މިއަހަރުގެ މަސްވެރިންގެ ދުވަސް އަތޮޅުގެ ރަށްރަށުގައި ކުލަގަދަކޮށް ފާހަގަ ކޮށްފި
2021 ވަނަ އަހަރުގެ މަސްވެރިންގެ ދުވަހާއި ގުޅިގެން މަސްވެރިންގެ އަގުވަޒަން ކުރުމުގެ ގޮތުން ހދ. އަތޮޅު ކައުންސިލުން ޚަރަދުކޮށްގެން އަތޮޅުގެ ރަށްރަށުގައި މަސްވެރިންގެ ދުވަސް ކުލަގަދަ ގޮތެއްގައި ފާހަގަ ކޮށްފިއެވެ.
02 ޑިސެންބަރު 2021 ވީ ބުރާސްފަތި ދުވަހު ބޭއްވުނު ހދ. އަތޮޅު ކައުންސިލްގެ 4 ވަނަ ދައުރުގެ 23 ވަނަ އާންމު ޖަލްސާގައި އެޖެންޑާ ކުރެވި މަޝްވަރާކޮށް ފާސްކޮށްފައިވަނީ އަތޮޅު ގައި މީހުން ދިރިއުޅޭ 13 ރަށުގައި މަސްވެރިންގެ ދުވަސް ފާހަގަކުރުމަށް ކޮންމެ ރަށެއްގެ ކައުންސިލަކަށް 10,000/- (ދިހަ ހާސް ) ރުފިޔާ އަތޮޅު ކައުންސިލްގެ ބަޖެޓުން ދޭގޮތަށެވެ. މިގޮތުން އަތޮޅު ކައުންސިލުން ބަޖެޓްދޭން ފާސްކޮށްފައިވަނީ 09 ޑިސެންބަރު 2021 ވަނަ ދުވަހުގެ 12:00 ގެ ކުރިން އެރަށެއްގައި މަސްވެރިންގެ ދުވަހާއި ގުޅިގެން ހިންގޭނެ ހަރަކާތުގެ ޕްރޮޕޯސަލް ފޮނުވާ ކައުންސިލްތަކަށެވެ.
މި ފުރުސަތުގައި މީހުން ދިރި އުޅޭ 13 ރަށުގެ ތެރެއިން 12 ރަށަކުން ޕްރޮޕޯސަލް ހުށަހަޅާފައިވެއެވެ. 11 ރަށެއްގައި ވަނީ ދުވަހާއި ގުޅޭ ޙަރަކާތްތައް ކުރިއަށް ގެންގޮސްފައެވެ. މަސްވެރިންގެ ދުވަހުގެ ހަރަކާތްތަކަށް ވަރަށް ފުރިހަމަ އަށް ތައްޔާރު ވެފައިވަނިކޮށް 6 ޑިސެންބަރު 2021 ގައި ކޮވިޑްގެ ހާލަތު ގޯސްވެ އެޗް.ޕީ.އޭ އިން ރަށް މޮނިޓަރިން އަށް ލުމުގެ ސަބަބުން ހަނިމާދޫގައި ބޭއްވުމަށް ތާވަލު ކުރެވުނު ޙަރަކާތްތައް ވަނީ ވަކި މުއްދަތެއް ނެތި ފަސްކުރެވިފައެވެ.
މިގޮތުން ކުޅުދުއްފުށީ ސިޓީގައި ދިވެހިރާއްޖޭގެ 41 ވަނަ މަސްވެރިންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން 10 ޑިސެންބަރު 2021 ގައި ކުޅުދުއްފުށި ސިޓީގެ މަސްވެރިންނަށް ޚާއްޞަކޮށްގެން މަސްވެރިންގެ ޑިނަރނައިޓެއް ވަނީ ބޭއްވިފައެވެ. އަދި ހަނިމާދޫއާއި ނޮޅިވަރަންފަރު ފިޔަވައި އެހެން ރަށްރަށުގައި މަސްވެރިންގެ ޚިޔާލާއި ބައިވެރިވުމާއެކު، މުއައްސަސާތަކާއި އަންހެނުންގެ ކޮމިޓީއާއި ކައުންސިލްތައް ގުޅިގެން މަސްރޭހެއް އިންތިޒާމުކޮށް ކުރިއަށް ގެންގޮސްފައިވެއެވެ.