ހދ. އަތޮޅު ޤުރުއާން މުބާރާތް މިއަހަރު ނެއްލައިދޫގައި ބޭއްވުމަށް ނިންމައިފި

ހދ. އަތޮޅު ޤުރުއާން މުބަރާތް މިއަހަރު ހދ. ނެއްލައިދޫގައި ބޭއްވުމަށް ކައުންސިލުން ނިންމައިފިއެވެ.

ހދ.އަތޮޅު ކައުންސިލުން އިންތިޒާމުކޯށްގެން ކޮންމެ އަހަރަކު ބާއްވާ ޤުރުއާން މުބާރާތް މިއަހަރު ނެއްލައިދޫގައި ބޭއްވުމަށް ނިންމަވާފައިވަނީ 13 ފެބްރުއަރީ 2019 ގައި ބޭއްވި ކައުންސިލްގެ 3 ވަނަ ދައުރުގެ 83 ވަނަ ޖަލްސާ އިންނެވެ.

މިގޮތަށް ނިންމަވާފައިވަނީ، މިމުބާރާތް ހޮސްޓްކުރުމަށް ނެއްލައިދޫ ކައުންސިލުން ހުށަހެޅި ހުށަހެޅުން އެންމެ ރަނގަޅު ކަމަށް ފެންނާތީއެވެ. ޤުރުއާން މުބާރާތް ބާއްވާނެ ރަށެއް ހޯސްޓްކުރުމަށް ހުޅުވާލި މުއްދަތު ހަމަވިއިރު އެކަމަށް ޝައުގުވެރިކަން ފާޅުކޮށްފައިވަނީ ނެއްލައިދޫގެ އިތުރުން، މިދިޔަ އަހަރު މިމުބާރާތް ބޭއްވި މަކުނުދޫ އިންނެވެ. އަދި 2016 ވަނަ އަހަރުވެސް ޤުރުއާން މުބާރާތް ބާއްވާފައިވަނީވެސް ނެއްލައިދޫގައެވެ.

މިމުބާރާތުގައި ބައިވެރިވެވެނީ ރަށު ޤުރުއާން މުބާރާތުން ހޮވޭ، އެރަށް ތަމްސީލު ކުރާނެ ޓީމަކަށެވެ. މިމުބާރާތުގެ މުޤައްރަރަށް މިފަހަރު ވަނީ ވަރަށް ބޮޑު ބަދަލެއް ގެނެސްފައެވެ. މިއަހަރުގެ މުބާރާތް ބަހާލާފައިވަނީ ޖުމްލަ ދެޢުމުރު ފުރާއަކަށެވެ. އެއީ 9 އަހަރުން ދަށުގެ ކުޑަކުދީންނައި 9 އަހަރުން މަތީގެ ޢުމުރުފުރާއިން ކޮންމެ ޢުމުރަކުން ބަލައިގެން ކިޔެވުމުގެ 4 ކެޓަގަރީއާއި، ނުބަލާ ކިޔެވުމުގެ 4 ކެޓަގަރީއެވެ.

މިމުބާރާތުގައި ބައިވެރިވެވޭނީ ކޮންމެ ކެޓަގަރީއެއްގައިވެސް ގިނަވެގެން 2 ކުދީންނަށެވެ. އެގޮތުން ކޮންމެ ރަށަކުން ވެސް ބައިވެރިވެވޭނީ ގިނަވެގެން ޖުމްލަ 16 ދަރިވަރުންނަށެވެ. މިޢަދަދަށްވުރެ މަދުވިޔަސް، އަތޮޅު މުބާރާތުގައި ބައިވެރިވެވޭ ގޮތަށް ވަނީ ހަމަޖެހިފައެވެ.

ގުޅުންހުރި ލިޔުންތައް

ހދ. އަތޮޅު ޤުރުއާން މުބާރާތުގެ ޤަވާއިދު