ހިރިމަރަދޫގައި ޢިމާރާތްކުރާ ދެކޮޓަރީގެ އެޕާރޓްމަންޓްގެ މަޝްރޫޢު އިފްތިތާޙު ކޮށްފި

ހދ.އަތޮޅު ކައުންސިލާއި ރަށު ކައުންސިލްތައް ގުޅިގެން މިއަހަރު ހިންގުމަށް ހަމަޖެހިފައިވާ މަޝްރޫޢުތަކުގެ ތެރެއިން، ހިރިމަރަދޫގައި ޢިމާރާތްކުރާ ދެކޮޓަރީގެ އެޕާރޓްމަންޓްގެ މަޝްރޫޢު އިފްތިތާޙުކޮށް، ކޮންޓްރެކްޓަރާއެކު ސޮއިކޮށްފިއެވެ.

މިކަމަށްޓަކައި، 05 މަރޗް 2019 ވީ ބުރާސްފަތި ދުވަހު، ހިރިމަރަދޫ ސްކޫލުގައި ބޭއްވުނު ރަސްމިއްޔާތުގައި މިމަޝްރޫޢު އިފްތިތާހު ކޮށްދެއްވީ ހދ.އަތޮޅު ކައުންސިލްގެ ރައީސް އަލްފާޟިލް އާދަމް ޢަލީއެވެ. މިރަސްމިއްޔާތުގައި ހދ.އަތޮޅު ކައުންސިލާއި، ހިރިމަރަދޫ ކައުންސިލާ ދެމެދު އެއްބަސްވުމުގައި ސޮއިކުރެވުނެވެ. އަދި މަސައްކަތް ޙަވާލުކުރެވޭ ކޮންޓްރެކްޓަރ، ޖޭޖޭ.ޑިވެލޮޕިންގ ޕްރައިވެޓް ލިމިޓެޑާ ދެމެދު މަސައްކަތުގެ އެއްބަސްވުމުގައި ސޮއިކުރެވުނެވެ.

މިރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން، ހދ.އަތޮޅު ކައުންސިލްގެ ރައީސް އަލްފާޟިލް އާދަމް ޢަލީ ވިދާޅުވީ، ކައުންސިލްތައް މާލީ ގޮތުން ބާރުވެރިނުވެ، ކައުންސިލްތައް ނުހިންގޭނެ ކަމަށާއި، އެގޮތުން ހިރިމަރަދޫގެ މާލިއްޔަތު އިތުރު ކުރުމަށް، ކައުންސިލުން ނިންމާފައިވާ މިމަޝްރޫޢަކީ އަތޮޅު ކައުންސިލުން އުފަލާއެކު ބަލައިގަންނަ ކަމެއް ކަމުގައެވެ. ހިރިމަރަދޫ ރައްޔިތުންނަށް ގިނަ ޚިދުމަތްތަކެއް ކައުންސިލަށް ކޮށްދެވޭނީ، މާލިއްޔަތުވެސް އިތުރުވެގެން ކަމަށާއި، ގިނަފަހަރަށް ކަންކަން ނުވެދަނީ ބަޖެޓްގެ ދަތިކަން ހުންނަގޮތުން ކަމަށާއި، މިފަދަ މަޝްރޫއެއްގެ ސަބަބުން ބަޖެޓަށްވެސް އިތުރުކަމެއް އަންނާނެކަމުގައި އާދަމް ޢަލީ ފާހަގަ ކުރެއްވިއެވެ.

ދެމަސްދުވަހުގެ ތެރޭގައި މަސައްކަތް ނިންމަގޮތަށް ޖޭޖޭ.ޑިވެލޮޕިންގ ޕްރައިވެޓް ލިމިޓެޑާ ޙަވާލު ކުރެވުނު މިމަޝްރޫޢަސް، ހދ.އަތޮޅު ކައުންސިލުން 175،000 ރުފިޔާ ޚަރަދު ކުރައްވައެވެ. އެއީ މަޝްރޫޢުގެ ޖުމްލަ އަގުގެ 39 އިންސައްތައެވެ. ބަކީ 61 އިންސައްތަ (ދެލައްކަ އަށުހައްޓިހާސް ހަސަތޭކަ ބާވަންނަ ރުފިޔާ ބަޔާޅީސްލަރި) ޚަރަދުކުރަނީ ހިރިމަރަދޫ ކައުންސިލުންނެވެ.

ހދ.އަތޮޅު ކައުންސިލުން ރަށުކައުންސިލްތަކާ ގުޅިގެން ހިންގޭ މިމަޝްރޫޢުތަކަކީ، ކައުންސިލްގެ 3 ވަނަ ދައުރު ނިމުމުގެ ކުރީން ކޮންމެ ރަށެއްގައިވެސް މާލިއްޔަތު އިތުރުކުރުމަށް ނުވަތަ ޢުމްރާނީ ތަރައްޤީގެ މަޝްރޫއެއް ހިންގުމުގެ މަޤުސަދުގައި ކުރިއަށް ގެންދާ މަޝްރޫއުތަކެކެވެ. އެގޮތުން ފާއިތުވި ދެއަހަރު ތެރޭގައި އަތޮޅުގެ 8 ރަށެއްގައި މިފަދަ މަޝްރޫއުތައް ހިންގިފައިވާކަން ފާހަގަ ކޮށްލެވެއެވެ.