ރަށްރަށުގައި ހުރި މުހިންމު ކަންބޮޑުވުންތައް ހިއްސާ ކުރެއްވުމަށް އަތޮޅު ކައުންސިލުން މާލެއަށް ދަތުރެއް ކުރައްވައިފި

އަތޮޅުގެ ރަށްރަށުގައި ހުރި މުހިންމު ކަންބޮޑުވުންތަކާބެހޭ ގޮތުން މާލޭގެ ވުޒާރާތަކާއި މުއައްސަސާތަކާއެކު މަޝްވަރާ ކުރެއްވުމަށްޓަކައި ހދ.އަތޮޅު ކައުންސިލުން މާލެއަށް ދަތުރެއް ކުރައްވައިފިއެވެ.

2022 ސެޕްޓެމްބަރ 13 އިން 19 އަށް އަތޮޅު ކައުންސިލުން ކުރެއްވި މިދަތުރުފުޅުގައި ގިނަ މުއައްސަސާތަކުގެ އިސްބޭފުޅުންނާ ބައްދަލު ކުރައްވައި، ރައްޔިތުންގެ ކަންބޮޑުވުންތަކާއި، އަތޮޅުގެ ތަރައްޤީއަށް ދިމާވެފައިވާ ގޮންޖެހުންތަކާމެދު މަޝްވަރާ ކުރައްވާފައި ވެއެވެ. އެގޮތުން، ނާއިބު ރައީސް އަލްފާޟިލް ފައިސަލް ނަސީމާއި، މިނިސްޓަރ އޮފް އިސްލާމިކް އެފެއާރޒް، މިނިސްޓަރ އޮފް އެންވަޔަރަންމަންޓް، މިނިސްޓަރ އޮފް ޔޫތު އެންޑް ސްޕޯރޓްސް، މިނިސްޓަރ އޮފް ހޯމް އެފެއާޒް، މިނިސްޓަރ އޮފް ޓްރާންސްޕޯރޓް، އަދި މިނިސްޓަރ އޮފް ޓޫރިޒަމްއާ ބައްދަލު ކުރައްވާފައި ވެއެވެ.

މީގެ އިތުރުން އެޑިއުކޭޝަން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރގެ އިތުރުން ސިވިލް ސަރވިސް ކޮމިޝަން، ލޯކަލް ގަވަމަންޓް އޮތޯރިޓީގެ އިސްބޭފުޅުންނާއި، އެމް.ޓީ.ސީ.ސީގެ ސީ.އީ.އޯ އަދި އެސް.ޓީ.އޯ.ގެ މެނޭޖިންގ ޑިރެކްޓަރާވެސް ބައްދަލު ކުރައްވާފައި ވެއެވެ.

މިބައްދަލުވުންތަކުގެ ސަބަބުން، ކައުންސިލްގެ މަސައްކަތްތައް ބައްޓަން ކުރަންވީ ގޮތާއި، އަތޮޅުގެ ތަރައްޤީގެ މަޝްރޫޢުތައް ހިނގާ ގޮތުގެ އެންމެ ފަހުގެ މަޢުލޫމާތު ލިބިފައި ވެއެވެ. މިދަތުރުފުޅުގައި ބައްދަލު ކުރެއްވުމަށް އެދިވަޑައިގެންފައިވާ ފަރާތްތަކުގެ ތެރެއިން މިނިސްޓަރ އޮފް ފިނޭންސް، މިނިސްޓަރ އޮފް ނެޝަނަލް ޕްލޭނިންގ އަދި މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓާ ބައްދަލު ކުރެއްވުމަށް ފުރުޞަތު ލިބިވަޑައިގެންފައި ނުވެއެވެ.