ހދ. އަތޮޅު ވޮލީ މުބާރާތް ފަށައިފި
ހދ.އަތޮޅު ކައުންސިލުން އިންތިޒާމުކޮށްގެން ބާއްވާ ވޮލީބޯޅަ މުބާރާތް އިއްޔެ ފަށައިފިއެވެ.
2019 ސެޕްޓެމްބަރ 20 އިން 26 އަށް ކުރިއަށްދާ މިމުބާރާތުގައި އަންހެން 6 ޓީމު އަދި ފިރިހެން 4 ޓީމު ބައިވެރިވެފައި ވެއެވެ. މިމުބާރާތުގެ އަންހެން އަދި ފިރިހެން ޑިވިޜަންގެ ޗެމްޕިއަން ޓީމަށް ދިހަހާސްރުފިޔާ އަދި ރަނަރަޕް ޓީމަށް ހަތްހާސް ރުފިޔާގެ އިނާމެއް ހުށަހެޅިފައިވެއެވެ.
ކުޅުދުއްފުށީ ޒޯން ސްޓޭޑިއަމްގެ ވޮލީކޯޓުގައި ކުރިއަށްދާ މިމުބާރާތުގައި އަންހެން ޑިވިޜަންގެ ދެމެޗް އިއްޔެ ކުޅެފައި ވެއެވެ. އެގޮތުން އިއްޔެ ހަވީރު ކުޅެވުނު ކުމުންދޫ އަދި ނޮޅިވަރަންފަރު ބައްދަލު ކުރި މެޗް، ސީދާ 3 ސެޓުން ކާމިޔާބު ކުރީ ނޮޅިވަރަންފަރު ސްޕޯރޓްސް ކްލަބެވެ. އަދި ރޭ ނޮޅިވަރަމު ޒުވާނުންގެ ގުޅުމާއި، ނައިވާދޫ ޓެރެއިނާސް ސްޕޯޓްސް ކްލަބް ބައްދަލުކޮށް، ސީދާ 3 ސެޓުން މެޗް ކާމިޔާބު ކުރީ ނޮޅިވަރަމު ޓީމެވެ.
މުބާރާތުގެ ފިރިހެން ޑިވިޜަންގައި، ކުޅުދުއްފުށީ އެކުވެރިންގެ ދިރުން އަދި ޓީމު ނޮޅިވަރަން ބައްދަލުކުރި މެޗް 3 ސެޓް 2 ސެޓުން ކާމިޔާބު ކޮށްފައިވަނީ ނޮޅިވަރަމު ޓީމެވެ.
މިމުބާރާތުގައި މިއަދުވެސް 3 މެޗް ކުޅުމަށް ހަމަޖެހިފައި ވެއެވެ. މުބާރާތް ހޮސްޓް ކުރަނީ ޑަބްލިޔު ސްޕޯރޓްސް އެކަޑެމީގެ ފަރާތުންނެވެ.