ކުމުންދޫ ޢިމާރާތްކުރި ދެކޮޓަރީގެ އެޕާޓުމަންޓް ހުޅުވައިފި

ހދ. އަތޮޅު ކައުންސިލާއި ކުމުންދޫ ކައުންސިލް ގުޅިގެން ޢިމާރާތްކުރި ދެކޮޓަރީގެ އެޕާރޓްމަންޓް، ހުޅުވައިފިއެވެ.

ރަށު ކައުންސިލްގެ މާލިއްޔަތު އިތުރު ކުރުމަށްޓަކައި، ދެކައުންސިލްގެ ހިއްސާއާއެކު ހެދި މިޢިމާރާތް ހުޅުއްވައި ދެއްވީ، ހދ.އަތޮޅު ކައުންސިލްގެ ރައީސް އަލްފާޟިލް ޙުސައިން ޙަސަނާއި، ކުމުންދޫ ކައުންސިލްގެ ރައީސް އަލްފާޟިލް އަމީން މުޙައްމަދެވެ.

މިކަމަށްޓަކައި، 05 ސެޕްޓެމްބަރ 2018 ގައި ކުމުންދުގައި ބޭއްވި ރަސްމިއްޔާތުގައި، ވާހަކަފުޅު ދައްކަވަމުން، އަތޮޅު ކައުންސިލްގެ ރައީސް އަލްފާޟިލް ޙުސައިން ޙަސަން ވިދާޅުވީ، ކައުންސިލުން ފެށި މިމަޝްރޫޢަކީ އަތޮޅު ކައުންސިލްގެ ފެންވަރުގައި ކުރިއަށް ގެންދާ ވަރަށް ބޮޑު މަޝްރޫޢެއް ކަމަށާއި، މިދައުރުގައި ދެމިލިއަން ދެލައްކައަށްވުރެ ގިނަ ރުފިޔާ އަތޮޅު ކައުންސިލުން މިމަޝްރޫއަށް ޚަރަދު ކުރާނެ ކަމުގައި ހާމަކުރެއްވިއެވެ. މިކަމަކީ ޤައުމީ މަސައްކަތެއް ކަމަށާއި، ރަށުގެ ތަރައްޤީއަށް ހިންގޭ ކަންކަމަށް ޚަރަދުކުރާނެ ފައިސާ ހޯދުމަށް ހިންގޭ މަޝްރޫއެއް ކަމަށެވެ. އަދި މިޢިމާރާތަކީ ކުމުންދޫ ކައުންސިލާއި އަތޮޅު ކައުންސިލްގެ ގުޅުން ރަމްޒުކޮށްދޭ ބިނާއެއް ކަމުގައި ވިދާޅުވިއެވެ.

ކައުންސިލްގެ ރައީސްގެ ވާހަކައިގައި، އަތޮޅު ކައުންސިލްގެ މާލިއްޔަތު އިތުރުކުރުމަށް މިދައުރުގައި ކުރެއްވުމަށް ހަމަޖެހިފައިވާ ކަންކަމުގެ މަޢުލޫމަތު ހިއްސާ ކުރެއްވިއެވެ. އެގޮތުން މިދައުރު ނިމުމުގެ ކުރިން އަތޮޅު މާލިއްޔަތަށް ލިބޭފައިސާ ދެގުނަ އިތުރު ކުރުމަށް މަސައްކަތް ކުރައްވާ ކަމުގައި ވިދާޅުވިއެވެ.

މިރަސްމިއްޔާތުގައި ކުމުންދޫ ކައުންސިލްގެ ރައީސް ވިދާޅުވީ، މިއީ ކުމުންދޫގައި ހިންގުނު އެންމެ ކާމިޔާބު އެއް މަޝްރޫޢު ކަމަށާއި، މިތަނުގެ ބޭނުން ކުމުންދޫ ރައްޔިތުންނަށް އެންމެ ފައިދާހުރި ގޮތުގައި ހިފާނެ ކަމަށް ވިދާޅުވިއެވެ.

ކުމުންދޫގައި ދެ ކޮޓަރީގެ ޢިމާރާތުގެ ބިންގާ އަޅާފައިވަނީ މިއަހަރު ޖަނަވަރީ ތެރޭގައި އެވެ. އެރަށު ޖޭޖޭ. އިންވެސްޓްމަންޓާ ހަވާލުކޮށްގެން ހެދި މިތަން އިމާރާތް ކުރުމަށް ހަތަރު ލައްކައަށްވުރެ ގިނަ ރުފިޔާ ޚަރަދު ކޮށްފައިވެއެވެ. އަތޮޅު ކައުންސިލުން މިޕްރޮޖްކްޓަށް އެއްލައްކަ ހަތްދިހަފަސްހާސް ރުފިޔާ ހޭދަކުރައްވަފައި ވެއެވެ.