ޤައުމީ ދުވަހުގެ ދިދަ ނެގުމުގެ ރަސްމިއްޔާތު ބާއްވައިފި

މިއަހަރުގެ ޤައުމީ ދުވަހުގެ މުނާސަބަތުގައި، ޤައުމީ ދިދަ ނެގުމުގެ ޚާއްޞަ ރަސްމިއްޔާތެއް ބާއްވައިފިއެވެ.

މިއަދު ހެނދުނު 6 ޖެހިއިރު، ހދ. އަތޮޅު ކައުންސިލްގެ އިދާރާގައި ބޭއްވި މި ރަސްމިއްޔާތުގައި ޤައުމީ ދިދަ ނަންގަވައިދެއްވީ، އަތޮޅު ކައުންސިލްގެ ރައީސް އަލްފާޟިލް ޙުސައިން ހަސަނެވެ.

މިރަސްމިއްޔާތު ފެށުމުގެ ގޮތުން، ކީރިތި ޤުރުއާން ކިޔަވައިދެއްވީ، އަތޮޅު ކައުންސިލްގެ ޕްލޭނިންގ އޮފިސަރ އަލްފާޟިލް ޢަބްދުﷲ މުޙައްމަދެވެ. އަދި ރަސްމިއްޔާތު ތަޢާރަފް ކޮށްދެއްވީ ކައުންސިލް އިދާރާގެ ޑިރެކްޓަރ ޖެނެރަލް އަލްފާޟިލް އިބްރާހީމް ރަޝީދެވެ.

މިރަސްމިއްޔާތުގައި ކައުންސިލްގެ ރައީސް އަލްފާޟިލް ޙުސައިން ޙަސަން ދެއްކެވި ވާހަކަފުޅުގައި މިއުފާވެރި ޤައުމީ ދުވަހުގެ ހެޔޮއެދުމާ ތަހުނިޔާ، ހދ.އަތޮޅުގެ ރައްޔިތުންނަށް އަރިސް ކުރެއްވިއެވެ. އަދި މިދުވަސް ނިސްބަތްވެ ވަޑައިގަންނަވާ، ބޮޑުތަކުރުފާނު ޕޯޗުގީޒުންނާ ދެކޮޅަށް ކުރެއްވި މަތިވެރި ޖިހާދުގެ ޒިކުރާ އާކުރެއްވިއެވެ.

މީގެއިތުރުން ރައީސް ވިދާޅުވީ، އަންނަން އޮތް ޖީލުތަކަށް މިދުވަސް ވާސިލުކޮށްދޭން އެބަޖެހޭ ކަމަށާއި، ދީނަށްޓަކައި، އަދި ޤައުމުގެ މިނިވަން ކަމަށްޓަކައި ޝަހީދުވެގެންދިޔަ މުޖާހިދުންގެ ޒިކުރާ އާކުރަންޖެހޭ ކަމުގައެވެ. އަދި ޤައުމީ ނަޒަރަކުން ވިސްނައި، އަމިއްލަ ކަންކަމަށްވުރެ ޤައުމީ ކަންކަން އިސްކުރަން އެބަޖެހޭ ކަމުގައި ރައީސް ވިދާޅުވިއެވެ.

“އަޅުގަނޑުމެންނަށްވުރެ ޤައުމު މާ ބޮޑު. އަޅުގަނޑުމެން އެބަ ޖެހޭ ޤައުމީ ކަންކަމުގައި އަޅުގަނޑުމެންގެ ދަރީންނާއި، އަޅުގަނޑުމެންގެ ދަރީންގެ ދަރީން ބައިވެރިކުރަން. ޤައުމު ތިމާއަށް ކޮށްދޭނީ ކޮންކަމެއްތޯ ނުބަލައި، ތިމާ ޤައުމަށް ކޮށްދޭނީ ކޮން ކަމެއްތޯ ބަލަން އެބަޖެހޭ.” ކައުންސިލްގެ ރައީސް އަލްފާޟިލް ޙުސައިން ޙަސަން ވިދާޅުވިއެވެ.

މިރަސްމިއްޔާތުގައި އަތޮޅު ކައުންސިލާއި ރަށު ކައުންސިލްގެ ބައެއް މެމްބަރުންނާއި، ކުޅުދުއްފުށީގައި ހުރި ސަރުކާރުގެ އިދާރާތަކުގެ ވެރީންނާއި ގިނަ ޢަދަދެއްގެ މުވައްޒަފުން ބައިވެރިވެލެއްވިއެވެ.