މިނިވަން ދުވަހުގެ ދިދަ ނެގުމުގެ ރަސްމިއްޔާތު ބާއްވައިފި

ރާއްޖޭގެ 58 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި ޤައުމީ ދިދަ ނެގުމުގެ ޚާއްޞަ ރަސްމިއްޔާތެއް ބާއްވައިފިއެވެ.

26 ޖުލައި 2022 ގައި ހދ. އަތޮޅު ކައުންސިލްގެ އިދާރާގައި ބޭއްވި މިރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވައި، ޤައުމީ ދިދަ ނަންގަވައި ދެއްވީ ހދ. އަތޮޅު ކައުންސިލްގެ ރައީސް އަލްފާޟިލް މުޙައްމަދު ސިރާޖެވެ.

މިނިވަންދުވަހުގެ ދިދަ ނެގުމުގެ ރަސްމިއްޔާތު ކީރިތި ޤުރުއާނުގެ ބަރަކާތުން ފައްޓަވައި ދެއްވީ، ހދ.އަތޮޅު ތަޢުލީމީ މަރުކަޒުގެ ދަރިވަރު އިބްރާހީމް މަލްސޫން މުޙައްމަދެވެ. މިރަސްމިއްޔާތުގައި ޤައުމީ ދިދަ ނަންގަވައި ދެއްވުމަށްފަހު، ހދ. އަތޮޅު ކައުންސިލްގެ ރައީސް ވާހަކަފުޅު ދެއްކެވިއެވެ. ރައީސްގެ ވާހަކަފުޅުގައި، ސިޔާސީ ގޮތުން ހިޔާލު ތަފާތުވީ ކަމުގައިވިޔަސް މިނިވަންކަމަށް ބުރޫ އަރައިދާނެ އެއްވެސް ކަމެއް އެއްވެސް މީހަކު ކޮށްގެން ނުވާނެކަމަށާއި މިނިވަންކަން ދެމެހެއްޓުމަކީ ހުރިހާ އެންމެންގެވެސް ޒިންމާއެއްކަމުގައި ހަދަން ޖެހޭކަމަށް ވިދާޅުވިއެވެ.

މިރަސްމިއްޔާތުގައި ހދ.އަތޮޅު ކައުންސިލާއި ކުޅުދުއްފުށީ ސިޓީ ކައުންސިލްގެ މެންބަރުންނާއި މުވައްޒަފުން، އަދި ކުޅުދުއްފުށީގައިހުރި މުއައްސަސާތަކުގެ ވެރީންނާއި މުވައްޒަފުން ބައިވެރިވެލެއްވިއެވެ. މިނިވަން ދުވަހުގެ މުނާސަބަތުގައި އަތޮޅުގެ ހުރިހާ ރަށެއްގައިވެސް ދިދަ ނެގުމުގެ ރަސްމިއްޔާތު ބާއްވާފައި ވެއެވެ.