ހދ.އަތޮޅު ސްޓޭޓް ހައުސް، ހޯމް މިނިސްޓަރު ހުޅުއްވައި ދެއްވައިފި
ހދ.އަތޮޅު ސްޓޭޓް ހައުސް، މިނިސްޓަރ އޮފް ހޯމް އެފެއާޒް އައްޝައިޚް އިމްރާން ޢަބްދުﷲ ހުޅުއްވައި ދެއްވައިފިއެވެ.
ހދ.އަތޮޅުގެ ވަރަށް ބޮޑަށް މަރާމާތުކޮށް، ސްޓޭޓް ހައުސްގެ ނަމުގައި ހުޅުވާފައިވަނީ، 20 މާރޗް 2019 ވީ ބުދަ ދުވަހުގެރޭ ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައެވެ.
ތަފާތު ކެޓަގަރީގެ 16 ކޮޓަރި ހިމެނޭ ސްޓޭޓް ހައުސް މަރާމާތުކޮށް، ނުނިމި ހުރި ޢިމާރާތް ނިންމާފައިވަނީ ކުޅުދުއްފުށީ ޕްލަސްބީއާ ޙަވާލު ކުރައްވައިގެން، 88 ދުވަހުގެ ތެރޭގައެވެ. މިމަޝްރޫޢަށް ދައުލަތުގެ ބަޖެޓުން 4.9 މިލިޔަން ރުފިޔަ ޚަރަދު ކުރައްވާފައި ވެއެވެ.
ސްޓޭޓް ހައުސް ހުޅުވައި ދެއްވުމަށް ފަހު މިނިސްޓަރު އިމްރާން ޢަބްދުﷲ ވިދާޅުވީ ސިޔާސީގޮތުން ބައެއް ކަހަލަ ގޮންޖެހުންތައް ހުރި ނަމަވެސް މުޅި ގައުމުގެ ތަރައްޤީ އާއި އިޖުތިމާއީ ކުރިއެރުން ނެރެ އެއް މިސްރާބަކަށް ގެނެސްދޭން ޖެހޭ ކަމަށެވެ.
މިރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ހދ.އަތޮޅު ކައުންސިލްގެ ރައީސް އަލްފާޟިލް ހުސައިން ހަސަން ވިދާޅުވީ ދިގުމުއްދަތަކަށްފަހު ނަމަވެސް، މިޢިމާރާތް މިހާ ފުރިހަމައަށް ހަދައި ފޯރުކޮށްދެއްވި ކަމަށްޓަކައި، ހޯމް މިނިސްޓްރީއަށް ޝުކުރު އަދާކުރެއްވި އެވެ. މިތަނުގެ ޚިދުމަތް އަތޮޅުގެ ހުރިހާ ރައްޔިތުންނަށް ލިބޭނެގޮތް ހަމަޖައްސަވާނެ ކަމަށެވެ. އަދި 2020 ވަނައަހަރު އެތަނުގައި ސްވިމިންގ ޕޫލެއް ހަދައި، ތްރީސްޓަރ ފެންވަރަށް ތަރައްޤީ ކުރައްވާނެ ކަމަށް ވިދާޅުވިއެވެ.
ހޯމް މިނިސްޓްރީއާ ދެމެދު އެއްބަސްވެވޭ އެމްއޯޔޫއެއްގެ ދަށުން ސްޓޭޓް ހައުސް ހިންގުމަށް ހަވާލުކުރެވިފައިވަނީ އަތޮޅު ކައުންސިލަށެވެ. އަދި މިތަނުން ލިބޭ އާމުދަނީވެސް ލިބޭނީ އަތޮޅު ކައުންސިލަށެވެ. މިހާތަނަށް 12 އަތޮޅުގެ އެއް ވަނީ މަރާމާރުކޮށް ދައުލަތުގެ ގެސްޓްހައުސްގެ ގޮތުގައި ހިންގުމަށް އަތޮޅު ކައުންސިލްތަކާ ހަވާލު ކުރެވިފައިވާ ކަމަށް ހޯމް މިނިސްޓްރީން ވަނީ ހާމަ ކުރައްވަފައެވެ.
ސްޓޭޓް ހައުސް ހުޅުވުމުގެ ރަސްމިއްޔާތުގައި ހޯމް މިނިސްޓްރީގެ ޑިރެކްޓަރ އަލްފާޟިލް މުޙައްމަދު ޖަވާދު ޔޫސުފްގެ އިތުރުން މިމަޝްރޫޢުގެ ކޮންޓްރެކްޓަރ ޕްލަސްބީގެ މެނޭޖިންގ ޑިރެކްޓަރ އަލްފާޟިލް އާދަމް މުޙައްމަދުވެސް ވާހަކަ ދެއްކެވިއެވެ. މިރަސްމިއްޔާތުގައި އަތޮޅު ކައުންސިލާއި ކުޅުދުއްފުށީ ކައުންސިލްގެ މެމްބަރުންގެ އިތުރުން، ކުޅުދުއްފުށީގައިހުރި މުއައްސަސާތަކުގެ ވެރީން އަދި ފާހަގަކޮށްލެވޭ ބައެއް ބޭފުޅުން ބައިވެރިވެލެއްވިއެވެ.
ފޮޓޯ އަލްބަމް: ހދ.އަތޮޅު ސްޓޭޓް ހައުސް ހުޅުވުމުގެ ރަސްމިއްޔާތު