކުރުމަކީ ވަރަށް މުހިންމު ކަމެއް ކަމަށާއި، އެގޮތުން މިކަމަށްޓަކައި ފާއިތުވި އަހަރު، ކައުންސިލުން އުޞޫލެއް ފާސްކޮށް އެކަން ތަންފީޒު ކުރެއްވުނީތީ އުފާ ކުރައްވާކަމަށް އާޠިފް ވިދާޅުވިއެވެ. އަދި މުވައްޒަފުން މިހާ ގިނަދުވަހު ޚިދުމަތުގައި ތިއްބެވީ، އޮފީހަށް ޖެހިފައިވާ ލޯބީގެ ބޮޑު ކަމުންނާއި، ޚިދުމަތް ކުރުމަށް ހުރި ޝައުޤުވެރިކަމުން ކަމަށާއި، އެކަމަށްޓަކައި ހުރިހާ މުވައްޒަފުންނަށް ޝުކުރުއަދާ ކުރެއްވިއެވެ..

މިރަސްމިއްޔާތުގައި ޑިރެކްޓަރ ޖެނެރަލް އަލްފާޟިލް އިބްރާހީމް ރަޝީދު ދެއްކެވި ވާހަކާގައި، މުވައްޒަފުން ތެދުވެރިކަމާއި އިޚްލާޞްތެރިކަމާއެކު ވަޒީފާގެ މަސްއޫލިއްޔަތުތަކާއި ޒިންމަތައް އަދާކުރުންމަތީ ދެމިތިއްބެވުމަށް އެދިވަޑައިގެންނެވިއެވެ. އަދި އިޚްލާޞްތެރިކަމާއެކު ކުރާ މަސައްކަތުގެ ނަތީޖާ ފަހުން ފެންނާނެ ކަމުގައި ވިދާޅުވެ، މުވައްޒަފުންނަށް ހިތްވަރު ދެއްވާފައިވެއެވެ.

މިރަސްމިއްޔާތުގައި ކުޅުދުއްފުށީގައި ހުރި ސަރުކާރު ބައެއް އިދާރާތަކުގެ އިސްވެރިންވެސް ބައިވެރިވެވަޑައިގެންނެވިއެވެ.