“ތިލަދެކުނު ވެށި ޓުއަރ” ގެ ނަމުގައި ތިލަދުންމަތީ ބައެއް ރަށްރަށަށް ދަތުރުތަކެއް ކުރުމަށް ނިންމައިފި
ތިލަދުންމަތީގެ ބައެއް ރަށްރަށް ބަލާލުމުގެ ފުރުޞަތު ފަހިކޮށް ދިނުމަށް، “ތިލަދެކުނު ވެށިޓުއަރ” ގެ ނަމުގައި ކޮންމެ ހަފްތާ ބަންދެއްގައި ދަތުރުތަކެއް ފެށުމަށް ހދ. އަތޮޅު ކައުންސިލުން ފާސްކޮށްފިއެވެ.
މިގޮތުން، ކޮންމެ ހަފްތާއެއްގެ ހޮނިހިރު ދުވަހު، ހއ، ހދ ގެ ވަކި ރަށަކަށް ނުވަތަ ދެރަކަށް، އަތޮޅު ކައުންސިލްގެ މާރެސް ލޯންޗު ދަތުރު ކުރުމަށްހަމަޖެހިފައިވާއިރު، މިދަތުރު ތަކުގެ ޝެޑިއުލް ކޮންމެ މަހަކުވެސް އަތޮޅު ކައުންސިލުން ޢާންމު ކުރުމަށް ވަނީ ހަމަޖެހިފައެވެ. އަދި ދަތުރުތަކުގެ ޓިކެޓް އަގުތަކާއި ޓިކެޓް ބައްލަވައި ގަންނާނެގޮތް ވަރަށް އަވަހަށް އަތޮޅު ކައުންސިލުން އާންމު ކުރާނެއެވެ. ދަތުރުތައް ކުރުމަށް މިހާރު ހަމަޖެހިފައިވާ ރަށްރަށަކީ، މަކުނުދޫ، ހަނިމާދޫ، ބާރަށް، އިހަވަންދޫ، ހޯރަފުށި، އުތީމު، ކެލާ، ވަށަފަރު، އަދި ދިއްދޫއެވެ.
“ވެށިޓުއަރ” ގެ ފުރަތަމަ ދަތުރު ކުރުމަށް ހަމަޖެހިފައިވަނީ ޑިސެމްބަރ 12 ވާ ހޮނިހިރު ދުވަހު، ހޯރަފުށި އަދި އިހަވަންދޫއަށެވެ.
“ވެށިޓުއަރ” ދަތުރުތައް ކުރުމަށް ހަމަޖެހިފައިވާ ރޫޓުތައް
ކުޅުދުއްފުށި – މަކުނުދޫ – ކުޅުދުއްފުށި
ކުޅުދުއްފުށި – އިހަވަންދޫ – ހޯރަފުށި – ކުޅުދުއްފުށި
ކުޅުދުއްފުށި – އުތީމު – ދިއްދޫ – ކުޅުދުއްފުށި
ކުޅުދުއްފުށި – ވަށަފަރު – ކެލާ – ކުޅުދުއްފުށި
ކުޅުދުއްފުށި – ހަނިމާދޫ – ބާރަށް – ކުޅުދުއްފުށި
ހދ.އަތޮޅު ކައުންސިލުން މިއަދު ބޭއްވި 162 ވަނަ ޢާންމު ބައްދަލު ވުމުގައި، ‘ވެށިޓުއަރ” ދަތުރުތައް ފެށުމަށް ފާސްކުރައްވާފައިވަނީ، މިބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި 4 މެމްބަރުންގެ އިއްތިފާގުންނެވެ.