ނައިވާދޫގައި ތަރައްޤީކުރާ ކުޑަކުދީންގެ ޕާކުގެ ބިންގާ އަޅައިފި
ހދ.އަތޮޅު ކައުންސިލާއި، ނައިވާދޫ ކައުންސިލް ގުޅިގެން އެރަށުގައި ތަރައްޤީ ކުރާ ކުޑަކުދީންގެ ޕަކުގެ ބިންގާ އަޅައިފިއެވެ.
މިޕާރކުގެ މަސައްކަތް ފެށުމުގެ ގޮތުން، 03 މަާރޗް 2019 ގައި އެރަށުގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައި، މިޕާރކުގެ ބިންގާ އަޅުއްވައި ދެއްވީ ހދ.އަތޮޅު ކައުންސިލްގެ ރައީސް އަލްފާޟިލް ޙުސައިން ޙަސަނާއި، ނައިވާދޫ ކައުންސިލްގެ ރައީސް އަލްފާޟިލް އަޙްމަދު ފާއިޒެވެ.
މިރަސްމިއްޔާތުގައި ޕާކު ތަރައްޤީ ކުރުމުގެ އެއްބަސްވުމުގައި ދެކައުންސިލުން ސޮއިކުރެއްވިއެވެ. އަދި ނައިވާދޫ ކައުންސިލާއި، މަސައްކަތް ހަވާލު ކުރެވުނު ކޮންޓްރެކްޓަރާ ދެމެދުވެސް ސޮއިކުރެވުނެވެ. ޕާކުގެ މަސައްކަތް ޙަވާލު ކުރެވިފައިވަނީ 50 ދުވަހުގެ ތެރޭގައި ނިންމާގޮތަށް، ކުޅުދުއްފުށީ މަލްޓިރިޕެއަރ ސެންޓަރާއެވެ.
މިރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން، އަތޮޅު ކައުންސިލްގެ ރައީސް އަލްފާޟިލް ޙުސައިން ޙަސަން ވިދާޅުވީ، އަތޮޅު ކައުންސިލުން އެހީތެރިވެގެން ކުޑަކުދީންގެ ޕާކެއް ތަރައްޤީ ކުރާ މީ ފުރަތަމަ ފަހަރުކަން ފާހަގަ ކުރެއްވިއެވެ. ރައީސް ވިދާޅުވީ 2019 ވަނަ އަހަރު އަތޮޅު ކައުންސިލްގެ މާލިއްޔަތު އިތުރު ކުރުމަށް މަސައްކަތް ކުރައްވާ ކަމަށާއި، އެގޮތުން، މިއަހަރު އަތޮޅު މާލިއްޔަތަށް ލިބޭ އާމްދަނީ 2018 ވަނަ އަހަރަށްވުރެ 25 އިންސައްތަ އިތުރުވެގެން ދާނެ ކަމަށެވެ. އަތޮޅު ކައުންސިލުން މާލީ އެހިތެރިކަން ފޯރުކޮށްދީގެން 5 ރަށެއްގައި މިދިޔަ އަހަރު މަޝްރޫއުތަކެއް ހިންގިފައިވާ ކަމަށާއި، ރަށްރަށުގެ ކައުންސިލުތައް ކުރިއަރުވަން ކުރެވެންހުރި ކޮންމެ މަސައްކަތެއް ކުރުމަށް އަތޮޅު ކައުންސިލުން އަތުކުރި އޮޅާލައިގެން ތިއްބެވިކަން ރައީސް ހާމަ ކުރެއްވިއެވެ.
ރައީސް އިތުރަށް ވިދާޅުވީ ހދ.އަތޮޅަށް ވަޠަނީ ރޫހެއް ބޭނުންވާ ކަމަށާއި، ހދ.އަތޮޅު ކުރަހާލެވޭނީ އެވަޠަނީ ރޫހު އައިސްގެން ކަމަށެވެ. އެމަންޒަރުގައި ކުލަޖައްސައިގެން، މައި ސަރުކާރަށް ހުށަހެޅުމުން 27 ހާސް މީހުންގެ އާބާދީއެއް އޮތް، ހދ.އަތޮޅަށްވެސް އަޅާލާން ސަރުކާރަށް މަޖުބޫރުވާނެ ކަމުގައި ރައީސް ވިދާޅުވިއެވެ. ހދ. އަތޮޅުގެ ތަރައްޤީ މިޔަށްވުރެ އުސްމިނަކަށް ގެންދެވުމަށް މަސައްކަތް ކުރެއްވުމަށް، މިއަތޮޅުގެ ހުރިހާ ކައުންސިލަރުންނަށާއި، މަޖިލިސް މެންބަރުންނަށް އަތޮޅުގެ އެންމެ އިސްވެރިއެއްގެ ހައިސިއްޔަތުން ރައީސް އަލްފާޟިލް ޙުސައިން ޙަސަން ގޮވާލެއްވިއެވެ.
ނައިވާދޫގައި މިހެދޭ ޕާކުގެ ސަބަބުން، މިރަށުގެ މޫނުމައްޗަށް ރީތި ހިނިތުންވުމެއް އެބަގެނެސްދެވޭ ކަމަށާއި، އަމިއްލަ ތަނެއްގެ ގޮތުގައި ދެމެހެއްޓެނިވި ގޮތެއްގައި ޕާކު ބެލެހެއްޓުމަށް ނައިވާދޫ ރައްޔިތުންގެ ކިބައިން ރައީސް އެދިލެއްވިއެވެ.
މިމަޝްރޫއަކީ ކައުންސިލްތަކާ ގުޅިގެން ރަށްރަށުގައި ހިންގ މަޝްރޫޢުތަކުގެ ތެރެއިން ކުޑަކުދިންގެ ޕާކެއް ތަރައްޤީ ކުރާ ފުރަތަމަ ފަހަރެވެ. މިޕާކު ތަރައްޤީ ކުރުމަށް އަތޮޅު ކައުންސިލުން 175000 ރުފިޔާ ޚަރަދަކު ކުރުމަށް ހަމަޖެހިފައިވާއިރު، ނައިވާދޫ ކައުންސިލުން، 172777 ރުފިޔާ ހޭދަކުރުމަށް ހަމަޖެހިފައި ވެއެވެ.
ނައިވާދޫ ޕާކު ތަރައްޤީ ކުރަނީ، އެރަށު ޞިއްހީ މަރުކަޒުގެ ކުރިމަތީ، ބަނދަރުމަތީގައި އޮތް ދިހަހާސް އަކަފޫޓުގެ ހުސްބިމުގައެވެ.