ހދ.އަތޮޅު ޤުރުއާން މުބާރާތް ނެއްލައިދޫގައި ފަށައިފި
ހދ.އަތޮޅު ޤުރުއާން މުބާރާތް 144ޮ ނެއްލައިދޫގައި ފަށައިފިއެވެ.
މިއަހަރުގެ މުބާރާތުގައި އަތޮޅުގެ 11 ރަށަކުން ޖުމްލަ 132 ބައިވެރިން ވާދަ ކުރެއެވެ. އެގޮތުން ބަލައިގެން ކިޔެވުމުގެ ބައިގައި 84 ބައިވެރިން، އަދި ނުބަލާ ކިޔެވުމުގެ ބައިގައި 48 ބައިވެރިން ކިޔެވުން ހުށަހެޅުމަށް ހަމަޖެހިފައި ވެއެވެ.
ހދ އަތޮޅު ޤުރުއާން މުބާރާތް ފެށުމުގެ ގޮތުން 18 އޭޕްރީލް 2019 ވީ ބުރާސްފަތި ދުވަހު ހަވީރު ނެއްލައިދޫގައި ބޭއްވި ރަސްމިއްޔާތު ގައި ވާހަކަފުޅު ދައްކަވަމުން އަތޮޅު ކައުންސިލްގެ ރައީސް އަލްފާޟިލް ޙުސައިން ހަސަން ވިދާޅުވީ ޤުރުއާން މުބާރާތްތަކަށް ހުރިހާ ފަރާތްތަކުން އަދި ހާއްސަކޮށް ކައުންސިލްތަކުން ހާއްސަ ސަމާލުކަމެއް ދޭން ޖެހޭ ކަމަށެވެ.
ހަމައެކަނި މުބާރާތެއްގައި ބައިވެރިވުމަކުން ނުފުދޭ ކަމަށާއި ކާމިޔާބު ހޯދަން މަސައްކަތްތަކެއް ކުރަން ޖެހޭ ކަމަށް ރައީސް ވިދާޅުވިއެވެ. މުބާރާތްތަކުގައި ބައެއް ރަށްތަކުން ތަކުރާރުކޮށް ރަންވަނަތައް ހޯދަމުންދާތަން ފެންނަމުންދާތީ އުފާ ކުރައްވާ ކަމަށް ހުސައިން ޙަސަން ވިދާޅުވި އެވެ. އަދި އެފަދަ ކާމިޔާބީތައް ލިބިގެންދަނީ އެރަށެއްގެ ރައްޔިތުންނާއި ކައުންސިލާ ގުޅިގެން ކުރާ ބުރަ މަސައްކަތްތަކެއް ނަތީޖާ ކަމަށާއި، ފެންވަރު ރަނގަޅު ޤާރީން ގެނެސް، ދަރިވަރުންނަށް ތަމްރީން ދީގެން ނޫނީ މި ބޭނުންވާ ކާމިޔާބު ހާސިލުނުކުރެވޭނެ ކަމަށް ޙުސައިން ޙަސަން ވިދާޅުވި އެވެ.
މިއަހަރުގެ މުބާރާތުގައި ބައިވެރި ނުވަނީ ހދ. ފިނޭ އަދި ހިރިމަރަދޫ އިން ނެވެ.
3 ދުވަހުގެ މުއްދަތަށް ކުރިއަށްދާ މިމުބާރާތް ބާއްވަނީ ހދ.ނެއްލައިދޫ ސްކޫލު ހޯލުގައެވެ.