“ދެނެގަންނަމާ” ގެ ނަމުގައި ހޯމް މިނިސްޓްރީން ކުޅުދުއްފުށީ ސިޓީގައި ހޭލުންތެރިކުރުމުގެ ޕްރޮގްރާމެއް ހިންގައިފި

“ދެނެގަންނަމާ” ގެ ނަމުގައި ހޯމް މިނިސްޓްރީން ކުޅުދުއްފުށީ ސިޓީގައި ހޭލުންތެރިކުރުމުގެ ޕްރޮގްރާމެއް ހިންގައިފިއެވެ.

ކުޅުދުއްފުށީ އެން.އޯ.ސީ ބިލްޑިންގ ގައި މިއަދު ކުރިއަށް ގެންދެވި، “ދެނެގަންނަމާ ” ޕްރޮގްރަމަކީ “އާންމު އިޖުތިމާއީ މިންގަނޑުތަކާ ޚިލާފު އަމަލުތައް ހުއްޓުވުމުގެ ޤާނޫނު” އަދި “އަނިޔާކުރުމާއި، އެހެނިހެން އަނިޔާވެރި، ލާއިންސާނީ ނުވަތަ ދަށުދަރަޖައިގެ ޢަމަލު ހިންގުމާއި އަދަބު ދިނުމާއި ދެކޮޅު މުއާހަދާ” އަށް މާލެއާއި އަތޮޅުތެރޭ ރައްޔިތުން ހޭލުންތެރިކުރުމަށް މިނިސްޓްރީ އޮފް ހޯމްއެފެއާޒުން އިސްނަގައިގެން ހިންގަވާ ޕްރޮގުރާމުގެ ފުރަތަމަ ބުރެވެ.

ކީރިތި ގުރުއާނުގެ ބަރަކާތުން މި ޕްރޮގްރާމް ފެއްޓެވީ އަފީފުއްދީން ސްކޫލުގެ ގްރޭޑް 10ގެ ދަރިވަރު އަމަތުﷲ އަލީއެވެ. މިޕްރޮގްރާމް ޝަރަފްވެރި ކޮށްދެއްވައި، ފުރަތަމަ ސެޝަން ނަންގަވައިދެއްވީ ކޮމިޝަނާރ އޮފް ޕްރިޒަން އަލްފާޟިލް އަޙްމަދު މުޙައްމަދުފުޅެވެ. އަދި ފަހު ސެޝަން ނަންގަވައިދެއްވީ މިނިސްޓްރީ އޮފް ހޯމްއެފެއާރޒްގެ އެސޯސިއޭޓް ލީގަލް ކައުންސެލް އަލްއުސްތާޛާ އާމިނަތު ނަބީލާ އިބްރާހިމް ނަސީރެވެ.

މިޕްރޮގްރާމް ނިމުމާއެކު، ބައިވެރިންނަށް ހަނދާނީ ލިޔުން ޙަވާލުކޮށްދެއްވީ، ކޮމިޝަނާރ އޮފް ޕްރިޒަން އަލްފާޟިލް އަޙްމަދު މުޙައްމަދުފުޅު އަދި ހދ.އަތޮޅު ކައުންސިލްގެ ޑިރެކްޓަރ ޖެނެރަލް އަލްފާޟިލް ޢަބްދުﷲ އަސްޢަދެވެ. މިބައްދަލުވުމުގައި ކުޅުދުއްފުށީ ސިޓީގެ އިތުރުން މިއަތޮޅު ހަނިމާދޫ، ނޮޅިވަރަންފަރު، ވައިކަރަދޫ އަދި މަކުނުދޫން 40 އަށްވުރެ ގިނަ ބޭފުޅުން ވަނީ ބައިވެރިވެފައެވެ.