ކުޅުދުއްފުށީގައި ޢިމާރާތްކުރި ދެކޮޓަރީގެ އެޕާރޓްމަންޓް ހުޅުވައިފި

ހދ. އަތޮޅު ކައުންސިލާއި ކުޅުދުއްފުށީ ކައުންސިލް ގުޅިގެން ކުޅުދުއްފުށީގައި އިމާރާތްކުރި 2 ކޮޓަރީގެ އެޕާޓްމަންޓް ހުޅުވައިފި އެވެ.

މިއީ ހދ އަތޮޅު ކައުންސިލް ހިއްސާވެގެން، ރަށްރަށުގެ މާލިއްޔަތު އިތުރު ކުރުމަށް ހިންގާ މަޝްރޫޢުގެ ދަށުން، ކުޅުދުއްފުށީ ކައުންސިލުން ބިނާކުރި ޢިމާރާތެކެވެ. ދެ ކޮޓަރީގެ މި އެޕާޓްމަންޓް ހުޅުވައިދެއްވީ 08 ޖުލައި 2018 ވީ ބުދަދުވަހު ހެނދުނު ބޭއްވި ރަސްމިއްޔާތެއްގައި ހދ އަތޮޅު ކައުންސިލްގެ ރައީސް އަލްފާޟިލް ހުސައިން ހަސަނާއި ކުޅުދުއްފުށީ ކައުންސިލްގެ ރައީސް އަލްފާޟިލް އަބުދުލްލަތީފް ހަސަނެވެ.

މިރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އަތޮޅު ކައުންސިލުގެ ރައީސް އަލްފާޟިލް ހަސަން ހުސެއިން ވިދާޅުވީ ކައުންސިލްގެ އަމާޒަކީ އަތޮޅު ކައުންސިލަށް ލިބޭ އާމްދަނީ އިތުރުކޮށް އަތޮޅުގެ ރަށްރަށުގެ ތަރައްޤީއަށް އިންވެސްޓް ކުރުން ކަމުގައެވެ. ހދ އަތޮޅުގެ ރައްޔިތުންނާއި އަތޮޅުގެ ތަރައްގީއަށް ވަރަށް ބުރަކޮށް މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާ ކަމަށާއި، އެގޮތުން، އަންނަ އަހަރުވެސް އަތޮޅުގެ ފަސް ރަށެއްގައި މިޕްރޮޖެކްޓް ހިންގާނެ ކަމަށް ވިދާޅުވެ، އެކަމަށް ކައުންސިލުތަކުން ތައްޔާރުވެ ތިބުމަށް ރައީސް އެދިވަޑައިގެންނެވިއެވެ. މިމަޝްރޫއުގެ މަސައްކަތް އެންމެ ފުރަތަމައަށް ނިންމީތީ ކުޅުދުއްފުށީ ކައުންސިލަށް އަލްފާޟިލް ހުސައިން ޙަސަން ވަނީ ޝުކުރު އަދާކުރައްވާފަ އެވެ.

ދެ ކޮޓަރީގެ މިމަޝްރޫއަށް އަތޮޅު ކައުންސިލުން 175،000ރ ހޭދަކޮށްފައިވާއިރު، ކުޅުދުއްފުށީ ކައުންސިލުން ތިންލައްކަ ފަންސާސް ހާސް ރުފިޔާ ޚަރަދުކޮށްފައި ވެއެވެ. ކުޅުދުއްފުށީ ވޭވްލައިނާ ހަވާލުކުރެވިގެން އިމާރާތްކުރި މިތަން ހަވާލުކުރީ މިއަހަރުގެ ފެބްރުއަރީމަހުގެ ތެރޭގައި އެވެ. ދެ ކޮޓަރީގެ މިއެޕާޓްމަންޓް އިމާރާތްކޮށްފައިވަނީ މާވާގެ ކައިރީގައި އޮންނަ ހުސް ބިމުގައެވެ.

ކުޅުދުއްފުށީގެ އިތުރުން މިމަޝްރޫއު ވަނީ ނެއްލައިދޫ އާއި ނޭކުރެންދޫ އަދި ކުމުންދޫގައި ފަށާފައި އެވެ. މިމަޝްރޫއުގެ ދަށުން މިދައުރުގައި ހދ އަތޮޅުގެ މީހުން ދިރިއުޅޭ 13 ރަށުގައި ތަރައްގީގެ މަޝްރޫއުއެއް ހިންގާނެ އެވެ.