ހދ.އަތޮޅު ޤުރުއާން މުބާރާތުގެ އެއްވަނަ ނޮޅިވަރަން ހޯދައިފި
ހދ.އަތޮޅު ކައުންސިލުން ކޮންމެ އަހަރަކު ބާއްވަމުން އަންނަ ހދ.އަތޮޅު ޤުރުއާން މުބާރާތުގެ އެއްވަނަ މިއަހަރު، ހދ.ނޮޅިވަރަން ހޯދައިފިއެވެ.
މުޅި އަތޮޅަށް ހުޅުވާލައިގެން މިއޭޕްރީލް 18 އިން 20 އަށް ނެއްލައިދޫގައި ބޭއްވި ޤުރުއާން މުބާރާތުގެ އެއްވަނަ ނޮޅިވަރަމު ހޯދި އިރު، 2 ވަނަ ހޯދާފައިވަނީ މަކުނުދޫ އެވެ. އަދި 3 ވަނަ ޙާޞިލު ކުރީ، ފާއިތުވި 5 އަހަރު އެއްވަނަ ހޯދު ވައިކަރަދޫއެވެ.
އަތޮޅުގެ 11 ރަށަކުން 132 ދަރިވަރަކު ބައިވެރިވި މިއަހަރު ޤުރުއާން މުބާރާތުގެ ނަތީޖާފާޅުކޮށްފައިވަނީ 21 އޭޕްރީލް 2019 ވީ އާދީއްތަ ދުވަހު ހެނދުނު ނެއްލައިދޫ ސްކޫލް ހޯލުގައެވެ. މިރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވާ ހާއްސަ ވަނަތައް ޙާޞިލުކުރި ދަރިވަރުންނަށް ޓްރޮފީއާ ސެޓްފިކެޓް ހަވާލުކޮށްދެއްވީ މިނިސްޓަރ އޮފް ހޯމްއެފެއާޒް އައްޝައިޚް އިމްރާން އަބުދުﷲ އެވެ.
މުބާރާތުގެ ބަލައިގެން ކިޔެވުމުގެ ގޮފިން އެއްވަނަ ހޯދީ، މަކުނުދޫ ޓީމުގެ ރާޔާ އަންވަރެވެ. މިބައިން ދެވަނަ ހޯދީ މަކުނުދޫ އަސަރީގެ، އާޝިޔަތު ރިޝްމީ ރިފްޝާނެވެ. އަދި ތިންވަނަ ހޯދީ ނެއްލައިދޫ ޑޭޒީވިލާ ޢާއިޝަތު މަލްސާއެވެ.
ނުބަލާ ކިޔެވުމުގެ ގޮފިން 1 ވަނަ ޙާޞިލު ކުރީ ހަނިމާދޫ މިއުރެކްސް، އާޔާ ޢަލީއެވެ. 2ވަނަ، މަކުނުދޫ ނާރެސް، މިޒުހާ ޙުސައިން ޖަލީލު ހޯދޮއިރު، 3 ވަނަ ޙާޞިލުކުރީ މަކުނުދޫ ވައިލެޓްމާގޭ ކައުޘަރު އިބްރާހީމް ޝާކިރެވެ.
މުބާރާތުގެ ބަލައިގެން ކިޔެވުމުންނާ، ނުބަލާ ކިޔެވުމުން އެންމެ މޮޅު ދަރިވަރަށް، އޭއައިއޭ ކޮންސްޓްރަކްޝަން ކޮމްޕެނީ އާއި އައި ސެވަން ކޮންސްޓްރަކްޝަނުން ޢުމުރާ ދަތުރެއް ވަނީ ހަދިޔާ ކުރައްވާފައެވެ. މިރަސްމިއްޔަތުގައި ވަކިވަކި އުމްރުފުރާތަކުން ވަނަތަކަށް ދިޔަ ދަރިވަރުންނަށާއި މުބާރާތުގެ އެންމެ މޮޅު 16 ދަރިވަރުންވެސް ވަނީ ޓްރޮފީ ޙަވާލުކޮށްފައެވެ.