ހދ. އަތޮޅު ޤުރުއާން މުބާރާތް އޮކްޓޯބަރ 6-8 ގައި

1443 ވަނަ އަހަރުގެ ހދ. އަތޮޅު ޤުރުއާން މުބާރާތް، މިއަހަރުގެ އޮކްޓޫބަރު މަހުގެ 6 ން 8 އަކަށް ބޭއްވުމަށް ކައުންސިލުން ނިންމަވައިފިއެވެ.

މިއަހަރުގެ އަތޮޅު ޤުރުއާން މުބާރާތް، އޮކްޓޫބަރު މަހުގެ 6 ން 8 އަށް ބާއްވަން ކައުންސިލުން ނިންމާފައިވަނީ މިއަދު ބޭއްވުނު 4 ވަނަ ދައުރުގެ 54 ވަނަ ޢާންމު ބައްދަލުވުމުގައެވެ.

ޤުރުއާން މުބާރާތް ބާއްވާނެ ރަށެއް ކަނޑައެޅުމަށްޓަކައި، ޝައުޤުވެރިކަންހުރި ކައުންސިލްތަކަށް އެފުރުޞަތު މިހާރުވަނީ ހުޅުވާލާފައެވެ.

ބަލައިގެން ކިޔެވުމުގެ ގޮތްޕާއި، ނުބަލާ ކިޔެވުމުގެ ގޮފި ހިމެނޭގޮތަށް، މިއަހަރުގެ މުބާރާތް ބަހާލާފައިވަނީ ޖުމްލަ 6 ޢުމުރު ފުރާއަކަށެވެ. އެއީ 6 އަހަރުން ދަށް، 9 އަހަރުން ދަށް، 12 އަހަރުން ދަށް، 15 އަހަރުން ދަށް، 18 އަހަރުން ދަށް އަދި 18 އަހަރުން މަތީގެ ޢުމުރު ފުރާއެވެ.

މިމުބާރާތަކީ، އަތޮޅުގެ ރައްޔިތުންގެ މެދުގައި ކީރިތި ޤުރުއާނަށް ލޯބި ޖެއްސުމާއި، ޤުރުއާން ކިޔެވުމުގެ ފަންނު އާލާކޮށް ދިރުވުމުގެ މަޤްސަދުގައި ކޮންމެ އަހަރަކު އަތޮޅު ކައުންސިލުން ބާއްވާ މުބާރާތެކެވެ. ނަމަވެސް، ކޮވިޑް 19 ގެ ހާލަތާ ގުޅިގެން މިދިޔަ އަހަރު މިމުބާރާތް ބާއްވާފައެއް ނުވެއެވެ.