އެއްގަމު ލައިސަންސް ޕްރެކްޓިކަލް ޓެސްޓް ބާއްވާނެ ސައިޓެއް ޤާއިމު ކުރަނީ
އެއްގަމު އުޅަނދު ލައިސަންސް ދިނުމަށް ހަދަންޖެހޭ ޕްރެކްޓިކަލް ޓެސްޓް ހެދުމަށްޓަކައި، ސައިޓެއް ޤާއިމު ކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ޢިޢުލާނު ކޮށްފިއެވެ.
އޭ-ޒޯނުގެ ލައިސަންސް ކާޑު ދޫކުރުމަށްޓަކައި، ޓްރާންސްޕޯރޓް އޮތޯރިޓީން ކަނޑައަޅުއްވާފައިވާ މިންގަނޑާއެއްގޮތަށް ޕްރެކްޓިކަލް ސައިޓެއް ޤާއިމު ކުރުމަށް ބިން ކަނޑައަޅާފައިވީ ނަމަވެސް، ތަފާތު ސަބަބުތަކާއެކު އެމަސައްކަތް މިހާތަނަށް ނިންމާލެވިފައެއް ނުވެއެވެ. އެހެން ކަމުން ކައުންސިލުން ނިންމާފައިވަނީ، އެކަމަށް ޝައުޢުވެރިވާ ފަރާތަކާ ޙަވާލުކޮށްގެން މިއަހަރުތެރޭ އެސައިޓްގެ މަސައްކަތް ނިންމުމަށެވެ.
އެގޮތުން، މިމަސައްކަތް ކޮށްދޭން އެދޭ ފަރާތްތަކަށް މަޢުލޫމާތު ދިނުމުގެ ބައްދަލުވުން 24 ފެބްރުއަރީ 2019 ވާ އާދީއްތަ ދުވަހު 10:30 އަށް ހދ. އަތޮޅުކައުންސިލް އިދާރާގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. އަންދާސީހިސާބު ހުށަހެޅުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން އަންދާސީ ހިސާބު ހުށަހަޅުއްވަން ޖެހިވަޑައިގަންނަވާނީ 03 މާރިޗު 2019 ވާ އާދީއްތަ ދުވަހުގެ 10:30 ގައި ހދ. އަތޮޅު ކައުންސިލް އިދާރާއަށެވެ.
ލައިސަންސް ޕްރެކްޓިކަލް ޓެސްޓް މިހާރު ބާއްވަމުން އަންނަނީ ކުޅުދުއްފުށީ އަމީނީމަގު ދެކުނުކޮޅުގައި އިންޖީނުގެ ކުރިމަތީގައެވެ.